- އޭޑީސީ ނަގަން ޖެހެނީ އެއް ހަމައަކުން
- އޭޑީސީ ނަގަނީ 3-7 އަހަރުގެ މުއްދަތައް
- މިއީ ފަހަށް ކުރެވޭ އިންވެސްޓްމަންޓެއް
ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖު ނުވަތަ އޭޑީސީއެއް ނެގުމަށް ސަރުކާރުން ނިންމި ނިންމުމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަމާ މެދު ދެބަސްވުންތަކާ ކަނބޮޑުވުންތައް އުފެދިގެން ދިޔަ ކަމެކެވެ. އެ ޗާޖް ދިވެހިންގެ އަތުން ނެގުމާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޕާޓީތައް ދެކޮޅެވެ. އަދި ސަރުކާރުގެ މެންބަރުންގެ ތެރޭގައި އެންމެ ބޮޑަށް ހިޔާލުތަފާތުވެގެން އައި، އެއް ގާނޫނަކީ ވެސް އޭޑީސީއާ ބެހޭ ގާނޫނަށެވެ.
އިގްތިސޯދީ ގޮތުން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ހޯދުމުގެ ނިޔަތުގައި ދިވެހިންގެ އަމިއްލަ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ނެންގެވި މި ފިޔަވަޅާ މެދު ގިނަ ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅެނީ ކީއްވެގެންތޯ ބަލައިލަން ޖެހެއެވެ. ހަމަގައިމުވެސް އިތުރު ހަރަދެއް ރައްޔިތުންގެ އަތުން ދާ ކަމަށް ވަނީނަމަ އެއީ އެ ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުންގެވެސް ކަންބޮޑުވުމަކަށް ވާނެ އެވެ.
ނަމަވެސް އޭޑީސީއަކީ ރައްޔިތުންގެ އަތުން ބޭކާރުވެގެން ދާ އިތުރު ހަރަދެއް ހެއްޔެވެ؟ ނޫނީ ތަރައްގީގެ އާ ފަންތިއަކަށް ވާސިލްވުމަށް އެޅިގެންދާނެ ބިންގަލެއް ކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަތަކުގެ ފުނަށް ވަދެލަން ޖެހެއެވެ. އެ ކަންކަމަށް އަލި އަޅުވާލުމުގެ ކުރިން ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުން އަމަލު ކުރާ ގޮތްތައް ބަލައިލަން ޖެހެއެވެ.
އޭޑީސީއަކީ ގައުމެއްގެ އެއާޕޯޓު ތަރައްގީ ކުރުމަށް ފައިސާ ލިބޭނެ މަގު ތަނަވަސް ކުރުމަށް އެހެން ގައުމުތަކަށް ދަތުރު ކުރާ ފަރާތްތަކާއި ޓްރާންސިޓް ކުރާ ފަރާތްތަކުގެ އަތުން ނަގާ ޗާޖެކެވެ. ދުނިޔޭގެ ހުރިހާ ދިމާލެއްގައި ވެސް މި ޗާޖު ނެގުމަށް ބޭނުން ކުރާ އުސޫލަކީ އެއާލައިންތަކުން ޓިކެޓް ގަންނަ އިރު ޓިކެޓްގެ އަގުގެ ތެރޭގައި މި ޗާޖު ހިމަނައިގެން ނެގުމެވެ.
