ކުޅިވަރު

ހުޅުމާލޭގެ ބައިނަލްއަގުވާމީ ސްޓޭޑިއަމްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށަނީ

ގަތަރުގެ ބޮޑު ހިއްސާއެއް އޮންނަ، އުރީދޫ ގްރޫޕުން ހުޅުމާލޭގައި އަޅައިދޭން ނިންމާފައިވާ އިންޓަނޭޝަނަލް ސްޓޭޑިއަމްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ބޭއްވި ސެންޓްރަލް ޕާކް ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

ގަތަރުން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމެއް އަޅަން ނިންމާފައިވާކަން އިއުލާނުކޮށްފައި ވަނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ޓެލެކޮމް ހިދުމަތް ދެމުން ގެންދާ އުރީދޫ ގްރޫޕުން ރާއްޖޭގައި ހިންގާ އުރީދޫ މޯލްޑިވްސް އިން އާންމުންނަށް ރާއްޖޭގައި ހިއްސާވިއްކުން އިއުލާން ކުރުމަށް މިދިޔަ މަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ އެވެ. އެބޭފުޅާ ވަނީ ރާއްޖޭގައި އެންމެ މިޒަމާނުގެ ވަސީލަތްތަކާއެކު ސްޓޭޑިއަމެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި ޔޫތު ސިޓީއެއްގެ ކުލަ ޖެހިގެންދާއިރު، އެ ސްޓޭޑިއަމްގެ މަސައްކަތް ފެށުން ވެގެންދާނީ ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކަށް ނުހަނު އުފާވެރިކަން ގެނުވާނެ ކަމަކަށް ކަމަށެވެ. ހުޅުމާލޭގައި ސަރުކާރުން އަޅަންފެށި އެތްލެޓިކްސް ސިންތެޓިކް ޓްރެކްގެ މަސައްކަތްވެސް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު، ވަރަށް އަވަހަށް ހުޅުމާލޭގައި ސްޕޯޓްސް ޕާކެއްވެސް އަޅައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިރުތިޝާމް ވިދާޅުވީ، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ސްޕޯޓްސް ޕާކު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެކަންކަމަށް ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށާއި އެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަކުރުން، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" އިރުތިޝާމް ވިދާޅުވި އެވެ.

ގަތަރުން އަޅައިދޭ ސްޓޭޑިއަމްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ނިންމާފައިވާއިރު، އެމަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2022 ގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.