ހަބަރު

ދިވެހިންގެ ނަށާ ރޮބަޓް: މި މޫސުމުގެ ގަދަ ތަރި!

ޑިސެމްބަރު މަސް މި ފެށުނީ އެވެ. ގެތަކުގައި ކުލަބޮކިތަކާއި ވަރުވަރުން ޑިޒައިންތަކުގެ މާފޮތި އަމުނައި ހިތާނީ މައިދާންތަކަކަށް ބަދަލުކޮށްލައިފި އެވެ. ޔަގީނަށް ވެސް މިއަށްވުރެ ފުރިހަމަ ހިތާނީ މޫސުމެއް އަހަރުގެ މިނޫން ދުވަސްވަރެއްގައި ރާއްޖެއަކަށް ނާންނާނެ އެވެ. ހިތާނީ ރާގުތައް މެދުނުކެނޑޭ މި ދުވަސްކޮޅު އެންމެ ބުރަ މަސައްކަތެއް ކުރާ އެއް ބަޔަކީ މުނިފޫހި ފިލުވައިދޭ ހަރަކާތްތައް ހިންގާ ފަރާތްތަކެވެ. ހާއްސަކޮށް ބެޑުބެރު ގްރޫޕްތަކަށް މިއީ އީދެކެވެ. ނަމަވެސް މާލޭގެ ހިތާނީ މައިދާންތަކަށް މިއަހަރު ޒިޔާރަތްކޮށްލީ ނިކަން އާދަޔާ ހިލާފު އެހެނަސް ކުޅަދާނަ ފަންނާނެކެވެ. މި ފަންނާނެއް ފެނި، ޖާދުލުގައި ނުޖެހޭ ކުޑަކުއްޖަކު ހަމަ ޔަގީނަށްވެސް މި މާލޭގައި މިހާރު ހުންނާނެ ހެނެއް ހިއެއްނުވެ އެވެ. މިއީ ދިވެހިންގެ "ނަށާ ރޮބޮޓް"، މަޝްހޫރު ނަމުން ނަމަ، ރޮބޯ މޭންގެ ވާހަކަ އެވެ.

މާސްކެއްގެ މަތިން އައިނެއް އަޅައި، މުޅި ބޮލާއި ކަރު ފޮރުވޭ ގޮތަށް ހުންނަ ވަރުގަދަ ހެދުމެއްގައި އޭނާ ފެންނަ އިރު ހީވަނީ ހަގީގަތުގައި ވެސް ރޮބޮޓެއް ހެންނެވެ. ހަރަކާތްތައްވެސް ސާފުވެފައި ފުރިހަމަ އެވެ. މި ރޮބޮޓެއްގެ އާދަޔާ ހިލާފު ޖާދޫ ފުރަތަމަ ދައްކައިލީ މީގެ ދެ އަހަރެއް ކުރިން މާލޭގެ ފިހާރައެއްގެ ކަންމަތިންނެވެ. އެއަށްފަހު އެކި ދުވަސްވަރު މާލޭގެ އެކި ކަންމަތިތަކުން ލަވައެއްގެ ބީޓަށް ހަރަކާތްކުރަމުންދާ އިރު ފެންނަ އެކަނިވެރި މި ރޮބޮޓެއްގެ ސޫރަ އެކި ފުރައިގެ ހިތްތަކުގައި އެހިސާބުން ބިންވަޅު ނެގުނެވެ. ނުފެންނަ ބަޔަކަށް މިއީ ކިހާ ވަރެއްގެ ރޮބޮޓެއްކަން ބުނެދޭން ނޭނގުނަސް، ދެކި ފެނިފައިވާ މީހުންނަށް ރޮބޯ މޭން އަކީ ހަމަ "ހަބޭސް ރޮބޮޓެ"ކެވެ.

ރޮބޯ މޭން އަށް މި ދުވަސްކޮޅު ވަރަށް ބިޒީ އެވެ. މާލޭގެ އެކި ހިތާނީ މައިދާންތަކުގައި ކުޑަކުދިން އާސޯހު ކުރުމުގައި ރޮބޯމޭން ކާމިޔާބު ހޯދައިފި އެވެ. ކުޑަކުދިންގެ ހިތްތައް ފަތަހަކޮށްފި އެވެ. ކައިވެނި ހަފްލާތައް އަޑުގަދަ ކޮށްލައިފި އެވެ.

މާސްކެއްގެ ފުރަގަހުގައި ފޮރުވިފައި ހުންނަ ރޮބޯ މޭން އުފެދިގެން އައީ އާންމުންނާ ހަމައަށް މުޅިން އާ ހުނަރެއް ގެނެސްދިނުމުގެ ބޭނުމުގަ އެވެ. ރާއްޖެއަށް ބަލާއިރު އާންމުން އެހާ ގަޔާ ނުވާ ނެށުމުގެ ދާއިރާއިން ޝައުގުވެރި ތަފާތު ހުނަރެއް އާންމުންނަށް ދައްކާލުމުގެ މަގުސަދުގައި މާލޭގެ ފިހާރައެއްގެ ކަންމަތީގައި ހުއްޓި ހުރެ ރޮބޯ މޭން ފެށި ހަރަކާތް ހިޓަކަށްވީ އެވެ. މި ހިޓެއްގައި އާންމުން ޖެހި މާލޭގެ ޓްރެފިކަށްވެސް އަސަރުކޮށްފައި އެބަހުއްޓެވެ.

