ރިޕޯޓް

ނަޝީދަށް ވަހީދަކީ ފަސް ޕަސެންޓް! މާރިޔާއަށް އެއީ ބިއްލޫރިމޫސަ!

Nov 25, 2016
12

މީހަކާމެދު ބޭއިންސާފުވެވޭނީ މިވަރަށް ނޫންތޯ އެވެ؟ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބަޔޮގްރަފީ "އިންސާފު" ގެ 178 ވަނަ ސޮފުހާ: ފެބުރުއަރީ ހަވަނަ ދުވަހުގެ ރޭ މާލޭގެ މަސްރަހު ގޯހުންގޯހަށް ބަަދަލުވުމާއެކު ހިލާލީގޭގައި ހުންނެވި ނައިބު ރައީސް ޑރ. ވަހީދު ދިޓީވީއަށް ކުރު ބަޔާނެއް ދެއްވި އެވެ. އޭގެ މައިގަނޑަކީ ގާނޫނާއި މަސްލަހަތު އިސްކުރުމެވެ. އޭރު މުލިއާގޭގައި ރައީސް މުހައްމަދު ނަޝީދު އިންނެވީ ރައީސް ޓީވީ ބައްލަވަން އިންނަވާ ފެންޑާގަ އެވެ. އެތާނގައި މާރިޔާ އަހުމަދު ދީދީ އާއި އަލްހާން ފަހުމީ ވެސް އިންނެވި އެވެ. ނައިބު ރައީސް ބަޔާން ދެއްވުމުން ރައީސް އަރިހުގައި އަލްހާން ދެންނެވީ "ރައީސެވެ. މިހާރު ނައިބު ރައީސް ވެސް މި ވާހަކަފުޅު ދައްކަވަނީ އޮޕޮޒިޝަނާ އެއްކޮޅަށް ނޫންތޯ އެެވެ؟ އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރު މިއޮތީ ތަންކޮޅެއް ސީރިއަސް ހިސާބަކަށް ގޮސްފައެވެ،"

އަލްހާން އެހެން ދެންނެވުމުން މާރިޔާ "ޕިސް" އެއް ކަނޑުއްވައި ވިދާޅުވި އެވެ. "އެއީދެން ކާކު ހެއްޔެވެ؟ އަޅުގަނޑުމެންތެރޭގައި ޑރ. ވަހީދާ އެއްވަރު މީހަކަށް އުޅޭނީ ބިއްލޫރި މޫސަ އެވެ." އެވަގުތު އަލްހާން ހިތްހަމަ ނުޖެހި ވިދާޅުވީ މާރިޔާ އެ ވިދާޅުވަނީ ނައިބު ރައީސަކީ ބިއްލޫރި މޫސައާ އެއް ދަރަޖައިގެ ބޭފުޅެކޭ އެވެ. އެއީ ތެދެއް ހެއްޔެވެ؟ އަލްހާނަށް އެކަން ގަބޫލު ކުރަން ދަތިވީ އެވެ.

ދުވަސް ބަދަލުވެގެން އައި ގޮތް ދެކޭށެވެ. އިންސާފުން އެއްކިބާވެ ބާކީ ކޮށްލެވި،"ބިއްލޫރި މޫސަ" އެއް ދަރަޖައަށް ވައްޓާލެވުނު ނައިބު ރައީސް ވަހީދު ޖެހިގެން އައި ދުވަހުވެ ވަޑައިގެންނެވީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަތިވެރި މަގާމަށެވެ.

ވަހީދަކީ ފަސް ޕަސެންޓް!

ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލު ކުރުމާ ގުޅިގެން އެމްޑީޕީ އާއި ރާއްޖެއިން ބޭރުން ސަރުކާރަށް ޕްރެޝަރު ކުރަމުން ދިޔައީ އިންތިހާއަށެވެ. އިނގިރޭސިވިލާތާއި އިންޑިއާ އޮސްޓްރޭލިއާ އާއި ކެނެޑާއި އާއި އެމެރިކާއި ޔޫރަޕިއަން ޔޫނިއަން އާއި ކޮމަންވެލްތު އަދި އދ. އިން ހީވީ ދުނިޔެ "ގިޔާމަތް" ވެގެން އުޅުނީ ހެނެވެ. އެ ހުރިހާ ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ރައީސް ވަހީދެވެ.

