ރާއްޖެ ކުޅިވަރު

ސާންތީއާއެކު އީގަލްސްގެ ވަރަ ފަޅައި އުދުހިގަތް ގޮތް!

ދޫނީގެ ތެރެއިން އެންމެ ބާރުގަދަ އެންމެ ނުފޫޒުގަދަ ދޫންޏަކީ ބާޒު ނުވަތަ އީގަލްސްއެވެ. ބާޒަކީ ޝިކާރަ ކުރުމުގައިވެސް އެންމެ ވިސްނުންތޫނު އެއް ދޫންޏެވެ. ވަރުގަދަ ވަރަ އެއް ލިބިފައިވާ މި ދޫންޏަކީ އުދުހުމުގައި ހަލުވިވެފައި، އަމާޒަށް ވާސިލުވުމުގައި ނިކަން ހުޝިޔާރު ދޫންޏެކެވެ. ކޮންމެއަކަސް ގަދަފަދަވެގެންވީ މި ދޫންޏަކަށް ނިސްބަތްކޮށް ދިވެހި ފުޓްބޯޅައިގައި ނަން ދީފައިވާ ޓީމަކީ ކުލަބު އީގަލްސްއެވެ.

މީގެ 27 އަހަރު ކުރިން 1989 ވަނަ އަހަރު އެކުލަބު އުފެއްދީ ރާއްޖޭގެ އެއް ވަނަ ކޯޗް އަލީ ސުޒޭންގެ ބައްޕަ ހަސަން އަލީއެވެ. މިއަދު އީގަލްސް އަކީ އަތުލަން އުނދަގޫ ޓީމެކެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް އީގަލްސްގެ ވަރަ ފަޅައި ނިކަން ގަދަ އަށް އުދުހިގަނެފި އެވެ. އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތުގެ ތާރީހްގެ އެންމެ މަތީގައި އީގަލްސްގެ ނަންވެސްް ކަޑައި ނަގައިގެން ލިޔެލައިފި އެވެ.

މި ހައިބަވެތި ޝަރަފާ ހަމަޔަށް އެ ކުލަބު ގެންގޮސް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އެޓީމުގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އެވެ. އީގަލްސްއިން ފާހަގަވުމުގެ ކުރިން ސާންތީ އާންމުންގެ ލޮލުގައި އެންމެ ބޮޑަަށް އަޅައިގެންފައިވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައެވެ. އޭގެ ކުރިންވެސް އޭނާ އަކީ ކޯޗެކެވެ. އާ ކުޅުންތެރިން އުފެއްދުމުގައި އޭގެ ދެ ވަނަ އެއް ނެތް ކޯޗެކެވެ. އީގަލްސްއަށްވެސް ސާންތީ ގެނައީ އެ ފޯމިއުލާއެވެ.

"މީގެ ތިން އަހަރާއި ބައި ކުރިން ފެށި މަސައްކަތުގެ ނަތީޖާ ކުޅުންތެރިން އެ ހޯދައިދިނީ،" ޕްރެޒިޑެންޓް ކަޕްގެ ކާމިޔާބާ ހަމަޔަށް ދަތުރު ކުރި ގޮތް ކުރު ގޮތަކަށް ސާންތީ ކިޔައިދިނެވެ.

ވާދަވެރި އެހެން ކޯޗުން ވަރުގަދަ ޓީމުތަކާއެކު މުބާރާތްތައް ކާމިޔާބު ކުރާތަން ފެނުމަކީ ސާންތީވެސް އެކަން ހާސިލު ކުރަން އެދޭނެ ކަމެކެވެ. ނަމަވެސް ސާންތީ އަބަދުވެސް ހިޔާރު ކުރީ ކެތްތެރިކަމެވެ. އާ ކުޅުންތެރިން އުފެއްދުމަކީ އަހަރެއް ދެ އަހަރުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަމުގައި ގިނަ އަހަރު ތަކެއް ހޭދަވާނެއެވެ. މިއަދު ސާންތީ ކާމިޔާބާ ހަމަޔަށް އައީ ކެތްތެރި ކަމާއެކު އެހުރިހާ މަރުހަލާއެއް ކަޑައްތު ކުރުމަށްފަހު އެވެ. މިކަމުގައި އޭނާ ހިތުގެ އަޑިން ގަބޫލު ކުރާ ހަމައެއް ވެސް އެބައޮތެވެ.

