ރައީސް އަބްދުﷲ ޔާމީން

ބަނދަރު ކުލި ބޮޑު ކުރުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ބޯޓު ފަހަރުން ނަގާ ބަނދަރު ކުލި ބޮޑު ކުރަން ރައްޔިތުން މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ބަނދަރު ކުލި ބޮޑު ކުރުމަށް ސަރުކާރު ފަރާތުން މާވަށު ދާއިރާގެ މެންބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަނގާރަ ދަވަހުގައެވެ.

އެ ބިލު ރައީސް ތަސްދީގު ކުރުމާ ގުޅިގެން މިހާރު 200 ގްރޮސް ޓަނު ހަމަ ނުވާ ކޮންމެ އުޅަނދެއް ބަނދަރަށް ވަނުމަށް ނަގާނީ 200ރ. އެވެ. އަދި 200 އިން ފެށިގެން 1000 ގްރޮސް ޓަނު ހަމަ ނުވާ އުޅަނދުތަކުން 300ރ. ނަގާއިރު 1000 އިން ފެށިގެން 2000 ގްރޮސް ޓަނު ހަމަ ނުވާ އުޅަނދުތަކުން ނަގާނީ 400ރ. އެވެ. އަދި 2000 ގްރޮސްޓަނު އުޅަނދުތަކަށް ނަގާނީ 500ރ. އެވެ. އަދި އެއަށްވުރެ އިތުރުވާ ކޮންމެ 500 ގްރޮސް ޓަނަކަށް 250ރ. ނަގާނެ އެވެ.

ބަނދަރު ކުލި ދައްކަން ނުޖެހޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 1000 ގްރޮސް ޓަނު ހަމަނުވާ އުޅަނދުތަކަށެވެ. އޭގެ އިތުރުން ބަނދަރުގައި ގިނަ ދުވަހު އޮތުމަށް އިތުރަށް ފައިސާދައްކަން ޖެހޭނެ އެވެ. އެގޮތުން ބަނދަރުގައި އޮންނަތާ ހަތް ދުވަހާއި 45 ދުވަހުގެ ނިޔަލަށް ރެއަކާ ދުވާލަކަށް 65ރ. ދައްކަން ޖެހެ އެވެ. އަދި 46 ދުވަހާއި 90 ދުވަހާ ދެމެދު ބަނދަރުގައި އޮންނަ އުޅަނދުތަކަށް 100ރ. ޗާޖު ކުރާއިރު 91 ވަނަ ދުވަހުން ފެށިގެން 150 ދުވަހާ ހަމަޔަށް ބަނދަރުގައި އޮންނަ އުޅަނދުތަކުން ޗާޖު ކުރާނީ 150ރ. އެވެ.

ބަނދަރު ކުލި ނެގުމާބެހޭ ގާނޫނަށް ބަދަލު ގެނެސްފައި މިވަނީ 38 އަހަރު ފަހުގަ އެވެ.