ރިޕޯޓް

ސްޓާ ވޯސް މިމަހު ނެރެނީ: ރާއްޖެ ތައްޔާރު ތަ؟

Dec 3, 2016
3
  • ސްޓާވޯސް ރިލީސް ކުރުން މިމަހު 16 ގައި
  • ރާއްޖޭގެ ރީތި މަންޒަރުތަކެއް ފިލުމުން ފެންނާނެ
  • ޓޫރިޒަމް އިޝްތިހާރު ކުރަން ބޭނުންކުރެވޭނެ

ސްޓާ ވޯސްގެ އެންމެ ފަހުގެ ފިލްމަށް މުޅި ދުނިޔޭގެ ނަޒަރު އޮތީ ހުއްޓިފަ އެވެ. ސްޓާ ވޯސްގެ އެންތޮލޮޖީ ސިލްސިލާގެ ދަށުން އުފައްދާފައިވާ ފުރަތަމަ ފިލްމު ކަމަށްވާ "ރޯގް ވަން" ރިލީޒް ކުރާނީ މި މަހުގެ 16ގަ އެވެ. މި ފިލްމު ރިލީޒްކުރާ އިރު ދިވެހިންނަށް ވެސް މި ފިލްމު ވަރަށް ހާއްސަ އެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގައި ރާއްޖޭގެ ރީތި މަންޒަރު ތަކެއް ފެނިގެން ދިއުމެވެ. އަނެއް ސަބަބަކީ މި ފިލްމް ރިލީޒްވުމާއި ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ޓޫރިޒަމާ ގުޅުން ބޮޑުވުމެވެ.

މި ފިލްމު ޝޫޓްކޮށްފައިވަނީ ލ. ބަރެސްދޫގަ އެވެ. މި ރަށުގެ އިތުރަށް ލ އަތޮޅުގެ އެހެންނިހެން ވެސް ހިތްގައިމު ތަންތަނުގައި ފިލްމްގެ މަންޒަރުތައް ވަނީ ނަގައިފަ އެވެ. ފިލްމު ރިލީޒް ކުރުމާއެކު، ދުނިޔޭގެ އެތައް މިލިއަން ބަޔަކުގެ ނަޒަރަށް ރާއްޖެއަށް ހުއްޓޭނެ އެވެ. މި ސަބަބަށްޓަކައި މި ފިލްމަކީ ރާއްޖޭގެ ޓޫރިޒަމަށް ހާއްސަ ފިލްމަކަށް ވަނީ ވެފަ އެވެ. މި ފިލްމުގެ ތިން ޓްރެއިލާއެއް ރިލީޒް ކޮށްފައިވާއިރު، ހުރިހާ ޓްރެއިލާތަކެއްގައިވެސް ރާއްޖެ ފެނިގެންދެ އެވެ.

މި ފިލްމްގައި ގެލެކްޓިކް އެމްޕަޔާގެ މައި ބޭސްއެއްގެ ގޮތުގައި ފެނިގެންދާ، ސްޓާ ވޯޒް ކާއިނާތުގައި ހިމެނޭ "ސްކާރިފް" ކިޔާ ޕްލެނެޓް ވުޖޫދު ކޮށްފައި ވަނީ، ލ އަތޮޅުގެ ބަރެސްދޫ އާއި ވަށައިގެންވާ މާހައުލު ނަމޫނައަކަށް ބަލައިގެންނެވެ.

"ސްކާރިފް"ގެ ދިފާއުގައި ނިކުންނަ ސްޓޯމް ޓްރޫޕާސް އާއި، އެ ޕްލެނެޓަށް ވެރިވެގަނެ ވެރިކަން ފޭރިގަތުމަށް މަސައްކަތް ކުރާ ނުބައި އޭލިއަނުންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ވެސް ބަދަލުކުރަނީ ބަރެސްދޫގެ މޫދާއި އެ ރަށުގެ ހިތްގައިމު ރުއްފަލުގެ ތެރޭގަ އެވެ. މީގެ އިތުރަށް ސްޓޯމް ޓްރޫޕާސްގެ ގޮތުގައި ދިވެހި ސިފައިން ވެސް ވަނީ އެ ފިލްމްގައި ހަރަކާތްތެރިވެފަ އެވެ.

ޓޫރިޒަމްގައި މަސައްކަތްކުރާ ވިޔަފާރިވެރިން ދެކޭ ގޮތުގައި މި ފިލްމަކީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އެންމެ މުހިންމު ޓޫލްއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެކައްޗަށް ވާނެ އެވެ. ނަމަވެސް އެކަން ކުރާނަމަ ހުރިހާ ފަރާތް ތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު މިކަންކުރުން މުހިންމު ކަމަށް މި ދާއިރާގެ ތަޖުރިބާ ކާރުން ބުނެ އެވެ.