"ހަގީގަތުގައި ކޯޗެއް ކާމިޔާބު ކޯޗަކަށް މިވަނީވެސް ކުޅުންތެރިން އުފައްދައިގެން އެ ކުޅުންތެރިންނާއެކު ކާމިޔާބު ހޯދުމުން،" ސާންތީ އާންމުކޮށް ދައްކާ ވާހަކަ މިފަހަރު ވެސް ތަކުރާރުކުރިއެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި އީގަލްސްގެ ކުރިމަގު އަދި ކިރިޔާ ފެށުނީއެވެ.

"މިއަދު އީގަލްސް ބޮޑު ޓީމަކަށް ވެއްޖެ" ސާންތި ބުންޏެވެ.

އޭނާ އީގަލްސްގައި މަސައްކަތް ފެށީ ބަޔަކު އެކުލަވާލާފައިވާ ސްކޮޑަކުން ނޫނެވެ. އަމިއްލައަށް ރޭވި ޕްލޭނަކުންނެވެ.

ޕްރެޒިޑެންޓް ކަޕްގެ ތަށި ލިބުމުގެ އިތުރަށް ސާންތީ އަށް ދެ އުފާ ވެސް ލިބިއްޖެއެވެ.

"ތައްޓެއްގެ އިތުރުން މިއަދު އަޅުގަނޑަށް ދެ އުފާ ލިބިއްޖެ މި މަސައްކަތް ފެށީ ސުމަކުން ކުދިންތަކެއް ނަގައިގެން އެ ކުދިންނަށް ކޮންފިޑެންސް ދީގެން ޓްރެއިނިން ދީ ކަންތަތައްތަކެއް ކޮށް މިހާ ހިސާބަށް މިއައީ،" ސާންތީ ބުންޏެވެ.

"އަޅުގަނޑު މާ ބޮޑަށް އުފާވޭ ބަޔަކު ހަދާފައި އިން އެއްޗަކަށްވުރެ ބޮޑަށް އަޅުގަނޑުމެން މިއައަށް އައިސް އެއްޗެއް ރޭވީ ރާވާފާ ކަންތައްތަކެއް ކުރެވުނީމަ މި ކާމިޔާބު ލިބުނީ މިއަދު އަޅުގަނޑުމެންގެ މިތިބަ ޒުވާން ކުޅުންތެރިންނަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ކުޅުންތެރިންކަން އިރާދަ ކުރެއްވިއްޔާ އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނޭ."

އީގަލްސް ބޮޑު ޓީމަކަށް ވިޔަސް ނަންމަޝްހުރޫ ކުޅުންތެރިން އެޓީމަށް ގެނައުމުގެ ވިސްނުމެއް އެ ޓީމުގެ މެނޭޖްމެންޓުން ނުގެންގުޅެއެވެ.

"މި ކާމިޔާބާއެކު އިތުރު ޒުވާން ކުޅުންތެރިން އަޅުގަނޑުމެންނާ ގުޅޭނެ އަޅުގަނޑުމެންގެ ވިސްނުން ހުރީ އެ ކުޅުންތެރިންނަށް ޓްރްއިނިން ދިގެން ކުޅުންތެރިން އުފައްދައިގެން ކާމިޔާބު ހޯދުން،" ސާންތީ ބުނީ މިހެންނެވެ.

އޭނާ މިހެން ބުނާއިރު ބަދަލުވަމުންދާ މިއަދުގެ ޒަމާނީ ފުޓްބޯޅައިގެ ފިލޯސަފިގައި ވެސް އެންމެ ކާމިޔާބު އުސޫލަކީ މިއީކަން ފާހަގަކޮށްލެވެ އެވެ. އެންމެ ހިތްގައިމު ފުޓްބޯޅަ އެއް ފެންނަ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުންވެސް ދެމެހެއްޓެނިވި ގޮތުގައި ކާމިޔާބުގައި ހިފެހެއްޓުމަށް އަމަލު ކުރަނީ މި އުސޫލަަށެވެ.

