ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ މައްސަލަތަކުގެ ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފި އެވެ.
މަކަރާއި ހީލަތުން ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް ނާޒިމް ކާމިޔާބު ކުރި ކަމަށް ބުނެ މަކަރާއި ހީލަތުގެ ހަތަރު ދައުވާއެއް ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި ނަމަވެސް ދަށު ކޯޓާއި ހައި ކޯޓުން ނިންމާފައިވަނީ ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފަ އެވެ.
ވަކިވަކިން ކުރިއަށް ގެންދާ އެ މައްސަލަތައް މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހާ ހަމައަށް ކުރިއަށް ގެންދަން ވަނީ ތާވަލްކޮށްފަ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ނާޒިމަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.