ސަރުކާރުން މި އަހަރު ބޯން މެރޯ ޓްނާސްޕްލާންޓް ހަދަން އަލަށް ފޮނުވާ ހަ ކުއްޖަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ. އެ ކުދިންނާއި އާއިލާތަކާ މިއަދު ލިޔުން ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، ފާތުމަތު އިބްރާހިމެވެ.
މި ކުދިންގެ ބޯން މެރޯ ހަދާނީ އިންޑިއާގައި ބޯން މެރޯ ހެދުމުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ މަނީޕާލް ހޮސްޕިޓަލްގަ އެވެ. މިއިން ކޮންމެ ކުއްޖަކަށް ޒަކާތު ފަންޑުން ނުވަ ލައްކަ ރުފިޔާ ހަރަދު ކުރާއިރު ސަރުކާރުން އިތުރު ހަރަދުތަކެއް ވެސް ކުރެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބަދުވެސް އިސްކަން ދެއްވަނީ އުމްރާނީ ތަރައްގީއާ އެހަމައިގައި އެހީތެރި ކަމާއި އަޅާލުމުގެ އިޖުތިމާއީ ތަރައްގީ ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން ބޯމެރޯ ހަދަން ޖެހޭ ކުދިންނަށް އެހީވެ ދެއްވުމަށް އެ މަނިކުފާނު ކަނޑައަޅުއްވާފައިވާ ލަނޑު ދަނޑި މިހާރުވެސް ހާސިލް ކޮށްފައިވާ ކަމަށާއި އެ ހަމަ ހިފެހެއްޓުމަށް ހުއްޓާ ނުލައި ސަރުކާރު ދެމި އޮންނާނެ ކަމަށެވެ.
ރާއްޖޭގައި ތެލެސީމީއާ ކޭސް އެއް ފުރަތަމަ ފާހަގަ ކުރެވުނީ 1979 ވަނަ އަހަރު އެވެ. ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ގައުމެވެ. މިހާތަނަށް ރާއްޖޭގެ ތެލަސީމިއާ ދަފުތަރުގައި 849 ކުދިން އެބަ ތިއްބެވެ. މިއީ މައިންބަފައިންގެ ފަރާތުން ވާރުތަވަ ބައްޔެކެވެ. ރާއްޖޭގައި ތެލަސީމާ ޓެސްޓްތައް ހަަދަން ފެށީ 1985 ގައެވެ.
ތެލަސީމިއާއަށް ދޭ ފަރުވާގައި ފުރަތަމަ ރާއްޖޭގެ ކުއްޖަކު ބޯން މެރޯ ޓްރާންސްޕްލާންޓް ހެދީ 1992 ގައެވެ. އެގޮތުން މިހާތަނަށް ދިވެހި 57 ކުއްޖަކު ބޯން މެރޯ ހަދާފައި ވެއެވެ. އޭގެ ތެރެއިން 16 ކުދިން ވަނީ މަރުވަ އެވެ. ފަސް ކުދިންގެ ޓްރާންސްޕްލާންޓް ކާމިޔާބުވެފައެއް ނުވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ފަރާތުން ބޯން މެރޯ ޓްރާންސްޕްލާންޓާ ބެހޭ ތައާރަފެއް ވެސް ހުށަހަޅައި ދިނެވެ.