ތޯރިގު އިބްރާހިމް

"ގިރާ ރަށްރަށުން ތިން އަހަރުތެރޭ 17 ކިލޯ މީޓަރު ހިމާޔަތްކޮށްފިން"

ގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްރަށުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 17 ކިލޯ މީޓަރު ސަރަހައްދު ހިމާޔާތް ކުރެވި ގިރުގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި އެންވާރަމަންޓް މިނިސްޓްރިއިން ކޮށްފައިވާ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި 11 ރަށެއް ހިމެނޭ ގޮތަށް 12 ކިލޯމީޓަރުގެ ރަށް ގިރުމުގެ މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށާއި މިހާރުވެސް އިތުރު ހަ ކިލޯމީޓަރުގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަންނަ އަހަރުގެ ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަށް އެކި ރާއްޖޭގެ އެކި ކަންކޮޅުގައި ކުރިޔަށް ގެންދާނަން. ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި ރަށް ގިރުމުގެ ރަށް ގިރުމުގެ މުޅިއަކު 17 ކިލޯ މީޓަރަށް ވުރެއް ގިނަ މަސައްކަތް އެކި ފެންވަރުގައި ކޮށްފައިވޭ. މިއީ ރާއްޖޭގެ މިހާތަނަށްވެސް ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ކުރެވިގެން ނުދާ ބާރު ސްޕީޑެއްގައި ދާ ވަގުތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިދިޔަ އަހަރުވެސް 70 ރަށެއްގެ ރަށް ގިރުމުގެ މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި ތޯރިގު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން މިނިސްޓްރީއަށް ކަނޑައެޅިފައވާ ބަޖެޓުގެ ތެރެއިން ގިނަ ރަށްތަކެއް ސާވޭ ހަދާ އަމަލީ މަސައްކަތް ފަށައިފާވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.