ސްޓާ ވޯސް "ރޯގް ވަން" އިން ރާއްޖެ ޕްރޮމޯޓް ވެގެންދާއިރު ފިލްމް ރިލީޒް ކުރާ ދުވަސްވަރު ދިމާވަނީ ޓޫރިޒަމްގެ އެންމެ ޕީކް ސީޒަނާ އެވެ. އަދި ޔޫރަޕަށް ފިނި މޫސުމާއި އެ މީހުންގެ ބޮޑު ޗުއްޓީއަށެވެ. މި ކަމަށް އިތުރު ކުރިއެރުމެއް ލިބިގެން ދަނީ އާ އަހަރުގެ ފެށުން ވެސް ކުޑަ ތަންވެފައިވާ ދަނޑިވަޅަކަށްވުމުންނެވެ. ޔޫރަޕަށް ފިނި މޫސުމަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާ ދުވަސް ވަރެވެ. މިއީ ރާއްޖެމަތިން ޔޫރަޕު އެންމެ ހަނދާން ވާނެ ދުވަސް ވަރެވެ. މިފަދަ މުހިންމު ދުވަސްވަރެއްގައި ރާއްޖޭގެ ރީތި މަންޒަރުތަކެއް ޔޫރަޕުގެ ބޮޑު ސްކްރީންތަކުން ދެއްކުމަކީ ކުޑަ އިޝްތިހާރަކަށް ނުވާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ކަމަށްވާ ލެޓްސްގޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) "އަވަސް" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި ބޮޑެތި މަޝްހޫރު ފިލްމްތައް ނެގުމުގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި ކުރި އެރުން ތަކެއް ލިބިފައި އެ ބަހުއްޓެވެ. ހާއްސަކޮށް ރާއްޖެ ފަދަ ރީތި ގައުމެއްގެ އެންމެ މަންޒަރެއް ދައްކާލުމަކީ ވެސް ބޮޑު އިޝްތިހާރަކަށް ވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ރިތިކް އިންނާނެ އެހެން ގައުމެއްގައި ފިލްމެއް ނަގާފައި. އެ ފިލްމުގައި މި ފެންނަނީ ފްލައި ބޯޑު ކުރާތަން. އެ މަންޒަރު ފެނިފައި ވެސް ރާއްޖެ އަށް ޓޫރިސްޓުން އައިސްފައި އެބަހުރި،" ރިޔާޒު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެހެން ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ މި ފިލްމް ރިލީޒް ކުރުން ރާއްޖޭން ރިސޯޓުތަކުގައި ވެސް ފާހަގަ ކުރުން މުހިންމު ކަމަށެވެ.

"މިކަން [އިޝްތިހާރު] ކުރަންވީ. މިއީ މުޅިން ހިލޭ ލިބޭ އިޝްތިހާރު. ހުރިހާ ރިސޯޓެއްގައި ތިބޭ ޓޫރިސްޓުންނަށް ވެސް އެ ބަޖެހޭ އެނގެން މި ފިލްމް ރާއްޖޭގައި ނެގިކަން،" ނަން ނުޖެހުމަށް އަދި ވިދާޅުވި އެވެ.

ރާއްޖޭގެ ޕީއާރު ފާމެއް ކަމަށްވާ ގެޓަވޭސް މޯލްޑިވްސްގެ ސީއޯއޯ ޑރ. ހުސެއިން ސަނީ ވިދާޅުވީ މި ފިލްމު ރިލީޒް ކުރުން ވަރަށް ވަރުގަދަ އަށް ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

"މީގެ ސަބަބުން ޓޫރިޒަމަށް ބޮޑު އިޝްތިހާރެއް މި ލިބެނީ. ހާއްސަކޮށް އަލަށް ހުޅުވަން ތައްޔާރުވާ ރިސޯޓުތަކާއި ލ. އަތޮޅަށް. ލ. އަތޮޅުގެ ޓޫރިޒަމް އިޝްތިހާރު ވާނެ. އެކަމަކު ރާއްޖޭން މީގެ އެޑްވާންޓޭޖް ނަގައިފިނަމަ،" ސަނީ ވިދާޅުވި އެވެ.

ފިލްމް ރިލީޒްކުރާއިރު، ރާއްޖެއަށް ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ބައިވެރިވުން ރިލީޒްކުރުމުގައި ހުރުން ހިމެނެ އެވެ. އަދި ރާއްޖޭގެ މައި ދޮރާށި ކަމަށްވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި މި ފިލްމް ރިލީޒްކުރާ ދުވަހު ހާއްސަ ކަމެއް ރޭވުން މިއީ ކުރެވިދާނެ ކަމެކެވެ.

ސްޓާވޯޒްގެ ފަހުގެ ފިލްމް ރާއްޖޭގެ ޓޫރިޒަމަށް މުހިންމުވާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ބާޒާރަށް އަލަށް ނެރޭ މެދު ފަންތީގެ އެނދުތައް ވިއްކުން ހިމެނެ އެވެ. ލ. އަތޮޅުގައި ސަރުކާރުން ތަރައްގީ ކުރާ ގެސްޓްހައުސް އައިލެންޑް ވިއްކުމަށް މިއީ އެންމެ ރަނގަޅު ވަގުތެވެ.

ކޮންމެއަކަސް 16 ގައި ފިލްމް ރަސްމީކޮށް ރިލީޒްކުރާއިރު، ރާއްޖޭން ވެފައިވާ ތައްޔާރީތައް އަދި ރަސްމީކޮށް އެނގޭކަން ނެތެވެ. ނަމަވެސް، އެނގޭ އެއް ކަމަކީ މިވަރުގެ ރަނުގެ ފުރުސަތެއް ރާއްޖެ އަކަށް ނާންނާނެ ކަމެވެ. ރާއްޖޭގެ ކަނޑު ތަކުން ހޮވި ޕްލާސްޓިކުން އެޑިޑާސް ކުންފުނިން ޖާޒީއެއް ހަދައި، އެންމެ މަޝްހޫރު ކްލަބުން އެ ލައިގެން ފުޅުބޯޅަ ވެސް ކުޅެފި އެވެ. އެކަން ކުރިކަން ވެސް މަދު ބަޔަކަށް ނޫނީ ނޭނގެ އެވެ. ނަމަވެސް މި ފަހަރު މި އަންނަނީ މުޅިން ތަފާތު ފުރުސަތެކެވެ.