ހައިކޯޓް

ގިނަ މައްސަލަތަކެއް ނިންމުމަށްފަހު، ހައިކޯޓު ރިސެސްއަށް

Dec 2, 2016

އެއް މަސް ދުވަހުގެ ތެރޭގައި ރިކޯޑް އަދަދަށް މައްސަލަ ނިންމުމަށް ފަހު ހައިކޯޓު ރިސެސްއަށް ހިނގައްޖެއެވެ. ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހައިކޯޓު ރިސެސްއަށް ދިޔައިރު، މިދިއަ ނޮވެމްބަރު މަހުގެ ތެރޭގައި ހައިކޯޓުން 69 މައްސަލަ ނިންމާ ހުކުމްކޮށްފައި ވެއެވެ. މިއީ އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މައްސަލަ ނިންމި މަހެވެ.

ހައިކޯޓް ގަވާއިދުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުން، ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ހައިކޯޓުގެ އަހަރީ ޓަމަކީ، ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހެވެ.

ހައިކޯޓުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި އާއްމުކޮށް މައްސަލަ ހިންގުން ފިޔަވާ، ކޯޓަށް މައްސަލަ ހުށަހެޅުމާއި، ރަޖިސްޓްރީ ކުރުމާއި، ރިޕޯޓުދޫކުރުމާއި، ލިޔުން ދޫކުރުންފަދަ، އެހެނިހެން ކަންކަން ކުރަމުންދާނެ އެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި ހައިކޯޓުން ރިކޯޑް އަދަދަކަށް މައްސަލަ ނިންމާފައިވާއިރު، އޭގެ ތެރޭގައި މަރުގެ މައްސަލަތަކާއި މަދަނީ ބޮޑެތި މައްސަލަތަކުގެ އިތުރުން ދުސްތޫރީ މައްސަލަތައް ވެސް ހިމެނެއެވެ. ހައިކޯޓުން ރިކޯޑް އަދަދަކަށް މައްސަލަ ނިންމުމަށް ފަހު ރިސެސްއަށް ދިޔައިރު، ހައިކޯޓުގައި މިހާރު މަސައްކަތް ކުރައްވަނީ ހަތަރު ފަނޑިޔާރުންނެވެ.