ރިއަލް އެސްޓޭޓް އުސޫލުން ވިއްކާ ފްލެޓްތައް ގަންނަ ފަރާތްތަކަށް ބޭނުންވާ ހިދުމަތް ދިނުމަށް ހާއްސަ ޑިޕާޓްމަންޓެއް ހައުސިން މިނިސްޓްރީގައި އުފައްދަން ނިންމައިފި އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި އުސޫލުން ހުޅުމާލޭގައި އަމީން ކޮންސްޓްރަކްޝަންއިން އަޅާ "އަމީން އެވެނިއު" ފްލެޓްތައް އިފުތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރެވޭ ގޮތްތައް އިކޮނޮމިކް ކައުންސިލުން ބަލަމުންދާ ކަމަށެވެ. މި މާކެޓުގެ ތެރެ އިން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހަގީގަތުގައި ރިއަލް ސްޓޭޓް މާކެޓު މުހިންމު. ހާއްސަކޮށް ރާއްޖެއަށް ރިއަލް ސްޓޭޓް މާކެޓު ހާއްސަވަނީ ދިވެހިރާއްޖޭގެ ކޮންމެ ޒުވާނެއްގެ، ބޯހިޔާވަހިކަން ބޭނުންވެފައިވާ ކޮންމެ މީހެއްގެ ވަރަށް ބޮޑު ބޭނުމެއް ބޯހިޔާ ވަހިކަމަކީ. އެކި ސިފަ ސިފާގައި ވެސް ނުވަތަ ލޯކޮސްޓް ހައުސިންގެ ގޮތުގައި ވީނަމަވެސް،" އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހައުސިން މިނިސްޓްރީގައި އުފައްދާ މި ޑިޕާޓްމަންޓުން ފްލެޓް ގަތުމަށްފަހު، ކުރަން ޖެހޭ މުހިންމު ގިނަ ކަންތައް ފުރިހަމަ ކުރެވޭނެ ކަމަށެވެ.
" އަޅުގަނޑުމެން މިތަނުން އެޕާޓްމަންޓް ގަތުމަށްފަހު އެތައް ދުވަހެއް ހޭދަކުރަން ޖެހޭ އޭގެ ޓައިޓަލް ލިބުމަށް. ރައީސް ޔާމީންގެ މަޝްވަރާ އާއި ހައުސިން މިނިސްޓަރުގެ ތަޖުރިބާއާއިއެކު މި ވަނީ ރިއަލް އެސްޓޭޓް ޑިޕާޓްމަންޓެއް ހައުސިން މިނިސްޓްރީގައި އުފައްދަން ނިންމާފަ. އޭގެ ދަށުން ދިވެހިރާއްޖޭގައި އެޕާޓްމަންޓެއް ގަންނަ ކޮންމެ ބޭފުޅަކަށް މާތް ރަސްކަލާނގެ އިރާދަފުޅުން 48 ގަޑިއިރު ތެރޭގައި އަތަށް ޓައިޓަލް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ،" އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރިއަލް އެސްޓޭޓް ވިޔަފާރިއަކީ ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތް ދާއިރާއެއް ކަމަށާއި، ނަމަވެސް މި ދާއިރާގައި ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ހައުސިން މިނިސްޓަރީގެ ތެރޭގައި ރިއަލްއެސްޓޭޓް ވިޔަފާރީގެ ފްލެޓް ގަންނަ ފަރާތްތަކަށް އެހީވުމަށް އުފައްދާ ޑިޕާޓުމަންޓުން ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.