އިންތިހާބު އަލުން ބޭއްވިއަ ނުދޭން ވަހީދު މަސައްކަތް ކުރަވާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް އޮތެވެ. ހާއްސަކޮށް ބާތިލު ކުރި އިންތިހާބުގައި އެމަނިކުފާނަށް ފަސް ޕަސެންޓް ލިބި ވަޑައިގެން އެމަނިކުފާނުގެ ތާއީދު ގާތްގަނޑަކަށް ކަށަވަރުވެފައިވާތީ އާއި އިންތިހާބު ބާތިލުކުރުމުން ޕްރެޝަރު ޖެއްސި އެންމެންގެ އިލްޒާމުތައް ކެނޑުނީ ރައީސްގެ ބޮލަށެވެ. އޭރު ވަހީދު ހުންނެވީ ދެވަނަ ފަހަރަށް ވާދަ ނުކުރައްވަން ނިންމަވައިގެނެވެ.

ސުޕްރީމް ކޯޓުން ނިންމި ގޮތަށް ފުރަތަމަ ބުރު ބާއްވަން ކަނޑައެޅި ގޮތަކަށް ނުހިނގި އެވެ. ދެން އިއުލާން ކުރި އިރު ރިޔާސީ ދައުރުގެ މުއްދަތު ފަހަނަޅައި 11 ނޮވެމްބަރުގައި ރައީސަކުނެތި ގާނޫނީ ހުސްކަމެއްގެ ތެރެއަށް ރާއްޖެ ގެނބެނީ އެވެ. އެ ތާރީހަކީ ނޮވެމްބަރު 16، 2013 އެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވި ރައީސް ޔާމީނާއި ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވަން ރައީސް ނިންމެވި އެވެ. އެއީ އިންތިހާބު އަވަސް ކުރެވޭތޯ އެވެ. އެ ދައުވަތުގައި ހަތަރު ބޭފުޅުން ރައީސް އޮފީހުގައި ބައްދަލުވެ މަޝްވަރާއެއް ކުރެވޭ ގޮތް ނުވެ ހޫނު ޒުވާބެއް ހިނގި ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވުން ފިޔަވައި އިތުރު އެއްޗެއް ސާފުވެފައެއް ނުވެއެވެ.

މިރޭ ރައީސް ވަހީދުގެ ބަޔޮގްރަފީ ނުކުތް އިރު އެ ބައްދަލުވުން ހިނގައި ދިޔަގޮތް ވަރަށް ތަފުސީލުކޮށް ލިޔުންތެރިޔާ މުހައްމަދު ޖަމީލު ވަނީ ގެނެސް ދެއްވާފަ އެވެ. "އިންސާފު" ގެ ނަމުގައި މިރޭ ނެރުނު ބަޔޮގްރަފީގެ 303 ވަނަ ސޮފުހާގައި އޭނާ މިހެން ލިޔުއްވަ އެވެ:

"...ފުރަތަމަ ރައީސް އޮފީހަށް ވަޑައިގެންނެވީ ޔާމީނެވެ. ދެން ނަޝީދެވެ. ގަޑިޖެހުނު އިރުވެސް ގާސިމް ވަޑައެއް ނުގަންނަވަ އެވެ. ރައީސް ކުޑަކޮށް މަޑުކޮށްލެއްވީ ގާސިމް ވަޑައިގަންނަވަން ދެނެވެ. އޭނާ ވަޑައިގެންނެވީ ތަންކޮޅެއް ލަސްކޮށެވެ. އޭނާ ވަޑައިގެންނެވުމުން އޭނާގެ ފަހަތްޕުޅުން ރައީސް އޭގެ ތިން ބޭފުޅުން ތިއްބެވި ކޮޓަރިކޮޅަށް ވަދެވަޑައިގަތެވެ."

