މި އަހަރަކީ ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތައް ކުރިމަތިވި އަހަަރެކެވެ. ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރަށް ޒަމާނުންސުރެ ރާއްޖޭގެ ފުޓްބޯޅައަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް އިންތިހާބު ބޭއްވިޖެ އެވެ. އެންމެ އިންތިހާބެއް ނޫނެވެ. ދެ އިންތިހާބެވެ. ފުރަތަމަ އިންތިހާބު ކުރި އެކްސްކޯއަށް ފިރުކި ނުލެވި އުޅެނިކޮށް އަނެއްކާވެސް މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ. މައްސަލަ ހައްލު ކުރުމަށް އަނެއްކާވެސް އިންތިހާބެވެ.
ދެވަނަ އިންތިހާބު ބޭއްވިއްޖެއެވެ. އެ އިންތިހާބާއެކު ހިނގަމުން މިދާ އެކްސްކޯއަށް ވެސް ވަޅުގަނޑަކަށް ނުވެއްޓި ކުރިއަށް ގެންދެވިދާނެތޯ ސުވާލު ކުރާ ގިނަ ބަޔަކު ފުޓްބޯޅައިގެ އާއިލާ ތެރޭގައި ވެސް އެބަތިއްބެވެ.
މި ފަހަރު އެފްއޭއެމްގެ މާލީމީ ކަންދިނީ މި އަހަރުގެ ފުރަތަމަ އިންތިހާބަށްފަހު ޖެނަރަލް ސެކްރެޓަރީ ކަމަށް ހަމަޖެއްސި ބައްސާމް އަދީލް ޖަލީލެވެ. އިތުބާރު ނެތް ކަމަށް ބުނެ މަސްއޫލިއްޔަތުތަކުން ދުރުކުރި ޖެނަރަލް ސެކްރެޓަރީ އެވެ. ނަމަވެސް ބައްސާމް އިތުބާރު އޮތް ކަމަށް ނިންމައި ކުލަބުތަކުން އޭނާ މަގާމަށް އިންތިހަބު ކޮށްފިއެވެ. ޕްލޭންތަކާއި ގިނަ ވައުދުތަކެއް ވެ ވަޑައިގަތުމަށްފަހު މަސައްކަތް ފައްޓަވައިފިއެވެ. އެންމެގެވެސް އުންމީދަކީ ކާމިޔާބު ކަމާއެކު މަސައްކަތް ފުރިހަމަކޮށް ނިންމާލުމުގެ ފުރުސަތު ލިބިގެންދިއުމެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތް ގޮތުން ބައްސާމަށް ގޮންޖެހުން ކުޑަ ނުވާނެކަން އެންމެން ވެސް އިއްތިފާގުވެއެވެ. ތިރީގައި މި އޮތީ ފުޓްބޯޅައަށް ހުރި ގޮންޖެހުންތައް ގިރާ ކުރާނެ ގޮތުގެ ޕްލޭންތަކާއި ފުޓްބޯޅަ އަށް ގެނައުމަށް ހަމަޖެހިފައިވާ ސްޓްރެޓެޖިކް ބަދަލުތަކާ ބެހޭގޮތުން އަވަސްގެ ޓީމަށް ބައްސާމް ދެއްވާފައިވާ ހާއްސަ އިންޓަވިއުއެކެވެ.