ކޮންމެ ކުލަބަކަށްވެސް އަހަރު ނިމޭއިރު އެންމެ ބުރަކޮށް އުޅެންޖެހޭނީ އެ އަހަރެއްގައި ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ނުވަތަ އެހެން ކުލަބެއްގައި ތިބި މޮޅެތި ކުޅުންތެރިންނަށް ބޮޑު އަގުން މުސާރަ ހުށަހަޅައި ޓީމަށް ގެނައުމަށެވެ. ނަމަވެސް އީގަލްސްއިން އެ މަސައްކަތް ކުރަން ނުޖެހޭނެ ކަމުގެ ޔަގީން ކަން ސާންތީ ދެއެވެ. މިހާރު ތިބި ކުޅުންތެރިން އެ ޓީމުގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތީމަ އެވެ.

"މި ޓީމުގައި އެބަތިބި އެކުޅުންތެރިންގެ އުމުރުން އަށް އަހަރުން ފެށިގެން އަޅުގަނޑާއެކު މަސައްކަތް ކުރި ކުޅުންތެރިން. އެހެންވެ އަޅުގަނޑަށް ގަބޫލު ކުރެވޭ މި ކުޅުންތެރިން އީގަލްސްގައި ދެމިތިބޭނެ ކަމަށް،" ސާންތީ ބުންޏެވެ.

އާ ކުޅުންތެރިން އުފެއްދުމާއެކު ހިތްގައިމު ރީތި ފުޓްބޯޅަ އެއް ކުޅުވުމަށްވެސް އީގަލްސްއިން އިސްކަން ދެއެވެ. ނިމިދިޔަ ފުޓްބޯޅަ ސީޒަނުގައި އެންމެ ހިތްގައިމު ކުޅުމެއް ފެނިގެން ދިޔަ ޓީމަކީވެސް އީގަލްސްއެވެ. ތިރިން ޕާސްކޮށްގެން ހަމަލާ އުފެއްދުމެވެ.

"އަދިވެސް ހިތްހަމަޖެހޭ ވަރަކަށް ޕާސިން ގޭމެއް ނުކުޅޭވޭ އަޅުގަނޑު ބޭނުން މިއަށްވުރެވެސް ބޮޑަށް ޕާސް ކޮށްގެން ކުޅުވަން އެކަމަށް ހާއްސަކޮށް ޓްރެއިނިން ތަކެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ސާންތީ މީގެ ކުރިން ބުނެފައި ވެއެވެ.

ދެން އޮތީ ސާންތީ ނެތް ދުވަހަކުން އީގަލްސްއަށް ވާނެ ގޮތަކާ މެދު އުފެދޭ ސުވާލެވެ. އޭނާ އީގަލްސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި އަހަރަށް ހަމަވީއެވެ. އެކަމަކު އީގަލްސްގައި ސާންތީ ނެތަސް އޭނާގެ ނުފޫޒޫ އެކުލަބުގައި އޮންނާނެއެވެ. ފަހަރެއްގައި އޭނާ ފެންދީ ހެއްދިގަހުގެ މޭވާ މުޅި ކެރިއަރުގައި އޭނާ އަށް ނުލިބުނަސް ސާންތީގެ ފިލޯސަފީ އީގަލްސްއިން ފިލައިގެން ނުދާނެއެވެ.

"ފަހަރެއްގައި އީގަލްސްގެ މެނޭޖުމެންޓުން އަޅުުގަނޑު ކޯޗެއްގެ ގޮތުގައި ބައްހައްޓަން ނުފެންނަ ކަމަށް ނިންމަފާނެ. ނަމަވެސް ކޮންމެ ކޯޗެއް އައި ނަމަވެސް އީގަލްސް އިން ވިސްނުމަކީ މިއީ."