ހަބަރު

ފުލުހުން ވަރުބަލި ކުރަން ބަޔަކު އުޅުނަސް އެކަމެއް ނުވާނެ: ކޮމިޝަނަރު

މާލެ ތެރޭގައި އެކި ކަންތައްތައް ހިންގައިގެން ފުލުހުން ވަރުބަލިކޮށްލަން ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސެން ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ އިންޖީނު ރޫމުގައި ހިނގި އަލިފާނުގެ ހާދިސާގައި ފެނުގެ ހިދުމަތް ކެޑިފައިވާތީ އެމްޑީޕީން އަންނަނީ ކޮންމެ ރެއަކު ސޯސަން މަގުގައި މުޒާހަރާ ންނެވެ. އެ މުޒާހަރާތަކުގައި ހަމަ ނުޖެހުން ހިނގައި ބައެއް އާންމުންނަށާއި ފުލުހަކަށް ވެސް ރޭ ވަނީ އަނިޔާވެފަ އެވެ. 

މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށް ދިނުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފުލުހުންނާ ބައްދަލު ކުރައްވާ ކޮމިޝަނަރު ހުސެން ވިދާޅުވީ ބައެއް ހާލަތްތަކުގައި ފުލުހުން ސަލާމަތީ ހިދުމަތް ދޭ ފަރާތްތައް ވަރުބަލިކޮށް އަދި އުނދަގޫ ކުރުމުގެ ބޭނުުގައި ބައެއް ފަރާތްތަކުން ކަންތައްތަކެއް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް ފުލުުހުން މަސައްކަތް ކުރާނީ ސާބިތު ކަމާއި އެކު އިންސާނީ ހިދުމަތުގައި ކަމަށް ވެސް ހުސެން ވިދާޅުވި އެވެ. ހުސެން ވިދާޅުވި ގޮތުގައި އެކަމުގައި ފުލުހުންގެ ފަރާތުން އެއްވެސް ވަރުބަލިކަމެއް ނުފެންނާނެ އެވެ.

"މި ހާލަތު ބަދަލުކުރުމަށްޓަކައި ފުލުހުން މަސައްކަތްކުރަމުންދަނީ ވަރުބަލި މި ލަފްޒު ފުލުހުންގެ ރަދީފުން ފޮހެލައިގެން. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވަރުބަލިކަމެއްނެތި ފުލުހުންގެ މަސައްކަތްތައް އަބަދުވެސް ކުރިއަށް ގެންދާނެ،" ހުސެން ވިދާޅުވި އެވެ.

ފެން ފޯރުކޮށް ދިނުމުގައި ފުލުހުންގެ މަސައްކަތް ފާހަގަ ކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ ފުލުހުން މި ދަނޑިވަޅުގައި މި ކުރަނީ ވަރަށް އަގު ހުރި ގައުމީ ހިދުމަތެއް ކަމަށެވެ. އަދި އެފަދަ ކޮންމެ މަސައްކަތެއްގައި ވެސް ފުލުހުން ވަރުބަލިވުމެއް ނެތި ސާބިތުކަމާ އެކު މަސައްކަތުގައި ދެމި ތިބޭނެ ކަމަށް ވެސް ހުސެން ވިދާޅުވި އެވެ.