ރައީސް ވަދެ ވަޑައިތުމާއެކު ރައީސް ނަޝީދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ވާހަކަފުޅު ދައްކަވާ ގޮތަށް ވިދާޅުވި އެވެ: "ވަހީދު އަހަރެމެންނަށް ތަންތަނަށް ކިޔާފައި ގަޑި ޖެހޭއިރު ވެސް ބައިތިއްބަނީ، އަހަރެމެން މީ ކޮން ބައެއް ކަމަށް ހީކޮށްގެން ހެއްޔެވެ؟ ވަހީދު އަހަރެމެނަށް ކިޔަންވީ ކީއްކުރަން ހެއްޔެވެ؟"

ކޯފާވެގެން ނަޝީދު ވާހަކަފުޅު ދެއްކެވި ނަމަވެސް ރައީސް ވަހީދު އެހާ އެކަމާ އަޅައެއް ނުލައްވާ އިށީނދެ ވަޑައިގެންނެވި އެވެ. އެހިސާބުން ވެސް ނަޝީދު ކޯފާ މަޑެއް ކުރައްވައެވެ. ރައީސް ވަހީދަށް ޖެއްސުން ކުރެއްވަމުން ގެންދެވި އެވެ. އެހެންވެ ރައީސް ވަހީދު ވިދާޅުވި އެވެ.

"ތިބޭފުޅޭ ތީ ހާދަ ލާނެއް ބޭފުޅެކެވެ!"

"ތިގޮނޑީގައި ވަހީދަށް އިންނާކަށް ނުޖެހޭ މިހާރަކު، ތީ އެންމެ ފަސް ޕަސެންޓް ލިބުނު މީހެއްނު، މިއީ މިހާރު ވަހީދަަކާ ބެހޭ ކަމެއް ނޫން." ރައީސް ވަހީދު އެހެން ވިދާޅުވުމާއެކު ނަޝީދު ފުންމައިގެން ތެދުވެ ވަޑައިގެންނެވި އެވެ. ރައީސް ނަޝީދު އެހާ ބޮޑަށް ކޯފާވެ އަޑުގަދަ ކުރައްވަން ފެއްޓެވުމުން އަނެއްކާވެސް ރައީސް ވަހީދު ވިދާޅުވީ "ނޫނެކެވެ. ލާނެއް ބޭފުޅެއް ނޫނެވެ، ތިބޭފުޅާ ތީ ވަރަށް ނުލަފާ ބޭފުޅެކެވެ... އެހެން ނޫންނަމަ ތިޔަގޮތަށް ތިޔަބޭފުޅާ ކަންތަކެއް ނުކުރައްވާނެ އެވެ. ތިޔަ ބޭފުޅާގެ ފަހަތްޕުޅަށް ބައްލަވާލައްވާށެވެ، އަޅުގަނޑު މިތާ މި އިންނަނީ ތިޔަބޭފުޅާގެ ފޮޓޯފުޅު ބަހައްޓައިގެން ނޫން ހެއްޔެވެ؟ އަޅުގަނޑު ތިޔަބޭފުޅާދެކެ ރުޅި އަންނަނަމަ ނޫނީ އިހާނެތިކޮށް ކަންތައް ކުރާނަމަ ތިބޭފުޅާގެ ފޮޓޯފުޅު މިތާނގައި ރައީސް އޮފީުގައި ބަހައްޓައިގެން އިންނަންވީ ކީއްކުރަން ހެއްޔެވެ؟"

އެހިސާބުން ރައީސް ވަހީދުގެ ވާހަކަ ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ. ނަޝީދު ޒުވާބު ފައްޓަވައިފި އެވެ.
"ތިޔައީ އެންމެ ފަސްޕަސެންޓް ލިބުނި މީހެކެވެ. މިއީ ވަހީދަކާ ބެހޭ ކަމެއް ނޫނެވެ. އެންމެ ފަސް ޕަސެންޓް"
"ނޫން ނޫން! އަޅުގަނޑާވެސް ބެހޭނެ އެވެ!
"ނުބެހެވޭނެ! ވަހީދަކާ ނުބެހެވޭނެ، ވަހީދަކީ މިތާ އިންނަވަން ވެސް ޖެހޭ މީހެއްނޫން،" ނަޝީދުގެ އަޑު ކޮޓަރިން ބޭރަށް އިވެއެވެ. އެހާވެސް އަޑު ބާރެވެ.

