ނިމިގެން ދިޔަ އަހަރަކީ ވެސް ބޮލީވުޑުން ފެންވަރު ރަނގަޅު ފިލްމުތަކެއް ފެނިގެން ދިޔަ އަހަރެކެވެ. "މޭރީ ކޮމް" އާއި "ކުއީން" އަދި "ހައިވޭ" އާއި "ހައިދަރު" ފަދަ ފިލްމުތަކަކީ ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ނަންތަކެވެ.
ކުރިއަށް ހުރި ފިލްމުތަކަށް ބަލާލުމުގެ ކުރިން މިއަހަރުގެ މިހާތަނަށް ނުކުމެފައިވާ ފިލްމުތަކުގެ ނިކަން ފާހަގަކޮށްލެވޭ ފިލްމެއް ވެސް އެބައޮތެވެ. އެއީ ނަވާޒުއްދީން ސިއްދީގީ އާއި ވަރޫން ދަވަން ލީޑް ރޯލު ކުޅެފައިވާ "ބަދްލާޕޫރު" އެވެ. ބުނެވޭ ގޮތުގައި މިއީ މި އަހަރުގެ މިހާތަނަށް ބޮލީވުޑުން ނެރުނު އެންމެ މޮޅު ފިލްމެވެ.
މި ފިލްމަކީ މި އަހަރުގެ ބޮލީވުޑްގެ ފިލްމުތަކަށް ބަލާއިރު ދެ ވަނަ އަށް އެންމެ ބޮޑު ވިޔަފާރިއެއްވެސް ކޮށްފައިވާ ފިލްމެވެ.
ކުރިއަށް ހުރި ފިލްމުތަކަށް ޖެހިލާއިރު މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ބަޖީރާއޯ މަސްތާނީ" އިން ފަށައިގަންނަމާ ހިނގާށެވެ.
މިއީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" އަދި "ބްލެކް" އާއި "ރާމްލީލާ" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދީފައިވާ ބަންސާލީގެ އަށް ވަނަ ޑައިރެކްޝަނެވެ. އޭނާގެ މި ފިލްމުގެ ތަރިންނަކީ ރަންވީރު ސިންގާއި ދީޕިކާ ޕަދުކޯން އާއި ޕްރިޔާންކާ ޗޯޕްރާ އެވެ.
މިއީ ވެސް ބަންސާލީ އެންމެފަހުން ގެނެސްދިން "ރާމްލީލާ" ފަދަ ލޯބީގެ ތާރީޚީ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ދައްކުވައި ދޭނީ އިންޑިއާގައި 1674 ވަނަ އަހަރުން ފެށިގެން 1818ގެ ނިޔަލަށް ދެމިއޮތް މަރާތާ އެމްޕަޔާގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގައިވާ ބަޖީރާއޯ އެއް ވަނައިގެ ހަޔާތެވެ. އޭނާ އަކީ ހަނގުރާމައިގެ މައިދާނަށް ނިކަން ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ވެރިއެކެވެ.
ޕްރިޔާންކާ އާއި ދީޕިކާ ފެނިގެންދާނީ އޭނާގެ އަނބިއަނބިކަނބަލުންގެ ރޯލުންނެވެ.
މި ފިލްމަކީ ބަންސާލީ ވަރަށް ކުރިން އިއުލާނުކޮށްފައިވާ ފިލްމެކެވެ. އެގޮތުން 2003 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ މި ފިލްމުގެ މަސައްކަތް އިއުލާނުކުރީ ލީޑް ރޯލަށް ސަލްމާން ޚާން އާއި އައިޝްވާރިޔާ ރާއީ ގެންނާނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ ދެ މީހުންގެ ލޯބީގެ ކުޅިގަނޑު އެ ދުވަސްވަރު ރޫޅިގެން ދިއުމުން ފިލްމަށް އެ ދެ ތަރިން ނުނެގީ އެވެ.
މި ފިލްމު ބެލުންތެރިންނާ ހަމަ އަށް އައުމުގެ ދަތުރު އެންމެފަހުން ފަށާފައިވާއިރު ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހު އެވެ.
މިއީ ވެސް ބޮލީވުޑްގެ ލޯބީގެ ފިލްމުތަކަށް އިންތިޒާކުރާ ފަރާތްތަކުން ބަލަން ޖެހޭ ވަރުގެ ފިލްމެކެވެ. މަޝްހޫރު ރަންބީރު ކަޕޫރާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދުކޯނަކީ މި ފިލްމުގެ ތަރިންނެވެ.
މިއީ މި ފިލްމުގެ ފޯރި އިތުރަށް ގަދަވެފައިވާ މައިގަނޑު ސަބަބު ވެސްމެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ކާމިޔާބު ފިލްމުތައް ކަމުގައިވާ "ޖަބް ވީ މެޓް" އާއި "ލަވް އާޖު ކަލް" އަދި "ރޮކްސްޓާ" ފަދަ ފިލްމުތައް ގެނެސްދީފައިވާ އިމްތިއާޒު އަލީ އެވެ. އޭނާގެ "ތަމާޝާ" ޝޫޓްކުރަމުން ދަނީ ފްރާންސްގަ އެވެ.
