ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަތަ ފީފާގެ ދަބެސްޓް އެވޯޑްގެ ގަދަ ތިނަކަށް ސްޕެނިޝް ލީގްގައި ކުޅެމުންދާ ތިން ކުޅުންތެރިން ކަމަށްވާ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ފްރާންސްގެ އެންޓޯނިއޯ ގްރިއެޒްމަންގެ ނަން ނޮމިނޭޓް ކޮށްފިއެވެ.
މޮޅު ކުޅުންތެރިޔާގެ އެވޯޑް ދޭނީ އަންނަ މަހު ނުވަ ވަނަ ދުވަހު ސްވިޒަލޭންޑްގެ ޒިޔުރިކްގައި ބާއްވާ ފީފާ އަހަރީ އެވޯޑް ހަފުލާގައެވެ.
ފްރާންސްގެ ފުޓްބޯޅައާ ގުޅިގެން ކުރިން ދެމުން އައި ބެލަންޑޯ އެވޯޑުން ފީފާ ވަކިވެ ފީފާއިން ވަނީ 'ދަ ބެސްޓް' ގެ ނަމުގައި ފީފާގެ އެވޯޑް ތާރަފުކޮށްފައެވެ.
މިފަހަރުގެ އެވޯޑަށް އާންމުންނަށްވެސް ވޯޓް ދެވޭ ގޮތަށް ފީފާއިން ވަނީ އުސޫލުތައް ކަނޑައަޅާފައެވެ. ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ ވޯޓަކީ އެވޯޑްގެ 50 ޕަސަންޓް މާކުހެއެވެ. އަނެއް 50 ޕަސަންޓަކީ ކުޅިވަރު ނޫސްވެރިންނާއި ސަޕޯޓަރުންގެ ވޯޓެވެ.
މެސީ ވަނީ ހަ ފަހަރެއްގެ މަތިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ. ރޮނާލްޑޯ ހޯދާފައި ވަނީ ހަތަރު ފަހަރުއެވެ. ވޭތު ވެދިޔަ ހަތް އަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ އާއި މެސީ ފިޔަވައި އެހެން ކުޅުންތެރިޔަކަށް ލިބިފައެއް ނުވެއެވެ.
މިފަހަރުގެ އެވޯޑް ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ ރޮނާލްޑޯއަށެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާއެކު މިއަހަރުގެ ޔޫއެފްއާ ޗެމްޕިއަންސް ލީގް ހޯދާފައެވެ. އަދި ޕޯޗްގަލްއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއެވެ.
މެސީ ވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ހޯދައި މިއަހަރު ބޭއްވި ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ގެންގޮސް ދީފައެވެ.
ގްރިއެޒްމަން ވަނީ އެތުލެޓިކޯ މެޑްރިޑް ޔޫއެފްއާ ޗެމްޕިއަންސް ލީގް ފައިނަލަށް ގެންގޮސްދީފައެވެ. އަދި ފްރާންސް ޔޫރޯ ފައިނަލަށް ވެސް ގެންގޮސް ދިނެވެ. މީގެ އިތުރުން އޭނާ ވަނީ ޔޫރޯގެ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް ނޮމިނޭޓް ވެފައިވަނީ ޖަރުމަންގެ މެލެނީ ބެރިންގާ އާއި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އެމެރިކާގެ ކާލީ ލޯއިޑް އާއި ބްރެޒިލްގެ މަރުޓާ ވިއޭރާއެވެ.