ރާއްޖޭގެ އެންމެ ބޮޑު އެއް ކުޅިވަރު އެސޯސިއޭޝަން، އެފްއޭއެމް އިންތިހާބު ކުރަން ފެށީންސުރެ މިިހާތަނަށް ދައުރު ފުރިހަމަ ކުރެވުނި ކުރީގެ ރައީސް އަލީ އާޒިމުގެ އެކްސްކޯއަށް އެކަންޏެވެ. އޭގެ ފަހުން އައި ދެ އެކްސްކޯއަށް ވެސް ކަރިމަތިވީ އެއްކަހަލަ މައްސަލައެކެވެ. ދައުރު ފުރިހަމަ ނުވެ މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓެ އެވެ.
މިދިއަ އާދީއްތަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބަށް ފަހު އަނެއްކާވެސް ރާއްޖޭގެ ފުޓްބޯޅައިގެ އަޑުތައް ގިނަވެއްޖެ އެވެ. ގިނަ ޕްލޭންތަކެއްގެ ވާހަކަ ދެކެވިއްޖެ އެވެ. ނަމަވެސް މާޒީ ތަކުރާރުވެ އެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާ ނުލެވިއްޖެނަމަ ހުރިހާ ގެއްލުމެއް ދިވެހިންނަށާއި ދިވެހި ފުޓްބޯޅަ އަށެވެ.
"އިންތިހާބަށްފަހު، ކުރިން ދިމާވި ފަދަ މައްސަލައެއް ދިމާވެއްޖެނަމަ ރައްޖޭގެ ފުޓްބޯޅަ އަރައި ނުގަނެވޭވަރުގެ ފުން އަނދަވަޅަކަށް ވެއްޓޭނެ އެފަދަ ދުވެހެއް އިމޭޖިން ކުރަންވެސް ބޭނުމެއް ނޫން އާ އެކްސްކޯ އަށްވެސް ދަންނަވާނީ މި މަސައްކަތް ރަނގަޅަށް ގެންގޮސްދޭށޭ" ކުރިން ޓީސީ ސްޕޯޓްސް ކުލަބުގެ ރައީސް ކަން ކުރެއްވި މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވިއެވެ.
އެފްއޭއެމްއަށް ކޮންމެ ރައީސަކު އަދި ކޮންމެ އެކްސްކޯއެއް ވެސް އަންނަނީ ފުޓްބޯޅައިގެ ގިނަ އުންމީދުތަކާއެކު އެވެ. އާ ހިޔާލުތަކާއި އާ ޕްލޭންތަކާއެކު އެވެ. ނަމަވެސް މައްސަލަތައް ފެންމަތިވިއެވެ. ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށް ވެސް ދިމާވީ މި މައްސަލައެވެ. އެފްއޭއެމްގެ އިންތިހާބީ ފުރަތަމަ ރައީސް އަލީ އާޒިމުގެ ނަޒަރުގައި ޓޮމް އަށް ދިމާވި މައްސަލައަކީ ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާ މަދުވުމެވެ.
"މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކު ނުވެދާނެ ފުޓްބޯޅަ ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރި މީހަކަށް އަޅުގަނޑު އެފްއޭއެމްގައި ހުރިއިރު އަޅުގަނޑު ދެއްކި އެއް ވާހަކަ އެއީ އެފްއޭއެމްގެ ރައީސް އަކަށް އައުމުގެ ޝަރުތުތަކުގެ ތެރޭގައި އަހަރުތަކެއް ކުލަބުތައް ހިންގުމުގެ ނުވަތަ ފުޓްބޯޅަ ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައި ހުރި މީހެއް ކަމުގައި ވާންޖެހޭނޭ އޭރު ޓޮމްވެސް އެ ހިޔާލާ ދެކޮޅު،" މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުގައި އާޒިމު ވިދާޅުވި އެވެ.
