ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލްކޮށްފި އެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތަކެއް މީގެ ކުރިން ބާއްވާފައިވާއިރު މާދަމާ އަޑުއެހުން ބާއްވަނީ މެންދުރު 2:00 ގަ އެވެ.
އެ މައްސަލައިގެ މީގެކުރިން ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ވަކީލުން ބުނެފައިވަނީ ނާޒިމްގެ އެޕާޓްމެންޓަށް ފުލުހުން ވަދެ، ހަތިޔާރު ހޯދީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނާޒިމަށް އިންޒާރު ދެއްވާފައި ވަނިކޮށް ކަމަށެވެ. އަދި އެގެއަށް ފުލުހުން ވަނުމުގެ ދެ ދުވަސް ކުރިން އެ ގޭގައި ހުންނަނީ ކިތައް ކޮޓަރި ތޯ ނާޒިމްގެ ފަރާތުން އަދީބު ސާފުކޮށްފައިވާ ކަމަށް ވެސް ނާޒިމްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ވާހަކަތައް އަދީބު ވަނީ ދޮގު ކުރައްވައިފަ އެވެ.
ނާޒިމްގެ ޝަރީއަތް މާދަމާ ބާއްވާއިރު އޭނާގެ ޝަރީއަތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އޭނާގެ އާއިލާގެ ބައެއް މެމްބަރުން ދަނީ ސްރީލަންކާގައި ބޭރުގެ ފަރާތްތަކާ ބައްދަލު ކުރަމުންނެވެ.
މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ އެކު ޑިފެންސް މިނިސްޓަރު ކަމުން އޭނާ ވަނީ ވަކިކޮށްފަ އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ނާޒިމްގެ ކޮއްކޯފުޅު އަލީ އާޒިމް ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.