ވިޔަފާރި

އަމީން އިން ހުޅުމާލޭގައި ފަށާ ބިޔަ ހައުސިން މަޝްރޫއު އިފުތިތާހުކޮށްފި

Mar 11, 2015

ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އަމީން ކޮންސްޓްރަކްޝަންގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި އަދީބު ވިދާޅުވީ އަމީން ކޮންސްޓްރަކްޝަން ފަދަ ކުންފުނިތަކުން މިފަދަ މަޝްރޫއުތައް ފެށުމުން ދައްކުވައިދެނީ އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ކަމަށެވެ. އަދި މި ސަރުކާރަކީ ވިޔަފާރިކުރާ ސަރުކާރެއް ނޫން ކަމަށާއި، ސަރުކާރުން މިފަދަ މަޝްރޫއުތައް ފެށުމަށް މަގު ތަނަވަސްކޮށްދޭނީ ކަމަށެވެ.

"މިކަމަކީ ވެސް ހުރެވިދާނެ ކަމެއް ކަމުގެ ޔަގީންކަން ވަނީ ކޮރަލްވިލް އާއި މިފަހަރު މަޝްރޫއުތައް ހިންގައިގެން ލިބިފަ. އަޅުގަނޑުމެން އައިސް ސަރުކާރުން ކުރި މަސައްކަތަކީ ކިހިނެއްތޯ އިކޮނޮމިކް ސްޓޭބަލް ކުރާނީ. މިއަދު އަމީން ކޮންސްޓްރަކްޝަނުން މި މަޝްރޫއު ފައްޓާއިރު މި ކުރަނީ ވިޔަފާރި އުސޫލުން. އަޅުގަނޑުމެން އެ ބޭފުޅުންނަށް ސަބްސިޑީ އާއި އިތުރު ރަށްތަކެއް ދޭކަށް ނުޖެހޭ. މިއީ އެހެން ސަރުކާރުތަކާ އޮތް ތަފާތަކީ،" އަދީބު ވިދާޅުވި އެވެ.

ހުޅުމާލެގައި އަމީން އިން ހިންގާ އެންމެ ބިޔަ ހައުސިން މަޝްރޫއުގެ ގޮތުގައި ބެލެވޭ "އަމީން އެވެނިއު" މަޝްރޫއުގެ ދަށުން 14 ބުރީގެ ތިން ފްލެޓް އިމާރާތެއް ކުރާނެ އެވެ. މި ތިން ފްލެޓުގައި 260 އަށްވުރެ ގިނަ އެޕާޓްމަންޓުތައް ހުރެ އެވެ. ތިން ޓަވަރު ގޮތަށް ހަދާ މި ފްލެޓުގައި އާދައިގެ ހައުސިން އެޕާޓްމަންޓުތަކާއި މަތީ ފަންތީގެ ލަގްޒަރީ އެޕާޓުމަންޓުތައް ވެސް ހުރެ އެވެ. އަދި މި ފްލެޓުތަކުގެ އެންމެ މަތީގައި ފުރިހަމަ ބޮޑު ޕެންޓް ހައުސްތަކެއް ވެސް ހުރެ އެވެ.

ފްލެޓުތަކުގެ މައުލޫމާތު ދެއްވަމުން އަމީން ކޮންސްޓްރަކްޝަންގެ، މެނޭޖަރު އަހުމަދު ނިހާދު ވިދާޅުވީ މި ފްލެޓުތަކުގެ ފުރަތަމަ ތިންބުރި ހާއްސަ ވެގެންދާނީ ފިހާރަތަކާއި ޕާކިން އޭރިއާއަށް ކަމަށެވެ.

އަމީން އެވެނިއު ފްލެޓު ހަދަނީ ހުޅުމާލޭ ރީތި ގަސް މަގު، ގާޒީ ސްކޫލް ކައިރީގަ އެވެ. މި ފްލެޓުތަކުގެ ބޭސިކް އެޕާޓުމަންޓުގެ ކެޓަގަރީގައި ވިއްކާ ފްލެޓުތަކުގެ އަގު ފެށެނީ 2.1 މިލިއަން ރުފިޔާއިންނެވެ. އަދި ލަގްޒަރީ އެޕާޓްމަންޓުތަކުގެ އަގު 3.7 މިލިއަން ރުފިޔާގައި ހުރިއިރު، އެންމެ އަގު ބޮޑު ޕެންޓް ހައުސްގެ އަގުތައް ފެށެނީ 6.4 މިލިއަން ރުފިޔާއިންނެވެ.

މި ފްލެޓުތައް ދޫކުރަނީ ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ފައިނޭސް ފެސިލިޓީގެ ދަށުންނެވެ.