އަންނަ ޑިސެމްބަރު މަހު ބަންގުލަދޭޝްގައި ބާއްވާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމުގެ އެސިސްޓޭންޓް ކޯޗްކަން ރާއްޖޭގެ މިހާރުގެ އެއްވަނަ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ) އަށް ހުށަހަޅައިފި އެވެ.
މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ކޯޗްކަން ކުރަމުންދާ ސަތޯ ގައުމީ އެސިސްޓެންޓް ކޯޗް ކަން ހުށަހެޅިއިރު ހެޑް ކޯޗަކަށް ބޭރުގެ ކޯޗަކު ހަމަޖެއްސުމަށް ހަމަޖެހިފައިވާ ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވިއެވެ. އޭނާ ކުރިން ވިދާޅުވީ ގައުމީ ކޯޗަކަށް ބޭރުގެ ޓްރެއިނަރަކު ހަމަޖެއްސުމަށްފަހު، ހެޑް ކޯޗްކަން ދިވެއްސަކާ ހަވާލު ކުރުމަށް ވިސްނުން ގެންގުޅޭ ކަމަށެވެ.
ވީއޭއެމުން ވަނީ ގައުމީ ޓީމުގެ ޓްރެއިނަރަކަށް ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ސިސަރަ ކްމާރަ ވެންޑަކުން ހަމަޖައްސާފަ އެވެ.
އަވަސްއާ ވާހަކަ ދައްކަމުން ސަތޯ ބުނީ ވީއޭއެމްގެ ހުށަހެޅުމާ ގުޅިގެން އޭނާވެސް ރިއާޔަތް ކުރާ ބައެއް ކަންކަން ހުށަހަޅާފައިވާނެ ކަމަށާއި އަދި އޭގެ ފަހުން ވީއޭއެމްގެ ވަކި ޖަވާބެއް އައިސްފައި ނުވާ ކަމަށެވެ.
"ވީއޭއެމްގެ ހުށަހެޅުމަށް އަޅުގަނޑުވެސް ބައެއް ކަންކަން ހުށަހެޅިން އަދި އޭގެ ފަހުން ވީއޭއެމުން ވަކި ޖަވާބެއް ނުދެއްވާ."
ވީއޭއެމްގެ ރައީސް ލަތީފު ވިދާޅުވީ ސަތޯއާއެކު "ނިގޯޝިއޭޓް" ކުރަމުން ދާ ކަމަށެވެ.