އެހެންނަމަވެސް އެކި ގައުމުތަކުން އޭޑީސީގެ ގޮތުގައި ނަގާ އަދަދުތަކުގައި ތަފާތުތަކެއް ހުރެއެވެ. އެ ތަފާތުތައް ބިނާ ވަނީ އެ އެއާޕޯޓަކަށް ގެންނަ ބަދަލަކަށް ނޫނީ ތަރައްގީއަށް ބަލާފައެވެ. އެގޮތުން ބަލާއިރު ރަޝިއާގައި އެއާޕޯޓު ތަރައްގީ ކުރުމަށް 272 ޑޮލަރު ނެގި އިރު އިނގިރޭސިވިލާތުގައި ނެގީ 111 ޑޮލަރެވެ. ޖަރުމަނުގައި 52 ޑޮލަރު ނެގި އިރު އަވައްޓެރި އިންޑިޔާގައި ނެގީ 50 ޑޮލަރެވެ. އަދި އޮސްޓްރޭލިޔާގައި 43 ޑޮލަރާއި ދުބާއީގައި 31 ޑޮލަރާއި އެމެރިކާގައި 28 ޑޮލަރު އަދި ކެނެޑާގައި 23 ޑޮލަރު އޭޑީސީގެ ގޮތުގައި ނެގި އެވެ. އޭގެ އިތުރުން ފްރާންސްގައި އޭޑީސީއަށް 13 ޑޮލަރު ނެގި އިރު ޗައިނާގެ މެއިންލޭންޑުގައި އޭޑީސީގެ ގޮތުގައި ނެގީ އަށް ޑޮލަރެވެ.
އޭޑީސީގެ އަދަދުތަކުގައި ތަފާތުތަކެއް ގެންގުޅުންކަމުގައިވީ ނަމަވެސް ހުރިހާ ގައުމުތަކުން ތަބާވާ އެއް އުސޫލުތަކެއް ހުރެއެވެ. އެއީ ދުނިޔޭގެ ވައިގެ ދަތުރުތަކާ ގުޅޭ ޖަމްއިއްޔާތަކުގެ ސްޓޭންޑަޑްތަކެވެ. އެގޮތުން އެންމެ ފުރަތަމަ އުސޫލެއްގެ ގޮތުން އޭޑީސީ ނަގަން ޖެހޭނީ ދާއިމީގޮތަށް ނަގާ ޗާޖަކަށް ވެގެން ނުވާނެއެވެ. ވަކި މުއްދަތެއްގެ ތެރޭގައި ނެގުމަށް ފަހު އެ ޗާޖު ނެގުން ހުއްޓާލަން ޖެހެއެވެ. -- ރާއްޖޭގައި އޭޑީސީ ނަގަން ނިންމާފައި ވަނީ ތިން އަހަރާ ފަސް އަހަރާ ދެމެދުގެ މުއްދަތަކަށެވެ.-- އޭގެ އިތުރުން އެއާޕޯޓު ބޭނުން ކުރާ އެކި ފަތުރުވެރިންގެ މެދުގައި އެއްވެސް ތަފާތުތަކެއް ހުރެގެން ނުވާނެ ކަމަށްވެސް އެ ޖަމިއްޔާތަކުން ލަފާއަރުވައެވެ. އެހެންކަމުން ބިދޭސީންއަތުން ވަކި އަދަދެއް ނަގާފައި އެ ގައުމެއްގެ ރައްޔިތެއް އަތުން މަދު އަދަދެއް ނެގުމަކީ އޭޑީސީ ނެގޭނެ ގޮތެއް ނޫނެވެ.