އެފްއޭއެމް އަށް އަބަދުވެސް ދިމާވާ މައްސަލައަކި ހިންގުން ދޯދިޔާވެ ވަކި ބައެއްގެ ނުފޫޒު މުޅި އެފްއޭގެ ކަންކަމަށް ފޮރުވުން އެންމެ ފަހުން އޮތް އެކްސްކޯއަށްވެސް ދިމާވި މައްސަލައެއް ފުޓްބޯޅައިގެ ތިބި ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ ނުފޫޒު އޮތުން އެކަން ކުޑަ ކުރުމަށް ކިހާވަރަކަށް މަސައްކަތް ކުރާނެތޯ؟
ވޭތުވެދިޔަ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީތަކުގައި މެންބަރުންގެ ދައުރު ވަރަށް ކުޑަކޮށް ފެނިގެންދިޔައީ އެކްސްކޯ މެންބަރުންނާ ހިއްސާ ކުރަންޖެހޭ ބައެއް މައުލޫމަތުތައް ހިއްސާ ނުކުރެވި އޮންނަނީ، އެހެންވީމަ އަޅުގަނޑުގެ ވިސްނުން ހުރީ އަޅުގަނޑުގެ އެކްސްކޯއާއެކު ހުރިހާ ކަމެއްގައި ހިއްސާ ކުރަމުން ގެންދިއުން އަދި ހަމަ އެކްސްކޯގެ މެންބަރުގެ ދައުރު ވަރަށް ބޮޑު ވާނެ އޭގެތެރޭގައި ވަކި އޭރިއާއެއް ނަގައިގެން އެ އޭރިއާއެއް އެންމެ އިސްކޮށް ބަލަހައްޓާ މެންބަރުންގެ ގޮތުގައި އެކްސްކޯ މެންބަރުން ހިމެނިގެންދާނީ، ކަންތައްތައް ހަމަޖެހިގެން އަންނައިރު ޑޭޓްޑޭ މަސައްކަތްތަކުގައި އެ މެންބަރުންގެ ހިއްސާވާ ގޮތަށް ރޭވިގެންދާނީ ދެން އަޅުގަނޑުމެން މަޝްވަރާ ކުރުމަށްފަހު އެ މެންބަރަކަށް ހައްސަވާ ދާއިރާއެއް ކަނޑައެޅިގެން ދާނީ
ކުރީގައި ނެޝަނަލް ޓީމުގެ ހާއްސަ ކުޅުންތެރިންތަކެއްގެ އިންފްލްއަންސް އޮވެދާނެ ޓީމު ސިލެކްޝަން ކަންތަކުގައި ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން ފެށިގެން އެކަންތައް ވަރަށް ބޮޑަށް ކުޑަ ކުރެވިފަ އޮންނާނީ
ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގައި ދިޔަ ގޮތަށް ކަންތައް ކުރެވިއްޖެނަމަ މިކަމަށް ހައްލު ލިބިގެންދާނެ މިކަމުގައި ނެޝަނަލް ޓީމު ކޮމިޓީއެއް އެކުލެވިގެންދާނެ މި ކޮމިޓީގައި ހިމެނޭނީ ކޯޗުންނާއި ޓެކްނިކަލް ބޭފުޅުންވެސް އެ ކޮމިޓީ އާއި ގައުމީ ހެޑްކޯޗަށް ގައުމީ ޓީމުގެ ހުރިހާ ކަމެއްގައި ބާރު އޮންނާނީ އެފްއޭގެ މައި އިދަރާއިން ނުވަތަ އެކްސްކޯ އަކުން އެކަމަށް ބާރެއް ނުފޯރުވާނެ
