ބޭރު ކުޅިވަރު

ޔޫރޯ ކާމިޔާބު ކުރުމުގެ ފެންވަރު އިނގިރޭސީންގެ އެބަހުރި: ގޭޓް

އިންގްލެންޑްގެ ގައުމީ ޓީމުގައި 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުގެ ފެންވަރު އެބަހުރިކަމަށް އެ ޓީމުގެ ހެޑްކޯޗްގެ ގޮތުގައި ދާއިމީ އެއްބަސްވުމެއް ހެދި ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓް ލައްވައި ރަސްމީ އެގްރިމެންޓްގައި އިނގިރޭސި އެފްއޭއިން ސޮއި ކުރުވީ ހަތަރު އަހަރުގެ މުއްދަތަށެވެ. މާނައަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2020 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް އިނގިރޭސި ޓީމަށް އިރުޝާދު ދޭނީ ސައުތުގޭޓެވެ.

ސައުތުގޭޓަކީ 1996 ވަނަ އަހަރު ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ޖަހަން ލިބުނު ޕެނަލްޓީ މިސް ކޮށްލި ކުޅުންތެރިޔެކެވެ. ސެމީއިން އިންގްލެންޑް ކެޓުމުގެ އަސްލަކަށްވީ އެ ޕެނަލްޓީ ނާކާމިޔާބު ވުމެވެ.

"މިހާރު ހުރިހާ ކުޅުންތެރިންގެ ވިސްނުމުގައި އެބަހުރި ޔޫރޯ ކާމިޔާބު ކުރުމާ ހަމަޔަށް އަހަރެމެންނަށް ދެވޭނެ،" ސައުތު ގޭޓް ބުންޏެވެ.

ޔޫރަޕްގެ އެކި ސިޓީތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 ގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އިންގްލެންޑްގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

ރޯއީ ހޮޖްސަން އަށް ފަހު އިނގިރޭސި ކޯޗްކަން ހަވާލު ކުރި ސޭމް އެލަޑައިސްގެ މައްޗަށް ފެންމަތިވި މައްސަލަތަކާ ގުޅިގެން އޭނާ މަގާމުން ދުރަށް ދިއުމުން އިނގިރޭސި އެފްއޭއިން ސައުތުގޭޓާއި ކޯޗް ކަން ހަވާލު ކުރީ ހަތަރު މެޗަށެވެ. އޭގެތެރޭގައި ހިމެނެނީ ވޯލްޑް ކަޕް ކޮލިފައިން ތިން މެޗާއި އެކުވެރި ކަމުގެ މެޗެވެ.

ކޮލިފައިން މާލްޓާ އަތުން 2-0 ން މޮޅުވިއިރު ސްކޮޓްލޭންޑް އަތުން މޮޅުވީ 3-0 ން ނެވެ. ސޮލެވޭނިއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ރަހުމަތްތެރިކަމުގެ މެޗްގައި ސްޕެއިން އަތުން އެއްވަރުވީ އެވެ.

"އިންގްލެންޑްގެ މެނޭޖަރު ކަމަށް ހަމަޖެއްސުމުން އަހަރެމެން ވަރަށް ފަހްރުވެރިވެއްޖެ އަހަރެންވެސް ސަމާލުވާނަން އަހަންނަށް ވަޒީފާއެއް ލިބުމުން އަހަރެން ބޭނުމީ އެ ވަޒީފާގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަން،" ސައުތުގޭޓް ބުންޏެވެ.