ހޮލީވުޑް

ގޭމް އޮފް ތްރޯންސް: އާ ޓްރެއިލާ އޮބިނޯވޭ!

"ވިންޓާއެއް އަންނަ ވާހަކަ" ގޭމް އޮފް ތްރޯންސްގައި ދައްކަނީ އެޗްބީއޯގެ މި ސިލްސިލާ ފެށުނު ހިސާބުން ފެށިގެންނެވެ. މި ސިލްސިލާގެ ފަސް ވަނަ ސީޒަން ބޯމަތިވެ، ޕްރިމިއާ ޑޭޓް ގާތްވެފައި ވަނިކޮށް އެޗްބީއޯ އިން މި ވަނީ ނިކަން ފޯރިގަދަ އާ ޓްރެއިލާއެއް ދައްކާލައިފަ އެވެ.

އޭގައި ވެސް ދެނީ "ވިންޓާ ނިކަން ގާތް ވެއްޖެ" ކަމުގެ އިންޒާރެވެ. ކޮންމެއަކަށް އެ ވާހަކަ އަށް މާ ބޮޑު ސަމާލުކަމެއް ދޭނެ ކަމެއް ނެތެވެ. ޓްރެއިލާ ބައްލަވާލައްވާށެވެ. ކުރިއަށް އޮތް މިހާތަނަށް ގެނެސްދިން ހަތަރު ސީޒަނަށް ވުރެ ވެސް ލޭ އޮހޮރުވުން ބޮޑު ސީޒަނެއް ކަމުގެ ޔަގީންކަން މި ޓްރެއިލާ އިން ދެ އެވެ.

އާ ސީޒަނުގައި ދައްކުވައި ދޭނީ މި ސިލްސިލާގެ ވާހަކަ ފޮތް ހަތަރެއް (އަ ފީސްޓް ފޯ ކްރޯސް) އާއި ފަސް ވަނަ ފޮތް (އަ ޑާންސް ވިތު ޑްރެގަންސް) ގެ ޕްލޮޓް ލައިންތަކެވެ.

މި ޓްރެއިލާގެ ރިވިއުތަކަށް ބަލާއިރު އެންމެން ވެސް ބުނަނީ ކުރިއަށް އޮތް ސީޒަން ވެގެންދާނީ މި ސިލްސިލާގެ އެންމެ ފޯރިގަދަ އަދި އެންމެ އާދަޔާހިލާފު ސީޒަނަށް ކަމަށެވެ. ބެލެވޭ ގޮތުގައި މިފަހަރު ވެސް ފޭން-ފެވަރިޓް ކެރެކްޓާސްތަކަކަށް ސީޒަންގެ ނިމުމާ އެކު ނިމުން އަންނާނެ އެވެ.

ނަމަވެސް އާ ސީޒަނުގައި އެންމެ ބާރުގަދަކޮށްލައިގެން އުޅެނީ މަދާ އޮފް ޑްރެގަންސް ނުވަތަ ޑައެނެރީސް ޓާގޭރިއަން އާއި އޭނާގެ ޑްރެގަންސްތަކެވެ. ޓްރެއިލާ ގައި ވެސް ދައްކުވައި ދެނީ މި ޑްރެގަންސްތަކަށް ފިލަން އެންމެން އުޅޭ ގޮތެވެ. އަދި ޓްރެއިލާގައި ޑައެނެރީސް ދޭ އިންޒާރު ވެސް ކުޑައެއް ނޫނެވެ.

އޭނާ ބުނަނީ ތަހުތަށް ހިފާފައިވާ އެހެން ހުރިހާ އާއިލާތަކެއް ހަފުސްކޮށްލާނެ ކަމަށެވެ. އަހަރެމެން އެންމެނަށް ވެސް އެނގޭ އެއްޗަކީ ޑްރެގަންސްތަކާ އެކު އޭނާ އަށް ލިބިފައިވާ ބާރު އެހެން އެންމެނަށް ވުރެ ވެސް ގަދަ ކަމެވެ.

އެހެން ނަމަވެސް "ގޭމް އޮފް ތްރޯންސް" އިން ވާނެ ގޮތެއް ލަފާކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މިފަހަރުގެ ސީޒަން ފޮތުގެ އަސްލާ ވެސް ތަފާތު ކަމަށް ބުނެވެ އެވެ.

އެހެންވީމަ އިންތިޒާރުކޮށްލައްވާށެވެ. އާ ސީޒަން އެޗްބީއޯ އިން ޕްރިމިއާކުރަން ދެން މާ ގިނަ ދުވަހެއް ނެތެވެ. އެ ތާރީޚަކީ އެޕްރީލް 12 އެވެ.