އެފްއޭއެމްގެ އެކްސްކޯ އިންތިހާބު ކުރަން ފެށި ފަހުންވެސް މިހާތަނަށް އެކްސްކޯ ދައުރު ފުރިހަމަ ކުރެވުނީ ފުރަތަމަ އިންތިހާބު ކުރި އެކްސްކޯ އަށް އެކަނި، އިންތިހާބަށް ފަހު އެންމެ ގިނަ ބަޔަކު އުފައްދާ ސުވާލަކީ އެފްއޭއެމްގެ މިހާރުގެ އެކްސްކޯއަށް ކާމިޔާބު ކަމާއެކު ދައުރު ފުރިހަމަ ކުރެވިދާނެތޯ؟ ކިހާވަރެއްގެ ޔަގީންކަމެއްތޯ އޮތީ ބައްސާމްގެ އެކްސްކޯއަށް ކާމިޔާބު ކަމާއެކު ދައުރު ފުރިހަމަ ކުރެވިދާނެ ކަމުގެ؟
ކުރިން މިދެންނެވިހެން ކުރިން އޮތް އެކްސްކޯއަށް އެންމެ ބޮޑަށް ކުރިމަތިވި މައްސަލައަކީ އެފްއޭއެމް ހިންގުމުގައި ދައުރު ކުޑަ ވެގެންދާތީ އެކްސްކޯއެއްގައި މައްސަލަ މި ދިމާވަނީ، އެކްސްކޯ މެންބަރުން އެބަޖެހޭ ކުލަބުތަކާއި ފުޓްބޯޅައިގެ އާއިލާއާއެކު ރަނގަޅު ގުޅުމެއް ބާއްވައި ފުޓްބޯޅަ އާއިލާއަކި އެއްބައިވަންތަ އާއިލައެއްގެ ގޮތުގައި މަސައްކަތް ކުރަން، އިންތިހާބެއްގައި ކުލަބުތައް ދެކޮޅަކަށް ބެހިގެން ހިނގައިދާނެ ނަމަވެސް އިންތިހާބަށްފަހު އެ ކުލަބުތައްވެސް އަޅުގަނޑަށް ގުޅުއްވާ މަރުހަބާ ކީ އެކުގައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ތައްޔާރަށް އޮތް ކަަމަށް ވިދާޅުވި އިރާދަ ކުރެއްވިޔަ އެފްއޭއެމްގެ މި އޮތް އެކްސްކޯއިން އަޅުގަނޑުމެން މި ވީ ވައުދުތައް ފުއްދައި ކުލަބު ތަކާއެކު ރަނގަޅު ގުޅުމެއް ބާއްވައި ކާމިޔަބު ކަމައެކު މި ހަތަރު އަހަރު ނިންމާ ލެވޭނެ
އިންތިހާބުގައި ރާއްޖޭގެ ބައެއް ސީނިއާ ކުޅުންތެރިންގެ ތާއީދު އޮތީ ކުރީގެ ރައީސް އަހްމަދު ތޯރިގް އަށް. އެފަދަ ބައެއް ކުޅުންތެރިން ބައްސާމް އަށް މަރުހަބާ ނުކިޔަކަން ފާހަގަ ކުރެވޭ ގައުމީ ޓީމުގެ ކީ ކުޅުންތެރިންނާއެކު ރަނގަޅު ގުޅުމެއް އެބައޮތްތޯ؟
އަޅުގަނޑަށް އެހާ ތާއިދު ކުރެވޭ ކަމެއް ނޫން ގައުމީ ޓީމުގެ ކުޅުންތެރިން އެފްއޭއެމް އިންތިހާބުގައި އެ ކުޅުންތެރިން ފާޅުކަން ބޮޑުގޮތެއްގައި ވަކި މީހަކާއެކު މަސައްކަތް ކުރާކަށް ނަމަވެސް އެކުޅުންތެރިން ތާއިދު ކުރާ ކެނޑިޑޭޓެއް ހުންނާނެ އަޅުގަނޑު އުންމީދު ކުރަން ކުރިއަށް އޮތް އިންތިހާބުތަކުގައި މިކަހަލަ ކަންކަން ތަކުރާރު ނުވާނެ ކަމަށް.
