ރާއްޖެ ކުޅިވަރު

އީގަލްސްއިން ފައިނަލް ހާއްސަ ކުރަނީ ހެލްމެޓާއި މުއްކިއަށް

Nov 29, 2016

ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ ޕްރެޒިޑެންޓް ކަޕް ފައިނަލް މެޗް ކުލަބު އީގަލްސްއިން ހާއްސަ ކުރަނީ އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަހްމަދު ނޫމާން (ހެލްމެޓް) އާއި އިބްރާހިމް މުބީން (މުއްކި) އަކަށް ކަމަށް އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފިއެވެ.

"މި މުހިންމު ފައިނަލަށް އީގަލްސް ނިކުންނައިރު އެ ދެކުޅުންތެރިން އަޅުގަނޑުމެންނާއެކު ނެތް މި ފައިނަލު އަޅުގަނޑު ހާއްސަ ކުރާނީ ހެލްމެޓް އާއި މުއްކިއަށް" އިއްޔަ ހަވިރު ބޭއްވި ފައިނަލް ޕްރެކްޓިސްގައި އަވަސްއާ ޥާހަަކަ ދައްކަމުން ސާންތީ ބުންޏެވެ.

މި ސީޒަންގެ މެދުތެރެއިން ހެލްމެޓްގެ ކަކުލު ހުޅަށް ލިބުނު އަނިޔާއެއްގައި އޭނާ ވަނީ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ.

"މިހާރު ވަނީ އޮޕަރޭޝަން ކޮށްފައި އެންމެ މަދުވެގެންވެސް ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. އަލުން ކުޅުމަށް ނިކުމެވޭނީ ރީޖެނަރޭޝަން ޕްރޮގްރަމްތަކާއި ރިކަވަރިންގެ ގިނަ ކަންތައްތަކެއް ހެލްމެޓްވެސް އަމިއްލަ ކޮށްގެން. އަންނަ އަހަރު ސީޒަންގެ މެދުތެރޭގައި ކަމަށް މިބަލީނީ ކުޅެން ނިކުމެވޭނީ." ހެލްމެޓަށް ލިބިފައިވާ އަނިޔާއާ ބެހޭގޮތުން އީގަލްސްގެ ކޯޗިން ސްޓާފަކު ބުންޏެވެ.

މުއްކިއަށް އީގަލްސްއާއެކު އާދެވުނީ ޕްރެޒިޑެންޓް ކަޕްގެ ގުރޫޕް ސްޓޭޖް ފަހު މެޗާ ހަމަޔަށެވެ. ޓީސީއާ ދެކޮޅަށް ކުޅުނު މެޗްގެ އެންމެ ފަހުވަގުތުގައި ކުރި ކުށަކާ ގުޅިގެން ދެއްކި ރަތް ކާޑުގެ ސަބަބުން ދެ މެޗަށް އޭނާ ސަސްޕެންޑް ކުރިއެވެ.

އެހެންވެ ފައިނަލަށް ގޮންގޮސްދިނުމަށް ސެމީ ފައިނަލް މެޗްގައިވެސް ބައިވެރި ނުވެވުނެވެ. ސަސްޕެންޝަން އަދަބުގެ ފަހު މެޗަކަށް މިވީ މިއަދު ކުޅޭ ފައިނަލް މެޗެވެ.

ސާންތީ ބުނީ އީގަލްސްގެ ގޭމް ޕްލޭން އެކުލަވާލާނީ އެދެކުޅުންތެރިން ނެތްތައް ފޫބެދޭނެ ގޮތަކަށް ކަމަށެވެ.