ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ޖަމީލުގެ އިންސާފުގެ ދަތުރު!

Nov 26, 2016
4

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ރާއްޖޭގެ ގައުމީ ހަޔާތުގައި ވަރަށް މުހިންމު ޝަހުސިއްޔަތެކެވެ. އެމަނިކުފާނުގެ ވާހަކަ ބަލައި އަޑު އަހަން އަބަދުވެސް މީހުން ޝައުގުވެރިވެ އެވެ. ހާއްސަކޮށް ސިޔާސީ ހަޔާތްޕުޅުގެ ހުރިހާ ދިމާއެއްގައި ކަން ހިނގާފައިވާ ގޮތުން އެމަނިކުފާނުގެ ހަޔާތްޕުޅާ ބެހޭ ހަގީގަތްތަކުގެ ތަފުސީލު އެމަނިކުފާނު ވިދާޅުވެ ދެއްވާނެ ދުވަހަކަށް މީހުން ބަލަ އެވެ.

"އިންސާފު" ގެ ނަމުގައި ރޭ ވަނީ ފުރަތަމަ ފަހަރަށް ރައީސް ވަހީދުގެ ބަޔޮގްރަފީއެއް ނެރެފަ އެވެ. އެ ފޮތް ނެރުމާއެކުހެން ވަރަށް ގިނަ ބަޔަކު ވަނީ އެ ފޮތް ހުޅުވައި ގަނޑު އުކަން ފަށާފަ އެވެ. ވަހީދުގެ ބަޔޮގްރަފީ ލިޔުއްވާފައި ވަނީ ރާއްޖޭގެ ނޫސްވެރި ކަމުގައި އެންމެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ މުހައްމަދު ޖަމީލެވެ. މީގެ ކުރިން ރާއްޖޭގެ ރައީސް ކަން ކުރެއްވި މުހައްމަދު އަމީންގެ ހަތްޕުޅުގެ މައްޗަށް "އޯކިޑް" ނަމުގައި ފޮތެއް ލިޔުއްވާފައިވާ ޖަމީލު، ވަހީދުގެ ބަޔަގްރަފީއެއް ލިޔުއްވުމުން އޭނާ ވަނީ ދެ ރައީސެއްގެ ހަޔާތްޕުޅުގެ މައްޗަށް ފޮތް ލިޔުއްވައި ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ.

"ވަހީދުގެ ހަޔާތްޕުޅާބެހޭ ގޮތުން ފޮތެއް ލިޔަން އަޅުގަނޑަށް ފުރުސަތެއް ލިބުނީ ވަހީދުގެ ފަރާތްޕުޅުން، އިޝާރާތް އައީ ވެރި ކަމުގެ ދުވަސްކޮޅު ކަންކަން ހިނގައި ދިޔަ ގޮތް ލިޔަން، އަޅުގަނޑާ ބައްދަލުކޮށް އެ ފުރުސަތު ދެއްވީމާ އަޅުގަނޑު އެދުނީ ލިޔާ ކަމަށްވަންޏާ މުޅި ހަޔާތް އެކޮށް ލިޔަން ސަބަބަކީ ރައީސް ވަހީދަކީ ސިޔާސީ ވަރަށް ދިގު ވަރަށް ތަފާތު ހަޔާތެއް އޮތް ބޭފުޅަކަށްވުން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ވިދާޅުވެ، ޕީއެޗްޑީ ނަންގަވައިގެން ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ދިވެއްސަކަށް ވަހީދު ވެވަޑައިގަތުމާއި އޭނާގެ ހަޔާތްޕުޅުގެ ހުރިހާ ހިސާބެއްގައި އާންމުންގެ ޝައުގުވެރިވާ ކަންކަން އަބަދު ހިނގަ ހިނގާ އޮންނާތީ އޭނާގެ ހަޔާތްޕުޅުގެ މައްޗަށް ފޮތެއް ލިޔެވިފައި އޮންނަން ޖެހެ އެވެ. އަދި ލިބި ވަޑައިގެންނެވި ފުރުސަތުގައި ވަހީދުގެ ހަޔާތްޕުޅުގެ ވަރަށް ގިނަ ސޮހުތާކެއް މި ފޮތުގައި ހިމަނާފައިވާނެ އެވެ. ފޮތަކީ ބައޮގްރަފީއެކޭ ކިޔަން ވެސް ނޫނީ އެހެން ނަމެއް ކިޔަން ވެސް ދޫކޮށްލާނީ އެހެން މީހުނަށެވެ.