އަލުގަނޑަށް ކޮންމެހެން ބޭނުން ކަމެއް ކޮންމެ ނޫން ކީ ޕްލޭޔަރުން ޕަބްލިކްގައި އަޅުގަނޑަށް މަރުހަބާ ކިޔުން ތި އިޝާރާތް ކުރެއްވި ކީ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކު އިންތިހާބު ފަހުން އަޅުގަނޑަށް މެސެޖެއް ކޮށްފައި މަރުހަބަ ކިޔާފަ ވިދާޅުވި އެއްބާރުލުން ދެއްވާނެ ވަހަކަ އަނެއް ކުޅުންތެރިޔަކު އޭގެ ދެ ދުވަސް ފަހުން ގުޅުއްވި އިންތިހާބުގައި އެނެއް ކެނޑިޑޭޓަށް ތައިދު ކުރެއްވި ސަބަބުތައް ހިއްސާ ކުރެއްވި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުރީ ކޮންމެހެން ޕަބްލިކަށް އެންގުމަށްވުރެ އަޅުގަނޑަށް މުހިންމީ އެ ކުޅުންތެރިންގެ އެއްބާރުލުން، އަޅުގަނޑާ އެ ކުޅުންތެރިންނާ މެދު ރަނގަޅު ގުޅުމެއް އެބައޮތް އޭގެ ހެއްކެއް އިންތިހާބު ފަހުން ކޮންޓެކްޓް ކުރެއްވުން
ސީނިއާ ކުޅުންތެރިންނަކީ އބަދުވެސް އަރަމުން އަންނަ ކުޅުންތެރިންނަށް ނަމުނާއަކަށް ވާން ތިބި ކުޅުންތެރިން ނަމަވެސް ރާއްޖޭގެ ސީނިއާ މުހިންމު ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް އަން ޕްރޮފިޝަނަލް ކަންކަން ފެންނަކަން ފާހަގަ ކުރެވޭ އެކަމުގެ ސަބަބުން ފުޓްބޯޅަ އަށް އިމްޕެކްޓްވެސް ކުރޭ. މިކަމަށް ޕްރޮފިޝަނަލް ހިޔާލެއް ދެންޏާ ކީކޭތޯ ބުނާނީ؟
މިހާރު ތިބި ކުޅުންތެރިން އިތުރަށް ޕްރޮފިޝަނަލް ކުރުމަށްޓަކައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. ނަމަވެސް އެކަމާ ބެހޭގޮތުން ވާހަކަ ދެއްކިދާނެ
ގްރާސް ރުޓްގައި ދަސްކޮށްދޭނީކީ ހަމައެކަނި ފުޓްބޯޅައިގެ ހުނަރުތަކެއް ނޫން ހުރިހާ ގޮތަކުން ނަމުނާ ކުޅުންތެރިންތަކަކަށް ވާން ދަސްކޮށްދޭން އެބަޖެހޭ ހަމައެޔާއެކު މީޑިއާއާ ރަށްޓެހި ކުޅުންތެރިޔަކަށް ވުމަށްވެސް ދަށްކޮށްދޭން ޖެހޭ މިއަދުގެ ގިނަ ކީ ކުޅުންތެރިންނަކީ މީޑިއާ ބީރަށްޓެހި ކުޅުންތެރިން ވަންޓުވަން އިންޓަވިއުތަކަށްވެސް ގިނަ ކުޅުންތެރިން ފަސް ޖެހޭ އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ގްރާސް ރޫޓުން އަންނަ ކުޅުންތެރިނަކީ ހުރިހާ ގޮތަކުން ހަރުދަނާ ކުޅުންތެރިން ކަމުގައި ހަދަން އޭރުން ކަންނޭގެ މި ޕްރޮފިޝަނަލިޒަމް ފެއްޓިގެން ދާނީ
ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބަކާރުން އެބަބުނޭ ކޮންމެހެން ބޭރުގެ ޓެކްނިކަލް ޑައިރެކްޓަރެއް ބޭނުމެއް ނުވެޔޭ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ގައުމީ ކޯޗް ހުއްޓަސް ފުދެޔޭ މިކަމުގައި ހިޔާލަކީ ކޮބައިތޯ؟