ކޮންމެ ތަނަކަށް ކޮންމެ ބަޔަކު ދިޔަ ކަމުގައި ވީނަމަވެސް އެކަން ކުރާ ބައެއްގެ މަސައްކަތަކަށް ވާންޖެހޭނީ އެތަނެއް ނުވަތަ އެކަމެއް ރަނގަޅު ކުރުމެވެ. ފުޓްބޯޅައަށް އަދި އެފްއޭއެމްއަށް ވެސް އޮތީ އެ އުސޫލެވެ. ފުޓްބޯޅައިގެ ނަތީޖާ ނެރެނީ ދަނޑުމަތީގަ އެވެ. ނަމަވެސް އެހީސާބަށް ދިއުމުގެ ކުރިން ގިނަ ފިޔަވަޅުތަކެއް އަޅައި ގިނަ މަސައްކަތް ކުރަންޖެހެއެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކުރިން ކުރެއްވި އަދި ބާސެލޯނާގެ ޔޯހާން ކައިރައިފް އިންސްޓްޓިޔުޓުން ސްޕޯޓްސް މެނޭޖްމެންޓް ދާއިރާގެ އިތުރުން ސްޕޯޓްސް ޕްލޭނިންގެ ދާއިރާއިން މާސްޓާސް ހާސިލު ކުރެއްވި ވިކްޓްރީ އާއި އައިއެފްސީގެ ކުރީގެ ކޯޗް މައުރޫފް އަހްމަދު ބުނި ގޮތުގައި އެފްއޭއެމް އަށް ސިޔާސީ ނުވަތަ ސީޔާސީ ނޫން ބޭފުޅަކު ދިޔަ ކަމުގައި ވީނަމަވެސް އެމީހަކު ދިޔައީ ކީއްކުރަންތޯ އަމިއްލަ އަށް ސުވާލު އުފައްދަން ޖެހެ އެވެ. އަދި ކޮންމެ މިހަކު އެފްއޭއެމްއަށް ދިޔަ ކަމުގައި ވިޔަސް އެމީހެއްގެ ނިޔަތް ވާން ޖެހޭނީ މިހާރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމެވެ.
"ފުޓްބޯޅަ އަކީ ރާއްޖޭގެ މުޅި އާބާދީ އަށް ހާއްސަކޮށް ޒުވާނުނަށް ވަރަށް ބޮޑަށް ހިއްސާ ކުރާ އެއްޗެއް އެހެންވީމަ ފުޓްބޯޅައިގެ ހާލަތު ދެނެގަންނަން އެބަޖެހޭ އެވިޑެންސް ބޭސްޑް އެކަޑަމިކް ލެވަލެއްގައި އެކަމާ ގުޅުންހުރި ހުރިހާ ސްޓޭކް ހޯލްޑަރުން މެދުވެރިކޮށް،" މާއްޓޭ ބުންޏެވެ.
މާއްޓޭ ބުނި ގޮތުގައި ފުޓްބޯޅައިގެ ހާލަތު ދެނެގަތުމުގައި ފުޓްބޯޅަ ހިއްސާ ކުރާ އެންމެންގެ އަޑު އެހިގެން ކުރިއަށްދާ ޖެހެ އެވެ.
"ކުރިން މިދެންނެވި އެވިޑެންސް ބޭސްޑް މައުލޫމާތުގެ އަލީގައި ހުރިހާ ހިޔާލު ތަކާއި ހެކި ތަކެއް ގެނެސްގެން ކުޅިވަރާ ބެހޭ އެކްސްޕާޓެއްގެ އެހީގައި ދެން ކުރިއަށްދާން ޖެހޭ ގޮތެއް އެކުލަވާލަން ޖެހޭ."
ފުޓްބޯޅަ އަކީ ގިނަ ބަޔަކު ޝައުގުވެރިވާ ޕްރޮޑެކްޓެކެވެ. އެ ޕްރޮޑެކްޓްގެ ނަތީޖާއަކީ ދަނޑުމަތީގައި ދެ ޓީމެއްގެ ކުރިމަތިލުމެވެ. އެއީ ކުލަބު ލެވަލް ނުވަތަ ގައުމީ ޓީމު ކަމުގައި ވީނަމަވެސް ފައިނަލް ޕްރޮޑެކްޓަކީ ދަނޑުމަތީގައި ފެންނަ އެއްޗެކެވެ. މާއްޓޭ ބުނީ އެ ޕްރޮޑެކްޓަކީ މީހުން ޝައުގުވެރިވާ ކޮލިޓީ ޕްރޮޑެކްޓަކަށް ވެގެންދަނީ އޭގެ ފަހަތުގައި ގިނަ ކަންކަމެއް ފުރިހަމަ ވެގެން ދިއުމުން ކަމަށެވެ.
"އައިފޯނެއް ވެސް މާކެޓަށް ނެރެ މީހުންގެ ޝައުގުވެރިކަން އެ ޕްރޮޑެކްޓަށް ގެންދަނީ އޭގެ ފަހަތުގައި ގިނަ ދިރާސާތަކާއި ގިނަ ހިޔާލުތަކެއް ނެރެ އެތައް ޕްރޮސެސް ތަކެއް ކަޑަތުކޮށް ސްޓަޑީ ކޮށްގެން ގިނަ ބަޔަކަށް ކަމުދާ ޕްރޮޑެކްޓެއް މި ނެރެވެނީ." މާއްޓޭ ބުންޏެވެ.