އޮސްކާ ހާސިލުކޮށްފައިވާ އޭ އާރް ރަހްމާންގެ މިއުޒިކާ އެކު މި ފިލްމު ބެލުންތެރިންނާ ހަމަ އަށް އަންނާނީ އަންނަ އަހަރު އެވެ.
މިއީ ބޮލީވުޑްގެ ސުޕަސްޓާ، ޝާހުރުކް ޚާންގެ ކުރިއަށް އޮތް ފިލްމެވެ. މިއީ މި އަހަރު ޝާހުރުކް ޚާންގެ ފޭނުންނަށް އޮތް އެންމެ ބޮޑު ހަދިޔާ އެވެ.
ނަމަވެސް މި ފިލްމުގައި ޝާހުރުކް ފެނިގެންދާނީ ސުޕަސްޓާރެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ ހަގީގީ ދިރިއުޅުމުގައި އޭނާ ފަހަތުން ދުވާ "ފޭނުން" ފަދައިން ކޮންމެވެސް މަޝްހޫރު މީހަކާ ހެދި މޮޔަވެފައިވާ ފިރިހެނެއްގެ ރޯލުންނެވެ. މި ފިލްމުން ޝާހުރުކާ އެކު ދެން ފެނިގެންދާނީ "ބަރްފީ" އިން ވިދާލި އިލީނާ ޑެކްރޫޒް އާއި "ޝުދް ދޭސީ ރޮމޭންސް" ގެ ބަތަލާ ވާނީ ކަޕޫރެވެ.
މިއީ އެކްޝަން ތަރި އަކްޝޭ ކުމާރުގެ އާ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ "އަގްނީޕަތު" ގެ ޑައިރެކްޓަރު ކަރަން މަހޯތުރާ އެވެ.
މިއީ ހޮލީވުޑްގެ މަޝްހޫރު ފިލްމު "ވޮރިއާ" ގެ ރީމޭކެކެވެ. އެ ފިލްމަކީ ގެވިން އޯކޯނާ ޑައިރެކްޓްކޮށް ޓޮމް ހާޑީ އާއި ޖޮއެލް އެޑްގާޓޮން ލީޑް ރޯލުކުޅެފައިވާ ފިލްމެކެވެ.
މި ފިލްމުގެ އޮފިޝަލް ރީމޭކެއްގެ ގޮތުގައި އުފައްދާ ބޮލީވުޑްގެ ފިލްމުގައި އަކްޝޭއާ އެކު ފެނިގެންދާނީ ސިދްރަތު މަހޯތުރާ އެވެ. މީގެ އިތުރުން ސްރީ ލަންކާގެ ބަތަލާ ޖެކްއެލިން ފެނާންޑޭޒް އާއި ޖެކީ ޝްރޮފްގެ އިތުރުން ހާއްސަ ފެނިލުމެއްގައި ކަރީނާ ކަޕޫރު ވެސް ކާސްޓްގައި ހިމެނެ އެވެ.
މި ފިލްމު މި އަހަރުގެ އޯގަސްޓް މަހު ބެލުންތެރިންނާ ހަމަ އަށް އަންނާނެ އެވެ.
މިއީ މި އަހަރު ބޮލީވުޑުން ނުކުންނަ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ ފިލްމެވެ. މި ފިލްމަކީ ބޮލިވުޑްގެ ރަހަތައް ބަދަލުކޮށްލި މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝިޔަޕްގެ އާ ފިލްމެވެ. އޭނާ އަކީ "ގޭންގްސް އޮފް ވަސެޕޫރު" އާއި "ބްލެކް ފްރައިޑޭ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރެވެ.
އޭނާގެ "ބޮމްބޭ ވެލްވެޓް" އަކީ ތާރީޚީ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ދައްކުވައި ދޭނީ 1960ގެ އަހަރުތަކުގައި މަޝްހޫރުކަން ހޯދާ ބޮކްސިން ތެޅުންތެރިއެއް ކަމުގައިވާ ޖޮނީ ބަލްރާޖުގެ ވާހަކަ އެވެ. އޭނާ އާއި ޖޭޒް ލަވަކިޔުންތެރިއެއް ކަމުގައިވާ ރޯޒީގެ ވާހަކަ ގުޅިގެން ދާ ގޮތެވެ.
މި ފިލްމުގެ މި ދެ ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ އެވެ. މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ފެނިގެންދާނީ ނުބައިބައި ރޯލުންނެވެ. މިއީ އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު ކަރަން ޖޯހަރު އެކްޓަރެއްގެ ގޮތުގައި އެނބުރި އަންނަ ފުރަތަމަ ރޯލެވެ.
މި ފިލްމު މެއި 15 ގައި ސިނަމާތަކަށް ނެރޭނެ އެވެ.