ރާއްޖޭގަ މިތިބީ ވަރަށް މަދު ކޯޗެއް ޓެކްނިކަލް ޑިރެކްޓަރު ފެންވަރުގެ މަގާމެއް އަދާ ކުރެވޭ، ހަމައެޔާއެކު އެންމެ މަތީ ލެވަލްގައި ކޯޗުކަން ކުރަން ތިބި ދިވެހި ކޯޗުންވެސް ވަރަށް މަދު
ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހަލަތުން ނަގައިގަންނަ ކަމަށްވަންޏާ އަޅުގަނޑުމެން އެބަޖެހޭ ރާއްޖޭގައި މިއޮންނަ އެންވާރުމެންޓަށް ވުރެ ތަފާތު ވިސްނުމެއް މީގެ ތެރެއަށް ވައްދަން، ތަފާތު ވިސްނުމެކޭ މި ދެންނެވީ ބޭރު މީހެއް ކަމަށްވާނަމަ އެމީހަކު ވާނެ ރާއްޖެއާ ތަފާތު އެހެން ތަނެއްގައި މަސައްކަތް ކޮށްފަ ތަޖުރިބަ ހޯދާފަ ހުރި މީހަކަށް އެހެންވެ އިތުރު ވިސްނުމެއް މީގެ ތެރެއަށް އެބަ ގެނެވޭ އެހެންވީމަ އަޅުގަނޑާއި އަޅުގަނޑުގެ ޓީމު ގަބޫލު ކުރަނީ މިވަގުތު ރާއްޖެއަށް ބޭރުގެ ޓެކްނިކަލް ޑައިރެކްޓަރެއް އެބަ ބޭނުންވޭ އޭގެ މުހިންމު ކަމަކީ ދިވެއްސަކަށް އެ މަގަމު ނުދިނުމެއް ނޫން ނަމަވެސް އާ ރަހަތައް ދިވެހި ފުޓްބޯޅަ އަށް ވެއްދުމުގެ ބޭނުމުގައި
ގައުމީ ކޯޗަކަށް ހުންނަ މީހަކު އަބަދުވެސް ކުރާ އެންމެ ބޮޑު ޝަކުވާއަކީ އިންޓަނޭޝަނަލް މެޗްތައް ނުލިބުން. އެކަމަށް ކިހާވަރަކަށް ސަމާލުކަން ދެއްވާނަންތޯ؟
އަޅުގަނޑު ވާނީ ގައުމީ ކޯޗް (ޑަރެން ސްޓްވާޓް) ފުރައިގެން ދިއުމުގެ ކުރިން ކޯޗާ މަޝްވަރާ ކުރިން ދެންނެވިން އަޅުގަނޑު އިންތިހާބު ވެއްޖެއްޔާ ކޯޗް ގެނައުމުގެ ވިސްނުން ވަރަށް ބޮޑަށް އެބަހުއްޓޭ އެހެންވީމަ ކޯޗްގެ ޕްލޭންތައް ބައްޓަން ކޮށްދޭށޭ އަޅުގަނޑު ހޮވިއްޖެނަމަ ކުރިއަށް އޮތް އަހަރު ގައުމީ ޓީމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް، އަޅުގަނޑު ގަބޫލު ކުރަނީ ކޯޗް އޮންނާނީ އެ މަސައްކަތް ފުރިހަމަ ކޮށްފަ ކަމަށް.
އަންނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް އެދަނީ ކުރަމުން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ފީފާގެ ހުރީހާ ބްރޭކްތަކެއް ވަނީ ގައުމީ ޓީމަށް ހުސް ކުރެވިފަ އެ ދުވަސްކޮޅު ގައުމީ ޓީމުގެ މެޗެއް އޮތް ކަމުގައި ވާނަމަ ގާތްގަނޑަކަށް މަދުވެގެން ހަފުތާއެއް އެބައޮތް ގައުމީ ޓީމުތަކުގެ ޓްރެއިނިން އަށް ހަމަޖައްސާފަ އަޅުގަނޑުމެންގެ އަމާޒެއް އޭޝިއަން ކަޕްގެ ކޮލިފައިންގައިވެސް ރަނގަޅު ކާމިޔާބު ތަކެއް ހޯދުން އެންމެ މައި ޓާގެޓަކަށް ސާފް ޗެމްޕިއަންޝިޕް ކަމިޔާބު ކުރުމުގެ އަމާޒަކަށް ހަދައި އަންނަ އަހަރު ފުޓްބޯޅަ ކަލަންޑަރު ވެގެންދާނީ ގައުމީ ޓީމަށް އޮރިއެންޓަޑް ސީޒަނަކަށް
