ލައިފްސްޓައިލް

ކައިވެންޏައް ތައްޔާރުވަނީތަ؟

Nov 26, 2016

މިއޮތީ ވެޑިން ސީޒަން ލައިގަތްފަ އެވެ. އެންމެން ވެސް އަވަދި ނެތި މިހާރު އުޅޭނީ ހެދުން ފެހުމާއި ތަފާތު ވައްތަރުގެ ހެއާ ސްޓައިލްތަކާއި ބުރުގާ އަޅާނެ ގޮތްތައް ހޯދައިގެން ކަން ޔަގީނެވެ. އަދި ފާޑުފާޑުގެ ފޭސް މާސްކުތައް ހެދުމަށް ސެލޫން ތަކަށް ގުޅައިގެން ބުކިން ހެދުމުގަ އެވެ. ނަމަވެސް ކައިވެނި ކުރާ ކުއްޖާ ހުރީ މާބޮޑަށް ހާސްވެފައިކަން ޔަގީނެވެ. ސަބަބަކީ ފާޑުފާޑުގެ ނުދަންނަ ފޭސް މާސްކުތައް އުނގުޅައިގެން މޫނު ހަޑިވެދާނެތީ އެވެ.

އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއްނެތެވެ. އިތުބާރު ކުރެވޭ އެއްޗެއް ނޫނީ އެފަދަ ބޮޑު ދުވަހެއް ކައިރި ވެފައި އޮއްވައި ބޭނުން ނުކުރާށެވެ. ސަބަބަކީ އެފަދަ ދުވަހެއްގައި މޫނުމަތީގައި ހުންނަ އުޖާލާކަން މޫނާއި ނުގުޅޭ އެއްޗެއް ބޭނުންކުރެވިގެން ގެއްލިދާނެތީ އެވެ.

ކައިވެންޏަށް ތައްޔާރުވާއިރު ވިސްނަންޖެހޭ ކަންތައް

ހަމުގެ އުޖާލާކަން:

ކައިވެންޏަށް ވަގުތު ކުޑަތަން ނުވަނީސް ހަންއޮމާންކޮށް އުޖާލާކޮށް ބެހެއްޓުމަށް މަސައްކަތް ކުރަންޖެހެ އެވެ. އެގޮތުން ހަމަށް ގެއްލުންދޭ ބާރުގަދަ ކެމިކަލްތައް އެކުލެވޭ ފޭސް މާސްކުތަކުގެ ބަދަލުގައި ގުދުރަތީތާސިރު ހިމެނޭ އެއްޗިއްސަށް އިސްކަންދޭށެވެ. އެގޮތުން މޫނާއި ހަށިގަނޑު ގަވައިދުން ސްކްރަބްކުރާއިރު ވެސް ކެމިކަލެއް ނުހިމެނޭ ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ސްކްރަބް ކުރާށެވެ. މާމުއި، ކެލާ އަދި ރީނދޫ ހިމެނޭ ފޭސް މާސްކުތަކަށް އިސްކަންދޭށެވެ. މި އެއްޗިއްސަކީ އެންމެންގެ ވެސް މޫނާއި ގުޅޭ އަދި މޫނުގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށް މޫނު އުޖާލާކޮށްދޭ އެއްޗިއްސެވެ.

މީގެ އިތުރުން ވެސް ހަމުގެ އުޖާލާކަން ގެއްލޭ ވިހާ މާއްދާތަކާ ދުރުވާށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބާރުގަދަ ކެމިކަލް ހިމެނޭ އެއްޗެހި މޫނާއި ގައިގަ އުނގުޅުމާއި ދުރުވާށެވެ. ހާއްސަކޮށް ކެއުމުގައި ތަކުރާރީ އާއި މޭވާ އަދި ތަފާތު މޭވާގެ ޖޫސްތައް ބޭނުން ކުރުމަކީ ރީތި ހަމަކަށް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ވީހާ ވެސް ބޮޑަށް ހަވާދާއި ތެޔޮ އެއްޗިއްސާއި ދުރުވާށެވެ. އަދި ގަޑިންގަޑިއަށް ކެވޭތޯ ކޮންމެހެން ވެސް ބަލަންވާނެ އެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް އަށްގަޑިއިރުގެ ނިދި ހަމަކޮށް، އަށްތަށި ފެންބޯން އާދަކުރާށެވެ. ޔޯގާ ނުވަތަ ޖިމަށް ދާށެވެ. ސަބަބަކީ ކައިވެންޏަށް ތައްޔާރުވާ ދުވަސްކޮޅަކީ މީހާ ހާސްވެ ކަންބޮޑުވާ ދުވަސް ވަރަކަށް ވާނެތީ އެވެ. ޖިމަށްދާން ބޭނުންނުވާނަމަ ދުވާލުގެ ކޮންމެވެސް އެއްވަގުތެއްގައި ޔޯގާ ހަދާށެވެ. މިއީ މީހާ ސްޓްރެސްވުމާއި ދުރުކޮށްދޭނެ ކަމެކެވެ.

އިސްތަށިގަނޑަށް ފަރުވާތެރިވުން:

މިދުވަސްކޮޅު މާބޮޑަށް ހާސްވެ ކަންބޮޑުވާނަމަ އިސްތަށިފޭބުމުގެ މައްސަލަ ކުރިމަތިވެދާނެ އެވެ. އަދި އަބަދުވެސް ބޭނުންކުރާ ހެއާ މާސްކް ނޫން އެހެން އެއްޗެއް އަޖުމަ ބެލުމުގެ ގޮތުން ވެސް ބޭނުން ނުކުރާށެވެ. އިސްތަށިގަނޑުގައި ކުލަ ޖައްސާނަމަ ވެސް، އިސްތަށިގަނޑު ހަލާކުނުވާނެ ގޮތް ބަލައިގެން ކުލަ ޖައްސާށެވެ. އަދި ކުލަ ޖެއްސުމަށްފަހު އާންމުކޮށް ބޭނުންކުރާ ޝޭމްޕޫތަކުގެ ބަދަލުގައި ކުލަ ޖައްސާފައި ހުންނަ އިސްތަށިގަނޑާ ގުޅޭ ޝޭމްޕޫ ބޭނުންކުރާށެވެ. ނޫންނަމަ އިސްތަށިގަނޑު ހަލާކުވާލެއް އަވަސް ވާނެ އެވެ.

ރީތި ހުދު ދަތްޕިލަ އަކަށް:

އަނގައިގެ ސާފުތާހިރު ކަމަކީ މީހާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ވެސް އެންމެ މުހިންމު ރޯލެއް ކުޅޭ އެކަށްޗެ އެވެ. މީގެ އިތުރުން އެހެންމީހުންނަށް ތިމާ ފެންނައިރު އެންމެ ފުރަތަމަ ވެސް ފެންނާނީ ހީލުމާއެކު ދަތްޕިލަ އެވެ. ވީމާ ދަތްތައް ސާފުކޮށް ހުދުކޮށް ބެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެ އެވެ. ދަތްތައް ހުދުކުރުމަށް ބޭކިން ސޮޑާ އަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ބޭކިން ސޮޑާ ބޭނުން ކުރަން ފަސްޖެހެނީނަމަ، ދޮންކެޔޮ އަދި އޮރެންޖުގެ ތޮށްޓަކީ ވެސް ފަސޭހަ ކަމާއެކު ދަތްތަކުގައި ހުންނަ ހަޑިތައް ސާފުކޮށް ދަތްތައް ރީތި ކުރަން ބޭނުން ކުރެވިދާނެ އެއްޗެކެވެ.