ދެހާސް އަށް ވަނަ އަހަރުގެ ފަހުން ފުޓްބޯޅައިން ރާއްޖޭގެ ސީނިއާ ޓީމަށް ތައްޓެއް ލިބިފައެއް ނުވެއެވެ. ދެހާސް ބާރަ ވަނަ އަހަރު ޒުވާން ގައުމީ ޓީމު ވަނީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެ މުބާރާތުގެ ކާމިޔާބަށް ފަހު އެ ޓީމާމެދު ގިނަ ބަޔަކު ފޮނި އުންމިދުތަކެއް ކުރިއެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތުގައި މަސައްކަތް ނުކުރެވުމުގެ ނަތީޖާއަކީ އެޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަށް ސީނިއާ ގައުމީ ޓީމުންވެސް މިހާރު ޖާގަ ނުލިބުމެވެ.
"މިއީ ހަމައެކަނި ޓެކްނިކަލް ވިސްނުމަކުން ކުރެވެން އޮތް ކަމެއް ނޫން އެއް ފެންވަރެއްގައި ކުރިއަށް ގެންދެވޭނީ އޭގެ ކުރިން މެނޭޖުމެންޓް ލެވަލްގައި ސަސްޓެއިން ކޮށް ކުރިއަށް ގެންދެވޭނެ ގޮތަކަށް ރޭވިގެން،" މާއްޓޭ ވަހަކަ ދެއްކިއެވެ.
މާއްޓޭ ބުނި ގޮތުގައި އޭގެތެރެއިން ކުލަބުތައްވެސް އުސޫލުތެއްގެ މަތިން އިންސްޓްޓިޔުޓް ލެވަލެއްގައި ހިނގާ ތަންތަނަށް ވާންޖެހޭނެ އެވެ. ކުލަބުތަކުން އެކުލަބުގެ ކަސްޓަމަރުންނަށް ނުވަތަ ސަޕޯޓަރުންނަށް ވިއްކާ ސާވިސްއަކީ ކޮލިޓީ ސާވިސްއަކަށް ހެދޭނެ ގޮތަކަށް ރާވަން ޖެހޭނެ އެވެ.
"އެކްސްކޯގައި މަޝްވަރާ ކޮށްލާފައި ޓަސްލާފަ ނިންމާފާނެ ލީގް ޕްރިމިއާ ލީގަކަށް ބަދަލު ކޮށްލަން އެއީ އެކްސްކޯ އިން ނިންމާލައިގެން ފަރުޖައްސާލެވެން އޮތް ކަމެއް ނޫން އެއީ ސްޓްރެޓެޖިކް ސްޓަޑީތަކެއް ހެދުމަށްފަހު ގެންނަން ޖެހޭނެ ބަދަލުތަކެއް."
ކުލަބުތަކަށް ކޮންމެ އަހަރަކު މިލިއަނުން ފައިސާ ދިނުމަކީ އެފްއޭއެމްއަށް ދެމެހެއްޓިނިވި ގޮތުގައި ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ އަހަރަކު ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާގެ ފައިސާ ދޭއިރު އޭގެ ތެރޭގައި ކުލަބުތައް ހިންގުން ހަރުދާނާ ކުރުމަށް އެފްއޭއެމުން ކުލަބުތަކަށްވެސް ބާރު އަޅަންޖެހޭނެ އެވެ. މިހާރު ކުލަބުތައް އޮންނަނީ ވިޔަފާރިވެރިޔަކު ނުވަތަ ޕޮލިޓީޝަނަކު ހަވާލު ވެއްޖެއްޔާ ނުނީ މުސާރަ ވެސް ނުދެވޭ ހާލަތެއްގަ އެވެ. ކޮންމެ އަހަރަކު އެފްއޭއެމުންދޭ ފައިސާއަށް ބަރޯސާވުމަކީ އެފްއޭއެމްއަށް ސަސްޓެއިން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ އެފްއޭމުންވެސް ކުލަބުތަކަށް ދޭ ފައިސާ އިން އިންސްޓިޔުޝަން ލެވަލްގައި ކުލަބުތަކަށް ހިންގަން ބާރު އަޅަން ޖެހޭނެ އެވެ.