ބައްސާމް ވަނީ ކުލަބު ވެލެންސިއާގެ ނައިބުރައީސް ކަން ކުރައްވާ އެ ކުލަބު ހިންގުމުގައި މަސައްކަތް ކުރައްވަފަ އަދި މިވަގުތު ވެލެންސިއާގެ ޗެއާމަނަކަށް އެ ހުންނެވީ ވެސް ބައްސާމްގެ ބައްޕަ އަދީލް ޖަލީލް، ވެލެންސިއާ އަށް ފޭވާ ނުވެ ހުރިހާ ކުލަބުތަކެއްގެ މެދުގައި ހަމަހަމަ ކަމާއެކު ޕްރޮފިޝަނަލިޒަމް ހިފެހެއްޓައްގަެން ކުރިއަށް ގެންދެވޭނެ ކަމުގެ ކިހާވަރެއްގެ ޔަގީން ކަމެއްތޯ އޮތީ؟
އަޅުގަނޑަށް އެބައޮތް ވަރަށް ޔަގީންކަން! ނޯމަލައިޒޭޝަން ކޮމިޓީގެ ދުވަސްވަރު ޖެނަރަލް ސެކެޓްރީ ކަމަށް އައީ ވެލެންސިއާގެ ނައިބު ރައީސްގެ ގޮތުގައި ހުރެފައި އެހެންނަވެސް ފުޓްބޯޅަ އާއިލާގެ މި ކުލަބުތައް ކައިރީ އެހީމަ އެނގޭނެ ވެލެންސިއާއަކަށް ފޭވާއެއް ނުކުރަން ވެލެންސިއާއަށް ވެގެން ވަންޏާ ވާނީ އުނދަގޫ ކަންނޭންގެ އެއީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގައި ކުލަބުތަކަށް ދޫކުރި ފައިސާގެ ކަންތައްތަކުގައި ބައެއްފަހަރު އެބަދިމަވޭ ހުރިހާ ކުލަބަކަށް އެއް ދުވަހެއްގައި މި ފައިސާ ނުދެވޭ ދުވަހެއް އެހެންވެއްޖެއްޔާ އަޅުގަނޑު ކުރާ ކަމަކީ ވެލެންސިއާގެ ފައިސާ ހިފަހައްޓަނީ ވެލެންސިއާގެ ފައިސާ އެންމެ ފަހުން ދެނީ އެކަން ކުރުމުން އޭގެ ޝަކުވާ އަންނާނީ އަޅުގަނޑާ ދިމާލަށް އަލުގަނޑަށް އެކަން ކޮންޓްރޯލް ކުރެވޭނެ
އަޅުގަނޑު މިތާ ހުރެގެން އެހެން ކުލަބު ތަކަށް އިސްކަން ދޭން އެބަޖެހޭ މިހާތަނަށް ދަނޑުމަތިގައިވެސް އަދި އެއްވެސްތަނެއްގައިވެސް ވެލެންސިއާއަށް ފައިދާ އެއް ވާނެ ގޮތަކަށް އަމަލު ކޮށްފައެއް ނުވާނެ
އަޅުގަނޑަކީ މިހާރު ވެލެންސިއާގެ މީހަކަށް ބެލިގެން ނުވާނެ އަޅުގަނޑު ބެލެވެން ވާނީ މުޅި ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރިއެއްގެ ގޮތުގައި އަލުގަނޑުގެ ފަރާތުން ވަކި ކުލަބަކަށް ހާއްސަ ކަމެއް ދޭތަން ފެނިގެން ނުދާނެ އިރަދަ ކުރެއްވިއްޔާ އެންމެންނަށް ހަމަހަމަ އަށް ކަންތައްތައް ކުރެވޭނެ
އަބަދުވެސް އެފްއޭއެމް އަށް އަދި ފުޓްބޯޅަ އަށް ދިމާވާ މައްސަލައަކި ސިޔާސީ މީހުންގެ ނުފޫޒު އޮތުން ބައްސާމްގެ އެކްސްކޯގެ ހަ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވާއިރު ސިޔާސީ ނުފޫޒު ނުވައްދައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮއްތޯ؟
