އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ހަތް މެންބަރަކަށް ފިޔަވަޅު އަޅައިދިނުމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެދިވަޑައިގެންފިއެވެ. ފިޔަވަޅު އަޅައިދިނުމަށް އެދިފައިވަނީ ދައުލަތުގެ ބަޖެޓަށް ވޯޓު ދެއްވި ތިން މެންބަރުންނާއި ޖަލްސާއަށް ވަޑައި ނުގަންނަވާ ހަތަރު މެންބަރުންނަށެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް އަލްހާން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީ ޕީޖީ ގުރޫޕުން ދައުލަތުގެ ބަޖެޓް ފާސް ނުކުރަން ރެޑް ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ވިޕާ ހިލާފަށް ހަތް މެންބަރަކު އަމަލުކޮށްފައިވާ ކަމަށެވެ.
އެއީ، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދުދީދީ އެވެ.
އެމްޑީޕީއިން އެގޮތަށް ވިޕް ނެރެފައިވަނިކޮށް ކޮމެޓީން ބަޖެޓް ފާސްކުރި ގޮތަށް ބަޖެޓް ފާސްކުރަން ރީކޯ މޫސާ މަނިކާއި އިބްރާހިމް ޝަރީފާއި އިބްރާހިމް މުހައްމަދު ދީދީ ވޯޓު ދެއްވި އެވެ. ދެން ތިއްބެވި މެންބަރުން ބަޖެޓް ފާސްކުރި ވަގުތު ތަޅުމުގައި ވަޑައިގެން ނެތެވެ.
އަލްހާން އެ މެންބަރުންނާމެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެންބަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އަލްހާންއަށް ފިޔަވަޅު އަޅައި އެ ޕާޓީން ވަކިކުރަން ވަނީ ނިންމާފަ އެވެ. އަދި އެކަން ވަނީ އިލެކްޝަން ކޮމިޝަނަށް ވެސް އަންގާފަ އެވެ.
އަލްހާން، ޕާޓީން ވަކިކުރަން ނިންމި ނިންމުން އޭނާ ވަނީ އިސްތިއުނާފު ކޮމެޓީއަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ދަނީ ބަލަމުންނެވެ.