"އޭޑީސީ ޗާޖު ބޮޑުވާނީ އެއާޕޯޓު ތަރައްގީ ކުރަން ހަރަދުވާ އަދަދަކަށް ބަލާފައި. އެހެންވެ އާންމުކޮށް ބޮޑެތި ގައުމުތަކުގައި އޭޑީސީ ބޮޑުވާނެ. ނަމަވެސް ބައެއް ފަހަރު މުސްހަދި ގައުމުތަކުގައި ކުޑަ އަދަދެއް ނަގާފާނެ. ނަމަވެސް މިހާތަނަށް އޭޑީސީ ނަގަމުން އަންނަ ގައުމުތަކަށް ބަލާއިރު ގިނަ ގައުމުތަކުން ރާއްޖެއަށް ވުރެއް ބޮޑުކޮށް ހުރީ އޭޑީސީ ނަގާފައި. އެގޮތުން ބަލާއިރު އޭޑީސީ ނަގާ އަދަދުގައި އެއްވެސް މައްސަލައެއް ނެތް،" އިގްތިސޯދީ ދާއިރާއާ ގުޅޭ ކަންކަން ދިރާސާ ކުރައްވާ ފަރާތެއް ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސް އަށް ވިދާޅުވި އެވެ. "އަމިއްލަ ގެއެއް މަތީ ފްލޯތަކަށް ހިއްލާ ބޮޑު ކުރުމަށް ހޭދަ ކުރަން ޖެހޭނީ އާއިލާ ފަރާތްތޯ ނުވަތަ އެ ގެޔަށް އަންނަ މެހެމާނުންތޯ. ހަމަ އެފަދައިން އެއާޕޯޓު ތަރައްގީ ކުރާއިރުވެސް ވިސްނަން ޖެހޭނެ މީގެ ލޯންޓާމް ފައިދާ ލިބޭނީ ހަމަ ދިވެހިންނަށް ކަން. އެހެންވީމަ މި ޗާޖު ނެގުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެން ވާނެ،"
ރާއްޖެއަށް އޭޑީސީ މުހިންމީ ކީއްވެ؟
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ ބިޔަ މަޝްރޫއުތައް ކުރިޔަށް ދިޔަ ނަމަވެސް ތަރައްގީ ނުވެ މަޑުޖެހިފައި އޮތީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ. ޓޫރިޒަމް ފުޅާވުމަށް އޮތް އެންމެ ބޮޑު ހުރަހަކަށް އެއާޕޯޓް ކުޑަވެ ޖާގަ ނެތުމެވެ. ރިސޯޓުތައް ތަރައްގީކޮށް އެނދުތައް އިތުރު ކުރިކަމުގައި ވީނަމަވެސް އެތަންތަނަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ކޭޓާ ނުކުރެވޭ އެއާޕޯޓެއް އޮތުމަކީ މިހާތަނަށް ދިމާވެފައިއޮތް އެންމެ ބޮޑު މައްސަލައެއް. އެގޮތުން މިހާރުގެ އެއާޕޯޓު ޓާމިނަލްގެ ބޮޑުމިނުގައި 23،000 އަކަ މީޓަރު ހުންނަ އިރު ރަން ވޭގެ ދިގުމިނަކީ 3200 މީޓަރެވެ. އަދި ރަންވޭގެ ފުޅާ މިނުގައި 45 މީޓަރު ހުންނަ އިރު މިހާރު ރައްކާކުރެވޭ ތެލުގެ މިންވަރަކީ 11 މިލިއަން ލީޓަރެވެ. އަދި މިދިއަ އަހަރު އެއާޕޯޓް ބޭނުންކުރި މީހުންގެ ޖުމްލަ އަދަދު އަރަނީ 2.5 މިލިއަން އަށެވެ.
ނަމަވެސް އެއާޕޯޓް ބޮޑުކުރުމަށް މި ހިންގާ ބިޔަ މަޝްރޫއާއެކު ޓާމިނަލްގެ ބޮޑުމިން 90،000 އަކަ މީޓަރަށް އަރާނެއެވެ. އަދި ރަންވޭ 3400 މީޓަރަށް ދިގު ކުރާއިރު ފުޅާ މިނުގައި ހުންނާނީ 60 މީޓަރެވެ. އަދި އަލަށް ހަދާ ޒަމާނީ ފިއުލް ފާމްގެ ކެޕޭސިޓީގައި 48 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އެއާޕޯޓު ތަރައްގީ ވުމާއެކު ބޭނުންކުރެވޭނެ ދަތުރުވެރިންގެ އަދަދު 7.2 މިލިއަނަށް އަރާނެ އެވެ.
