ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބު ފަސް ކުރި މައްސަލަ އީސީ އިން އިސްތިއުނާފު ކުރަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ ޕީޕީއެމުން އިންތިހާބު ފަސްކޮށްދޭން ހުށަހެޅި މައްސަލާގައި މިއަދު އެވެ.

ސިވިލް ކޯޓަށް ޕީޕީއެމް މައްސަލަ ވެއްދީ، އެ ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެ ޕާޓީއަށް ވެވިފައިނުވާ ކަމަށް ބުނެ އެވެ. އެ ޕާޓީގެ ޑޭޓާ ބޭހާއި ޕާޓީގެ އާންމު މެންބަރުންގެ ދަފުތަރު ވެސް ނެތް ކަމަށެވެ. އަދި އެހެނިހެން މުހިންމު ލިޔެކިޔުންތައް ވެސް ގެއްލިފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ.

އިންތިހާބު ފަސްކޮށްފިނަމަ އިލެކްޝަން ކޮމިޝަނަށް މާލީ ގޮތުން ގެއްލުންވާނެ ކަމަށް ބުނެފައިވީ ނަމަވެސް ސިވިލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ އިންތިހާބު ފަސްކޮށްފިނަމަ ޕީޕީއެމާއި ދައުލަތަށް ލިބޭ ގެއްލުން އިލެކްޝަން ކޮމިޝަނަށް ލިބޭ ގެއްލުމަށްވުރެ ބޮޑުވާނެ ކަމަށެވެ.

މިއަދު ބާ ޖަމާލުއްދީންގައި ގާއިމުކޮށްފައިވާ އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރުމަށް ނިންމައި އެކަމުގައި ކުރަން ޖެހޭ ތައްޔާރީތައް އެ ކޮމިޝަންގެ ލީގަލް ޓީމުން މިހާރުކުރަމުންދާ ކަމަށެވެ.

މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އިންތިހާބަށް ތައްޔާރުވުމަށް ވާންޖެހޭ ކަންކަން ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވެސް އަމްޖަދު ވިދާޅުވި އެވެ.