"ވަހީދުގެ ހަޔާތުގެ މައްޗަށް ފޮތެއް ލިޔަން އަޅުގަނޑަށް ލިބި، އެކަން ފުރިހަމަ ކުރެވުނުކަން އެއީ އަޅުގަނޑަށް ލިބުނު ޝަރަފެއް، އަދި އުފަލެއް، އަޅުގަނޑު ހުރީ ވެސް ބައްދަލުވެއްޖެއްޔާ އެކަން ކުރުމުގެ ވެސް ޝައުގުވެރިކަމުގައި،"

ޖަމީލް ވިދާޅުވި ގޮތުގައި ވަހީދުގެ ފޮތް ލިޔުއްވުމުގެ ފުރުސަތު ލިބި ވަޑައިގަތީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަން ކުރާށެވެ. އެހެންވިޔަސް މީގެ ކުރިން ރައީސް މުހައްމަދު އަމީނުގެ ހަޔާތްޕުޅުގެ މައްޗަށް ފޮތެއް ލިޔެ، ދިވެހިންގެ މެދުގައި މަގުބޫލް ކަމެއް އެ ފޮތަށް ލިބިފައި އޮތުމުން ވަރަށް ބޮޑު ޔަގީން އޮތެވެ.

"އޯކިޑް ފޮތާއެކު މިފަދަ ދެވަނަ މަސައްކަތެއް ކުރެވިދާނެކަމުގެ ވަރަށްބޮޑު ޔަގީން ކަމެއް އޮވޭ، މި ފުރުސަތު ލިބުމާއެކު ރިސާޗް މަސައްކަތް ކުރިޔަށް ގެންދިޔައީ. ވަހީދުގެ ހަޔާތްޕުޅު ލިޔަން ބެލި އިރު އެ ހަޔާތާ ގުޅިފައިވާ ވަރަށް ގިނަ ބޭފުޅުންނަކީ އަޅުގަނޑުގެ ނޫސްވެރި ކަމުގައި ބައްދަލުވެ ދެކެފަރިތަ ބޭފުޅުން، އަދި އޯކިޑް ފޮތުން ވަރަށް ގިނަ ބަޔަކަށް އަޅުގަނޑުގެ ތައާރަފެއް ލިބޭތީ ގިނަ ބޭފުޅުން އަޅުގަނޑަށް އިތުބާރާކޮށް އިންޓަވިއުތައް ދެއްވި ކޮންމެ ސުވާލަކަށް ޖަވާބު ދެއްވި،"

ހުރިހާ އިންޓަވިއުތަކެއް ހޯއްދަވައި ވަހީދާ ގުޅިގެން ނޫސްތަކުގައި ހުރި ހުރިހާ ލިޔުމެއް ހޯއްދަވައި އެއްކޮށް ވަހީދުގެ ތުއްޕުޅު އިރުގެ ރަހުމަތްތެރިންނާއި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ވާދަވެރިންނާއި އިންޓަވިކޮށް ވަހީދުގެ އިންޓަވިއުތަކާގުޅުވާލައިގެން ޖަމީލް "އިންސާފު" ލިޔުއްވާފައި ވަނީ ހަމަސް ދުވަހުގެ ތެރޭގަ އެވެ.

"ވަހީދުގެ އިންޓަވިއުތައް ނެގެމުން ދިޔަވަރަކަށް އަޅުގަނޑަށް އެނގެމުން ދިޔަ އެހެން ބޭފުޅުންގެ ވާހަކަތައް ގުޅުވާލާނެ ގޮތް. ވަހީދުގެ އިންޓަވިއުތައް ހުންނާނެ ވީޑިއޯ ކޮންފަރެންސް ހަދައިގެން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ވެސް ހޯދާފައި ތަކުރާރުކޮށް އެތައް ފަހަރަކު އެކި ބޭފުޅުންނާ ސުވާލު ކުރަން ޖެހުނު. ބައެއް ބޭފުޅުން ތިބީ ޖަލުގައި. ޖަލަށް ވެސް އެތައް ފަހަރަކު ދާންޖެހުނު،" ޖަމީލް ވިދާޅުވި އެވެ. "ބައެއް ބޭފުޅުންގެ ހަނދާތައް ވެސް އަދި ވަހީދުގެ ވެސް ބައެއް ހަނދާތައްނެތް. ވާހަކައެއްގެ ކުރި ފެޅުމުން ގިނަ ބޭފުޅުންނަށް ހަނދާތައް އާވެ ވާހަކަ އެއް ގޮތްވީ. މިސާލަކަށް އަބްދުﷲ ކަމާލުއްދީނަކީ ވަހީދުގެ ތުއްޕުޅު އިރުގެ އެކުވެރިއެއް، އޭނާގެ ހަނދާތައް އާކޮށްދެއްވީމަ ބައެއް ހަނދާތައް ވަހީދަށް ވެސް އާވަނީ. އެ ހުރިހާ ވާހަކައކުން ސްޓޯރީ އަތުރާލީ،"

