އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކޮށްފިނަމަ އިލެކްޝަން ކޮމިޝަނަށް ލިބޭ ގެއްލުމަށްވުރެ ސަރުކާރު ހިންގާ، ޕީޕީއެމްއަށާއި ދައުލަތަށް ލިބޭ ގެއްލުން ބޮޑު ކަމަށް ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.
ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެ ޕާޓީއަށް ވެވިފައިނުވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމުގައި ވަނީ ޕީޕީއެމް ދިމާވެފައިވާ ހާލަތަކީ ޟަރޫރީ ހާލަތެއް ކަމަށެވެ. އެ ޕާޓީގެ އާންމު މެންބަރުންގެ ދަފުތަރާއި އެހެނިހެން މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށެވެ. އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީ ހިންގުމަށް ހުރަސްއެޅުމުގެ ސަބަބުން އިންތިހާބަށް ތައްޔާރުވާން ވަގުތު ލިބިފައިނުވާ ކަމަށެވެ.
ޟުރޫރީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތެއް ގާނޫނުގައި ބުނެފައިނުވާއިރު ޝަރީއަތުން އަމަލުކުރަން ޖެހޭނީ ޝަރުއީ ގާއިދާތަކުގެ މައްޗަށް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެގޮތުން މި މައްސަލާގައި "ދެ ގެއްލުން ކުރިމަތިވާ ހާލަތުގައި ބޮޑު ގެއްލުމެއް ސަލާމަތްކުރުމަށްޓަކައި ކުޑަ ގެއްލުމަކަށް އަރައިގަތުން ހުއްދަވާ ހުއްޓެވެ،" މި ގާއިދާއަށް ރިއާޔަތްކޮށްފައިވެ އެވެ.
އިލެކްޝަނުން ޝަރީއަތުގައި ބުނެފައިވަނީ އިންތިހާބު ފަސްކޮށްފިނަމަ އެ އިންތިހާބަށް ތައްޔާރުވުމަށް ކޮށްފައިވާ ބޮޑެތި ހަރަދުތައް ބޭކާރުވެ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށެވެ. ނަމަވެސް ހުކުމުގައި ބުނެފައިވަނީ އިންތިހާބު ފަސްކުރުމުން އިލެކްޝަން ކޮމިޝަނަށް ގެއްލުންވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ގެއްލުންތަކުގެ ތަފްސީލު ހާމަކޮށްދެވިފައިނުވާ ކަމަށެވެ. އަދި މައްސަލާގެ ތެރެއަށް ވަތް ފަރާތްތަކަށް އެ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނަށް ލިބޭނެ ގެއްލުންތައް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. ނަމަވެސް އިންތިހާބު ފަސްކޮށްފިނަމަ ޕީޕީއެމް ބޮޑު ގެއްލުމެއްވުމުގެ އިތުރުން ދައުލަތުގެ އާންމު މަސްލަހަތަށްވެސް ގެއްލުންވާނެ ކަމަށެވެ.
ހުކުމުގައި ވަނީ ގާނޫނުގައި އިންތިހާބު ބޭއްވުމުގެ މުއްދަތު ކަނޑައެޅިފައިވާ ކަންތައްތަކުގައި ޖަމާއަތުގެ ނިޒާމު އާންމުއާ ގުޅިފައިވާ ދައުލަތުގެ އާންމު މަސްލަހަތު ހިމެނޭ ކަންކަމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެ ޕާޓީއެއްގައި އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށްވާ ޕީޕީއެމްއަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ތާރީހެއްގައި އިންތިހާބު ބޭއްވުމަކީ ދައުލަތުގެ އާންމު މަސްލަހަތު ގެއްލި ހުޠޫރަތްތެރިކަމުގެ ތެރެއަށް ދައުލަތް ވެއްޓިގެންދާނެ ކަމެކެވެ. އަދި މިފަދަ ޟަރޫރީ ހާލަތެއްގައި ގާނޫނުގައި މުއްދަތު ކަނޑައެޅިފައިވާ ކަމެއްގައި އެ މުއްދަތަށްވުރެ ފަސްކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އިލެކްޝަން ކޮމިޝަނަށްވާ ގެއްލުމަށްވުރެ މި ދެ ގެއްލުން ބޮޑުވެގެންދާނެތީ އިލެކްޝަން ކޮމިޝަނަށް ގެއްލުމެއްވިޔަސް މި ގެއްލުމަށް އަރައިގަނެން ވިޔަސް ބޮޑު ގެއްލުން ސަލާމަތްކުރުމަކީ ހުއްދަވެގެންވާނެ ކަމެއް،" ހުކުމުގައިވެ އެވެ.
ހުކުމުގައި އިތުރަށް ބުނެފައިވަނީ އިންތިހާބެއް ބޭއްވުމުގެ ހައްގު ގާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ލިބިގެން އޮތް ނަމަވެސް އެ އިންތިހާބުގައި ވާދަކުރުމަށް ގާނޫނީ ގޮތުން ހައްގު ލިބިގެންވާ ސިޔާސީ ޕާޓީތަކަށާއި ފަރުދުންނަށް ގެއްލުމެއްވާނެ ގޮތަށް އިންތިހާބެއް ބޭއްވުމުގެ އެއްވެސް ތަސައްރަފެއް ކުރުމކަި ހުއްދަކަމެއް ނޫންކަން ޝަރުއީ ހަމަތަކުގެ މަތިން އެނގެން އޮންނަ ކަމަށެވެ.