އިރާދަ ކުރެއްވިއްޔާ ވަރަށް ބޮޑު ޔަގީން ކަމެއް އަޅުގަނޑަށް އެބައޮތް! އޭގެ އެންމެ ބޮޑު ހެއްކަކީ އެފްއޭއެމް އިންތިހަބަށް ކެމްޕޭން ކުރަމުން ދިޔަ ދުވަސް ވަރު ޕްރެސް ކޮންފަރެންސެއްގައި އެކްސްކޯގައި ތިއްބެވި މަޖިލީހުގެ ހަ މެންބަރުންވެސް ވިދާޅުވި އިންތިހާބު ވެއްޖެ ކަމުގައި ވާނަމަ އެ އޮންނަ އުސޫލެއްގެ ދަށުން އިސްތިއުފަދީ ފުޓްބޯޅައިގެ ބޭފުޅުން ހިމެނިގެންދާ ގޮތަށް ފަހަތަށް ޖެހޭނެ ކަމަށް، މިއަދުވެސް އެ ބޭފުޅުން ތިއްބެވީ އެގޮތަށް އެކްސްކޯ މިހާރުވެސް ވާނީ ރަޖިސްޓްރީވެސް ކުރެވިފަ އެހެންވީމަ މަގިނަ ދުވަހެއް ނުވެ ގެންދެވެން އޮތީ ކޮން އުސޫލަކުން ތޯ ބަަލައި އެ އުސޫލަކުން އެބޭފުޅުން އެކްސްކޯއިން ދުރުވެގެން ދާނީ އަލުގަނޑު މިދެންނެވި އުސޫލަކީ އެއްފަހަރާ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމެއް ނޫން އޭރުން މުޅި އެކްސްކޯވެސް އުވިގެންދާނެ އަލުގަނޑުމެން މިޖެހެނީ ހަ މެންބަރުން ތިބިއްޔާ މިސާލަކަށް ތިން މެންބަރުން އިސްތިއުފާ ދީފަ އެ ތިންމެންބަރުގެ ބަދަލުގައި ފުޓްބޯޅައިގެ ތިން ބޭފުޅުން އައްޔަން ކުރުމަށްފަހުު ކޮންގްރެސް އަކުން ފާސް ކުރަން ދެން އަންނަ ކޮންގްރެސް އަންނަން ވާއިރަށް އަނެއް ތިންބަރުންވެސް ނިކުމެ އެއަށްފަހު އެފްއޭއެމްގެ މި އެކްސްކޯގައި ސިޔަސީ ބޭފުޅުންނެއް ނުތިއްބަވާނެ
އަޅުގަނޑު ދަންނަވާނީ އެންމެ ލަސްވެގެން ފެބްރުއަރީ މަހު މި އެކްސްކޯގައި ތިއްބަވާނީ މަޖީލިހުގެ ތިން މެންބަރުންނޭ އިރާދަ ކުރެއްވިއްޔާ މާ ދުރަކު ނޫން މިއޮތީ ސިޔާސީ ބޭފުޅުން މީގެއިން ދުރައްދާކަން
ފުޓްބޯޅައިގެ މިހާރުގެ ހާލަތު އޮތް ގޮތުން ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ ދައުރުގެ ފުރަތަމަ އަހަރު އެންމެ ބޮޑަށް އިސްކަން ދެއްވާނެ އެއް ކަމަކީ ކޮބާތޯ؟
އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މި ދަންނަވަނީ އަލުގަނޑުމެންގެ ގެ ރަނގަޅު ކުރަން އެބަޖެހޭ އެފްއޭއެމްގެ އެޑްމިސްޓްރޭޝަނަށް ވަރަށް ވަރުގަދަ ވާން އެބަޖެހޭ ވަރުގަދަ އެޑްމިނިސްޓްރޭޝަނަކަށް ހެދުމުގެ ކަންކަން އެއޮތީ ތައްޔާރަށް އެއްދުވަހުން ދެދުވަހަކުން މިކަން ފެނިގެން ނުދާނެ ނަމަވެސް ވަރަށް އަވަހަށް މިކަންކަން ފެނިގެންދާނެ
އެއަށްފަހު އަޅުގަނޑުމެން މިބަލަނީ އެފްއޭއެމްއަކި އަމިއްލަ ފައިމައްޗަށް ތެދުވެ އޮތް އެސޯސިއޭޝަނެއްގެ ގޮތުގައި އޮތުން އިރާދަ ކުރެއްވިޔާ އެކަމަށް ނަގާ އެންމެ ފުރަތަމަ ފިޔަވަޅު މި ހަފުތާ ތެރޭގައި އިއުލާން ވެގެންދާނެ