"އަޅުގަނޑާ ވެސް ބެހޭނޭ އަޅުގަނޑަކީ ވެސް ދިވެހި ރައްޔިތެއް" ވަހީދު ވިދާޅުވި އެވެ.
"އާން ދިވެހި ރައްޔިތެއްގެ ގޮތުން ބެހެވޭނެ... ތިއުޅެނީ އިންތިހާބު ބާއްވާކަށް ނޫން ވަހީދު އިންތިހާބެއް ނުބާއްވާނެ!"
"ދެން ބައްލަވަން ހުންނަވާ... އަޅުގަނޑު ބޭނުމީ އިންތިހާބު ބާއްވަން"

ރައީސް ވަހީދު އެހެން ވިދާޅުވުމާއެކު ރައީސް ނަޝީދު ތެދުވެ ވަޑައިގެންފި އެވެ. އަދި ވިދާޅުވި އެވެ: "މިތަނުގައި އިންނާކަށް ބޭނުމެއް ވެސް ނޫނެވެ"

"ވަހީދު އެބުނީ ބަލާކަށްނު... ބަލާ އަޅުގަނޑު ނީންނާނަން މިދަނީ..."
ރައީސް ނަޝީދު ވަޑައިގަންނަވަން ފެއްޓެވުމާއެކު ގާސިމް ތެދުވެ ވަޑައިގެން ހިފަހައްޓަވައި "އޭ.. އޭ.. ނޫން ނޫނެކޭ!" ވިދާޅުވި އެވެ.

"ދެން ތިޔަހެން ނުހައްދަވާ އިށީންނަވާ" ގާސިމް އެން ވިދާޅުވުމުން ނަޝީދު އިށީންނެވި އެވެ. އެހެންނަމަވެސް ވަރަށް ބޮޑަށް ކޯފާވެފަ އެވެ.
"ވާހަކައެއް ދެއްކޭކަށް ދެން ނެތެއް ނޫންތޯ؟" ހިމޭން ވަގުތުކޮޅަކަށްފަހު ރައީސް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެން ދަނީ" އެހިސާބުން ނަޝީދު އަނެއްކާވެސް ވިދާޅުވި އެވެ. ވޯކައުޓް ކުރައްވާ ނުކުމެ ވަޑައިގެން ބޭރުގައި ތިއްބެވި ބޭފުޅުންނަށް ހިނިތުންވެލައްވާފައިވަޑައިގެންނެވީ އެވެ.

ނަޝީދު ވަޑައިގެންނެވުމުން ރައީސް ވަހީދު ވިދާޅުވީ "ކަން ހުރި ގޮތަކީ މިހުރީ ނޫންތޯ" އެވެ. އެވަގުތު ޔާމީނާއި ގާސިމަށް އެއްފަހަރާ ވިދާޅުވެވުނީ "ނަޝީދު ވަހީދު ދެކެ ލޯބިފުޅުވާލެއްހަމަ ބޮޑީ އެވެ. އެހާ ގޯސްވީ އެހެން ވެގެނެވެ"

އަދި އެވަގުތު އިރުކޮޅަކަށް އިންނަވާފައި ޔާމީން ވިދާޅުވީ "އެއީ އެންމެ މީހެއްގެ ހިޔާލު ނޫން ހެއްޔެވެ؟" އެހިސާބުން އެބައްދަލުވުން ނިމުނީ އެވެ.

ކަން ހިނގާ ދިޔަ ގޮތް ދެކޭށެވެ! އިންތިހާބު ކާމިޔާބު ކުރައްވަން ނަޝީދަށް ބޭނުންފުޅުވީ އެންމެ ފަސް ޕަސެންޓެވެ. ދެވަނަ ބުރުގައި ގާސިމް އަރިހަށް ވަޑައިގެންނެވި ނަމަވެސް ގާސިމް ނަޝީދުގެ އަތްޕުޅަކު ނުހިއްޕެވި އެވެ. ވަހީދާ މެދު ބޭއިންސާފު ނުވެވުނުމަ "ރައީސް ވަހީދުގެ ފަސް ޕަސެންޓް" ހޯއްދަވަން ރައީސް ވަހީދު އަރިހަށް ވަޑައިގަންނަވަން ރައީސް ނަޝީދަށް ކެރި ވަޑައިގަތީހެވެ.