"އެއާޕޯޓު ތަރައްގީ ކުރުމަށް 13 ބިލިއަން ރުފިޔާގެ ބިޔަ ޕްރޮޖެކްޓެއް ފަށައިގެން އުޅޭ އިރު އެކަމަށް ނަގާ ލޯނުތައް ދެއްކޭނެ ގޮތްތަކެއް ސަރުކާރުންނާއި ރައްޔިތުންވެސް ވިސްނަން އެބަ ޖެހޭ. އެ ލޯނު ދެއްކުމަށްޓަކައި އޭޑީސީއެއް ނެގި އެ ޗާޖުތައް ސޮވަރިއަން ފަންޑެއްގެ ތެރޭގައި ބެލެހެއްޓިގެން ސީދާ އެ ލޯނު ދެއްކުމަށް ނަގާ ޗާޖެއް ގޮތުގައި ހަދަން ޖެހޭ. މިހާރު އެއާޕޯޓުން 1.5 މިލިއަން ޓޫރިސްޓުން ބޭނުން ކުރާއިރު އޭގެ ތެރޭގައި 90 ޕަސަންޓަކީ ބޭރުގެ ފަރާތްތައް. އެހެންވާއިރު އެ 90 ޕަސަންޓުން އެއް އަދަދެއް އަދި އަނެއް 10 ޕަސަންޓުން އެހެން އަދަދެއް ނަގާ އިރު އެއީ ކޮންމެ މީހަކު ވިސްނާލީމަވެސް އިނގޭ އެއީ ބަލައިގަންނަން އުންދޫ ކަމެއްކަން އަދި ޑިސްކްރިމިނޭޝަންއެއް ކަން،" އިކޮނޮމިކް ޔޫތު ކައުންސިލްގެ ޗެއާ އަދި ރާއްޖެ ފަރާތުން ވޯލްޑް ބެންކަށް ކަނޑައަޅާފައި ހުންނަ ގަވަނަރު އަހުމަދު ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރި ވިދާޅުވީ ގޮތުގައި ސަރުކާރަކުން އެފަދަ ޗާޖެއް ނަގަން ވިސްނާނީ ބައިނަލްލަގުވާމީ އެއްވެސް ކޮމިއުނިޓީއެއްގައި ރާއްޖެ ބަދުނާމު ނުވެ އިންވެސްޓަރުން ގަބޫލު ކުރާ ހަމަތަކުގެ މަތިން ކަމަށާއި އަދި ރާއްޖެ އަންނަން ބޭނުންވާ ކޮންމެ ޓޫރިސްޓަކަށް ވެސް، ރާއްޖޭއަކީ ހަމަހަމަ ކަމާއި އެއް އުސޫލަކުން ކަންތައް ކުރާނެ ގައުމެއްކަން ޔަގީންވާ ގޮތަކަކަށް ކަމަށެވެ. ނަމަވެސް މަޖިލިސް މެންބަރުން ވިސްނާނީ ރައްޔިތު މީހާއަށް އެންމެ ލުއި ކަމެއް ދެވޭގޮތަކަށް ކަމަށާއި އަދި އެ ނިންމުންތަކަށް އިހުތިރާމް ކުރައްވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
ކަންމިހެން އޮތް ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އޭޑީސީ ނެގުމަކީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު މަދުވެގެން ދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އެއަށް ރައްދު ދެއްވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ އޭޑީސީ ނަގައިގެން ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު މަދެއް ނުވާނެ ކަމަށާއި އެއާޕޯޓު ތަރައްގީވަމުން އަންނަ ވަރަކަށް އެ އަދަދު ދާނީ ދުވަހުން ދުވަހަކަށް އިތުރުވަމުން ކަމަށެވެ. އެހެން ނަމަވެސް އޭޑީސީ ނެގުމުގައި ތަފާތު ކުރުންތަކެއް އުޅޭ ކަމަށް ވަނީނަމަ އެކަން ބަލައި ނުގަންނަ ބައެއް ފަރާތްތައް އުޅޭނެ ކަމަށާއި އޭގެ ސަބަބުން ޓޫރިސްޓުން އަންނަ އަދަދު މަދުވުން އެކަށީގެންވާ ކަމަށެވެ.