ފޮތް ލިޔުއްވުމުގައި ޖަމީލު ވަރަށް ގިަ ވަގުތު ހޭދަ ކުރެއްވި އެވެ. އެކަމު އޭނާއަކީ ޕީއެސްއެމްގެ ޓީވީއެމްގެ އެގްޒެކެޓިވް އެޑިޓަރެވެ. ޖަމީލު ވިދާޅުވި ގޮތުގައި މި ފޮތް ލިޔުއްވީ އޭނާއަށް ލިބި ވަޑައިގެންނެވި ހުސް ވަގުތުތަކެއް ބޭނުން ފުރިހަމައަށް ހިއްޕަވައިގެނެވެ. އަދި ފޮތް ލިޔުއްވުމުގައި ބެއްލެވީ ވީހާވެސް އިންސާފުވެރި ގޮތަކަށް ގެނެސް ދިނުމަށާއި ގުޅުން ހުރި ހުރިހާ ފަރާތްތެއްގެ އިންޓަވިއު ހޯދުމާއެކު އެއް ބޭފުޅަކަށް ވެސް ބޭ އަދަބީ ބަހެއް ބޭނުންނުކޮށް ލިޔުއްވުމަށެވެ.

ތިންސަތޭކަ ސޮފުހާއަށްވުރެ ގިނަ މި ފޮތުގެ ތެރެއަށް އެއްކޮށްފައިވާ ވަހީދުގެ މުޅި ހަޔާތުގެ މައްޗަށް ޖަމީލް ދެއްވަފައި ވަނީ ނަމަކީ "އިންސާފު" އެވެ. އެ ނަން އޭނާ ދެއްވާފައި ވަނީ ވަހީދުގެ މުޅި ހަޔާތުގައި ހިންގައިވާ ކަންކަމުގައި އެމަނިކުފާނުގެ މައްޗަށް ވަރަށް ބޮޑަށް ބޭއިންސާފުވެވިފައިވާ ކަމަށް ގަބޫލު ކުރެއްވޭތީ އެވެ.

"ނަމާބެހޭ ގޮތުން ސުވާލު ކުރާނެ، ހާއްސަކޮށް ފެބުރުއަރީ 7 އާ ވެސް ގުޅިގެން، އެހެން ނަމަވެސް އިންސާފު ހިޔާރުކޮށްފައި އެވަނީ ވަހީދުގެ ވެރި ކަމާ ހަވާލުވެ ވަޑައިގަތް ވަގުތު ބޭރުގެ ފިއްތުން ބޮޑުވެފައި ވަނިކޮށް އދ. ގައި ދެއްވި ތަގުރީރުގައި ރާއްޖެއާ މެދު ބައިނަލްއަގުވާމީ މުޖުުތަމައު އަމަލު ކުރާ ގޮތާމެދު އޭނާގެ ވަރަށް ބޮޑަށް ނުތަނަވަސްކަން އޮތްކަން އެނގުނު. ރާއްޖެއާމެދު އަމަލު ކުރަނީ އިންސާފު ނޫން ކަން ދައްކުވައި ދެއްވި ކުދި ގައުމުތަކަށް ކުޑަ އިންސާފު ގޮތުގައި ވިދާޅުވެ ދެއްވައި މީހުން ހުއްޓުވައިލެވި... އަނެއްކާ ވަހީދުގެ ހަޔާތުގައި ފެށުނީއްސުރެ ދިމާވީ މިފަދަކަންކަން... އެއީ މި ނަން އައި ގޮތަކީ ބުނެވިދާނެ މި ފޮތަށް އެންމެ ރަނގަޅީ ބޭ އިންސާފޭ ވެސް. އެކަމަކު އަޅުގަނޑަށް އެންމެ ކަމުދިޔައީ އިންސާފު، މި ފޮތް ލިޔަން ކުރެވުނު މަސައްކަތާއި ކުރެވިފައިވާ މަސައްކަތާމެދު އަޅުގަނޑު ހިތްހަމަޖެހޭ،"