"އެއް ފަހަރު މީހެއްގެ އިސްތިގުބާލަށް އެއާޕޯޓަށް ގޮސް ޓާމިނަލުގައި ހުރީ. ފުރަތަމަ މީހުންނަށް މާކަ ފާހަގައެއް ނުވޭ. ދެން ބީޓާ އެއްވަރަށް ހަރަކާތްކޮށް ނަށަން ފެށީމަ ގެސްޓުންނާ އެކި މީހުން އައިސް ސުވާލުވެސް ކުރި. އެހެން ނަމަވެސް ކެރެކްޓާގެ ގޮތުން އެ ސުވާލުތަކަށް ޖަވާބެއް ނުދެވުނު. ދެން އެތަނަށް މީހުން އެއްވެ ބޮޑު ކްރައުޑަކަށް ބަދަލުވީ. އެންމެ ފަހުން ފުލުހުން ވެސް އައީ،" ރޮބޯމޭން އޭނާގެ އާދަޔާ ހިލާފު ދަތުރުގެ ވާހަކަ ކިޔައިދިނެވެ.

ރޮބޯމޭން ބުނި ގޮތުގައި އޭނާ އެންމެ އުފާވަނީ އޭނާގެ ސްޓައިލް ޒުވާނުންގެ މެދުގައި މަޝްހޫރުވެ، އެ ގޮތަށް ނެށުމުގެ ޝައުގުވެރިކަން އިތުރުވަމުންދާތީ އެވެ. އޭނާގެ ސްޓައިލްއަށް ޝައުގުވެރިވެ ވަރަށް ގިނަ ޒުވާން ފިރިހެން ކުދިން ފޭސްބުކާއި އެނޫން ވެސް ގޮތްގޮތުން މެސެޖް ފޮނުވާތީ އުފާވާ ކަމަށް ރޮބޮމޭން ބުންޏެވެ.

ރޮބޯމޭންގެ މެނޭޖާ އަލީ މިޝާލް ސިފަކުރާ ގޮތުން ރޮބޯ މޭން އަކީ ހަމަ އެކަނި "ރޮބޮޓިކްސް" ޖައްސާ ރޮބޮޓެއް ނޫނެވެ. އެއީ ހުރިހާ މިޒާޖަކަށް ހުރިހާ ޖޯންރާއެއްގެ ލަވައަކަށް ވެސް ނަށާލެވޭ ވަރަށް "ފްލެކްސިބަލް" ރޮބޮޓެކެވެ. ކުޑަކުދިންނަށް ރޮބޮމޭން އެހާ ކަމުދިޔަ އެއް ސަބަބަކީވެސް އެއީ ކަމަށް މިޝާލް ބުންޏެވެ.

"ހިތާނީ ގެތަކަށް މިހެން ގޮސް ވަދެލީމަ ބައެއް ކުދިން ފުތަރަމަ ތިބޭނީ ވަރަށް ހައިރާންވެފަ. ރޮބޮމޭންއާ އެކު އުޅޭނީ ކޮން ގޮތަކަށްތޯ ޔަގީން ކުރަން ނޭނގިފަ ކުދިން ތިބޭނީ. އެކަމަކު ރޮބޯމޭން ފަށައިގަތީމަ ކުދިން ވަރަށް އުފާވާނެ. ހުރިހާ ކުދިންވެސް ވަރަށް ބަލާނެ ރޮބޯމޭންއާ އެއްވަރަށް އެ ޖައްސާ ސްޓެޕްތައް ޖެއްސޭތޯ،" މިޝާލް ބުންޏެވެ.

މިޝާލް ބުނި ގޮތުގައި މި އަހަރުގެ ހިތާނީ މޫސުމަކީ ރޮބޯމޭން އަށް ޑިމާންޑް ބޮޑު މޫސުމެކެވެ. މިހާރުވެސް އެތަކެއް ހިތާނީ މައިދާންތަކުގައި ކުދިންގެ ހިތް އުފާކޮށްލަދީފައިވާ އިރު، ކުރިއަށް މި ޗުއްޓީގައި ދިހައަކަށްވުރެ ގިނަ ހިތާނީ ހަފްލާއަށް ދައުވަތު ލިބިފައި އެބައޮތް ކަމަށް މިޝާލް ބުންޏެވެ. އަދި އެތަކެއް ކައިވެނި ހަފްލާއެއްވެސް ކުރިއަށް އޮތީ ރޭވިފަ އެވެ. ރޮބޮ މޭން ވަނީ މި ފަހުން ހުޅުމާލޭގައި ބޭއްވި ހިތާނީ އުފާގައި ބައިވެރިވި ކުދިންނަށް ވެސް އެތަކެއް ނެށުމެއް ހުށަހަޅާއިދީފަ އެވެ.

މި ހުރިހާ ވާހަކައެއް ދެކެވުމުން ރޮބޮމޭންގެ އަސްލާމެދު ސުވާލު އުފެދިދާނެ އެވެ. ރޮބޮ މޭން އަކީ 22 އަހަރުގެ ވަރަށް ކުޅަދާނަ ޒުވާނެއްގެ އާދަޔާ ހިލާފު ވިސްނުމެވެ. އެ ވިސްނުމާއެކު ދިވެހި ރޮބޮމޭން ފޭނުންނަށް ކުރިއަށް ވަރަށް އާދަޔާ ހިލާފު ސަޕްރައިޒްތަކެއް ހުރިކަމުގެ މެސެޖެއް ރޮބޯ މޭންގެ ޓީމުން މިވަނީ ދީފަ އެވެ. ހަމަ ޔަގީނަށްވެސް ރޮބޯމޭންގެ މިހާތަނަށް އައި ސަޕްރައިޒް ތަކަށްވުރެ ދެން ހުރި ސަޕްރައިޒްތައް މާ ބޮޑަށް ވެސް ކަމުދާނެ އެވެ. އިންތިޒާރު ކޮށްލާށެވެ.