ލޯނު ދޫކުރާ ފަރާތްތަކުގެ އިތުބާރު ބޮޑުވާނެ!
ސަރުކާރުން ލަފާކޮށްފައި އޮތީ އޭޑީސީ ނަގައިގެން 565.8 މިލިއަން ރުފިޔާ ހޯދުމަށެވެ. އަދި އެ ފައިސާ ޖަމާކުރާނީ، ފަހަށް ރައްކާ ކުރުމަށް މުޅިން އަލަށް އަންނަ އަހަރު އުފައްދާ ރާއްޖޭގެ ސޮވަރިން ފަންޑުގެ ތެރެއަށެވެ. އެ ފަންޑްގެ ބޭނުމަކީ، އެއާޕޯޓް ތަރައްގީ ކުރުމަށާއި އެހެން ވެސް މަޝްރޫއުތަކަށް ނަގާ ލޯނުތައް ދައްކައި ހަލާސް ކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޒުހޫރު ވިދާޅުވީ އެ ޗާޖު ނަގައިގެން ވަކި އަދަދަކަށް ފައިސާ ރައްކާކޮށްފައިވާނަމަ ލޯނު ދޫކުރާ ފަރާތްތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރަށް ބޭނުންވާ ލޯނުތައް ލިބުމަށްވެސް ފަސޭހަތަކެއް ވާނެ ކަމަށާއި އެ ދައްކާ ހަލާސް ކުރުމަށް ބޮޑެތި ލުއިތަކެއް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ލޯނުތަކަށް ފައިސާ ދައްކަން ގެރެންޓީއެއް އަޅުގަނޑުމެން ނުދީފި ކަމަށް ވަނީނަމަ އެ ލޯނު ދޭ ފަރާތްތަކަށް ވަރަށް ބޮޑު ކަންބޮޑުވުމެއް އިންނާނެ. އެ ލޯނުތައް އަނބުރާ ދެއްކުމަށް ވިސްނާފައި އޮތް ގޮތްތަކަކީ ކޮބައިކަން އެ ލޯނު ދޭ ފަރާތްތަކަށް ވިސްނާދޭން ޖެހޭ. އަދި ބަޖެޓުން ލިބޭ އާމްދަނީގެ އިތުރުން ލޯނަށް ފައިސާ ދެއްކޭނެ ފަދަ އިތުރު މަގުތަކެއް ހުރި ނަމަ އެ ލޯނު ދޭ ފަރާތްތަކުގެ އިތުބާރު ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ކަންކަމަށް ބަލާއިރު އޭޑީސީއެއް ނެގުމަކީ ދިވެހިންގެ އަތުން ދާ ބޭކާރު ހަރަދެކޭ ބުނެވޭކަށް ނެތެވެ. އޭޑީސީގެ ސަބަބުން ކޮންމެވެސް ހަރަދުތަކެއް އާންމުންގެ އަތުން ދިޔަ ނަމަވެސް ދުރުރާސްތާއެއްގައި އިގްތިސާދު ރަނގަޅުވުމުން އޭގެ ފައިދާ ކުރާނީވެސް ހަމަ ދިވެހިންނަށެވެ. އެ ހަރަދު ކުރާ އަދަދަށް ވުރެއް ފަހުން ލިބޭ ފައިދާ މާ ބޮޑެވެ. އަދި ރާއްޖޭގެ އެއާޕޯޓު ތަރައްގީ ކުރުމަށް ދިވެހިންގެ ބައިވެރިވުމަކީ އެއްވެސް ހާލަތެއްގައި ގެއްލުމެއް ނޫނެވެ. އެއީ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ގޮތުގައި ބެލިދާނެ އެވެ.