ހަބަރު

މުޒާހަރާޔަށް ހަމަލަދެނީ މޫސަގެ ފެކްޝަނުން؟!

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މާލޭން ފެން ކެޑިފައި ވާތީ މިދިޔަ ހޯމަ ދުވަހުގެ ރޭން ފެށިގެން އެމްޑީޕީން ސޯސަން މަގުގައި ކުރަމުން އައި މުޒާހަރާއަށް ގްރޫޕަކުން ވަދެ އަންނަނީ ހަމަލާދެމުންނެވެ. ތަކެތި ހަލާކުކޮށް ބައިވެރިންނަށް އަންނަނީ ހަމަލާ ވެސް ދެމުންނެވެ. އެމްޑީޕީން ތުހުމަތު ކުރަނީ މިއީ ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ސިލްސިލާޔާ އެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި ސަރުކާރުން އެމްޑީޕީގެ މުޒާހަރާގެ ތެރެއަށް ހަމަލާ ދޭން ޖެހޭ ސަބަބެއް ނެތެވެ. ސަރުކާރުގެ އަތުގައި ބާރުތައް އޮތް އިރު ކޮންމެހެން ގްރޫޕެއް ފޮނުވައިގެން އެކަން ކުރާކަށް ނުޖެހެ އެވެ. ނަމަވެސް އެކަމަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ ސަޕޯޓަރުންނާއި ރައީސް ނަޝީދުގެ ސަޕޯޓަރުންނާ ދެމެދު ހިނގާ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

"ސަރުކާރުން އެކަން ކުރަން ޖެހޭ ސަބަބެއް ނެތް. މިއީ އެމްޑީޕީގެ އެތެރޭގައި މޫސަ އާއި ދެން ލީޑަޝިޕްގައި ތިއްބެއްވި ބޭފުޅުންނާ ދެމެދު އުޅޭ ހިޔާލު ތަފާތުވުމެއްގެ ތެރެއިން އަންނަ ކަމެއް. އެބޭފުޅުންގެ ތަޅާފޮޅުމެއް ކަމަށް ބެލެވޭ. މޫސަގެ ސަޕޯޓަރުން ހިތްހަމަ ނުޖެހިގެން އުޅެނީހެން ހީވަނީ،" އެބޭފުޅާ ވިދާޅުވި އެވެ. "ސަރުކާރުން ފޮނުވާ ބައެއް ވެއްޖިއްޔާ ފާޅުގައި ކީއްވެތޯ ރައީސް ޔާމީންނަށް ތައުރީފް ކުރަންވީ. މިއީ އެހެން ކަމެއްކަން މިކަމުން މި އެނގެނީ،"

މޫސަވެސް މިއަދުގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ ކޮންމެހެން މުޒާހަރާ ކުރަން ނުޖެހޭ ކަމަށެވެ. އަދި ފެން ނެތިއްޖެ ނަމަ ދުއާކުރުން ނޫން ކަމެއް ނޯންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި މޫސަ މިއަދު ވަނީ ޕީޕީއެމްގެ ނިންމުންތަކާ އެއްގޮތަށް މަޖިލީހުގައި ވޯޓު ދެއްވައިފަ އެވެ. މޫސަ ވިދާޅުވީ އޭނާ ގައުމުގެ ރައީސް ކަމާ ކުރިމަތިލާ ވާހަކަ ބުނުމުން އޭނާއާ ދިމާކޮށް އެއްވެސް މީހަކު އުޅޭނެ ކަމެއް ނެތް ކަމަށެވެ. އަދި

އެމްޑީޕީގައި އޭނާގެ ސަޕޯޓަރުން ތިބޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ދެން އަދި އެހެން ސިނާރިއޯއެއް ވެސް އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ގްރޫޕަކުން މުޒާހަރާގެ ތެރެއަށް ވައްދަނީ އެމްޑީޕީންނެވެ. އަދި އެކަން ކުރަނީ އެމްޑީޕީގެ މުޒާހަރާއަށް ސަމާލުކަން އިތުރުކޮށް މީހުން ގިނަ ކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވަ އެވެ.

“މީހުން ދެން އެހާ މަދުވީމާ ޖައްސާ އެކި ކަހަލަ އުކުޅުތައް މި ފެންނަނީ. އެކަމަކު ރައްޔިތުން މިވަގުތު ނޫޅޭ މުޒާހަރާއަށް ދާކަން،" އިސްމާއިލް ވިދާޅުވި އެވެ.

ފުލުހުން ވެސް އެ މައްސަލައިގައި ޝައްކު ކުރާ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. ފުލުހުންގެ ތެރެއިން "އަވަސް"އާ ވާހަކަ ދެއްކި ފަރާތްތަކުން ބުނި ގޮތުގައި އެމްޑީޕީ މުޒާހަރާއަށް ހަމަލާދިނުމުގެ ކުރިން އެ ސަރަހައްދުން މީހުން މަދުވެ އެވެ. ދެން ފެންނަނީ ގްރޫޕަކުން އައިސް ހަމަލާދޭތަނެވެ. އެހެން ކަމުން މީގައި ކޮންމެވެސް ކަހަލަ އެމްޑީޕީގެ އެތެރޭގެ އަތްތަކެއް އުޅުން ގާތްކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

އެކަމަކު އެމްޑީޕީން ހަމަ ތުހުމަތު ކުރަނީ ސަރުކާރަށެވެ. އެއީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަޑާލުމުގެ ކަމެއްގެ ގޮތުގަ އެވެ. އަދި އެއީ މިނިވަން އެއްވުންތައް ސަރުކާރުން މަނާކުރުމުގެ އުކުޅެއްގެ ގޮތުގަ އެވެ. އެކަމަކު އެ ހުރިހާ ބަހަނާއެއްގެ ތެރެއިން އުފަންވާ ސުވާލަކީ އެމްޑީޕީގެ އެތެރޭގައި ވެސް ކޯޅުންތަކެއް ހުރި ކަމެވެ. އަދި މިހާރު ހިނގާ ހަމަނުޖެހުންތަކުގެ އަސްލަކީ ވެސް އެއީ ކަމަށް ވެދާނެ އެވެެ. މީގެ އަސްލު ޖަވާބެއް ހޯދުމަށް ފުލުހުންގެ ތަހުގީގަށް މަޑުކުރަމާ ހިނގާށެވެ.