އައްފަހު ކުލަބުތައް މާލީ ފުދުންތެރި ބަޔަކަށް ހެދުން އިރާދަ ކުރެއްވިއޔާ މި ޑެސިމެބަރު މަހު 15 ގެ ކުރިން އެ މަސައްކަތް ފެނިގެންދާނެ އެހެންވެ މި ހުރިހާ ކަމަކަށް ބަލާފަ އަލުގަނޑު ދަންނަވާނީ މިއީ މިހާރުން މިހާރަށް އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް މިއީ
އެއަށްފަހު މިއޮތީ ދަނޑަށް މީހުން ވެއްދުމާއި ފުޓްބޯޅަ މާކެޓްކޮށް ފޯރި ގަދަ ކުރުމާއި ތުއްތު ކުދިން މިއަށް ހިތްޖައްސައި ގްރާސް ރޫޓް މަސައްކަތް ފެށިގެން ދިއުން އެއަށްފަހު އަތޮޅުތެރޭގެ ފުޓްބޯޅަ އިންފްރާސްޓާރަކްޗާ ހަރުދަނާ ކޮށް ކުރިއަށް ގެންދިއުން އަލުގަނޑުމެން ބޭނުންވަނީ މި ހަތަރު އަހަރު ތެރޭ މިކަންކަމުގެ ފައުންޑޭޝަން އެޅިގެން ދިއުން
ކުލަބުތަކަށް ދެއްވާނެ ކަމަށް ބައްސަމް ވިދާޅުވި ފައިސާގެ އަދަދު ތަކުންނަމަ އަހަރަކު 30 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އެބަ ހޭދަވޭ މިއީ ރާއްޖޭގެ ހާލަތާއި އެފްއޭއެމްގެ ހާލަތައް ރިއާޔަތްކޮށް އެފްއޭއެމްއަށް ސަސްޓެއިން ކުރެވޭނެ ކަމަކަށް ނުވެދާނެ. ކުލަބުތައް ހަރުދަނާ ކުރުމަށް ސަސްޓެއިން ކުރެވިގެން މިކަން ކުރިއަށް ގެންދެވޭނެ ހަމައަކީ ކޮބައތޯ؟
ތެދެއްމެ އަޅުގަނޑުމެން ވަރަށް ބޮޑެތި ފައިސާގެ ވައުދު ތަކެއް ކުލަބުތަކަށް ދޭން މި ވައުދުވީ، މި އަދަދުތަކަކީ އޭގެ ހޯމް ވޯކް އަޅުގަނޑުމެން ހަދާފަ ހުރި އަދަދުތައް ކުރެވޭނެ ކަމަކަށް ވާތި އެ އަދަދުތައް އަޅުގަނޑުމެން މި ހިއްސާ ކުރީ
ސަސްޓެއިން ކުރެވިދާނެތޯ ނޫންތޯ؟ އަޅުގަނޑުމެން ކުރި ޕްލޭންގައި މި ހަތަރު އަހަރަށް މިކަން ސަސްޓެއިން ކުރެވިދާނެ
މިއީ ހަމައެކަނި ކުޅުންތެރިންގެ މުސާރައަށް ދޫކުރެވިގެން ދާނެ ފައިސާއެއް ނޫން ކުލަބުތައް ހަރުދަނާ ވުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ ޝަރުތުތަކެއް މިއަށް އެބަކުރަން އޭގެތެރޭގައި މިފައިސާއިން ކުލަބުގެ އަމިއްލަ އިންވެސްޓްމެންޓަކަށް ހޭދަ ކުރުމަކިވެސް ޝަރުތު ކުރާނެ ކަމެއް ހަމައެޔައެކު ކުލަބު މާކްޓް ކުރުމުގެ ކަންކަންވެސް އަޅުގނޑުމެން ފޯސް ކުރާނަން
ބައްސާމް އެފްއޭއެމްއަށް ވަޑައިގެންނެވީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ ބެކިން ލިބިގެން. ތުހުމަތުތައް ކުރެވުނު ޝަވިދުއަށް ވަކި ބާރުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ބޭފުޅެއްގެ ގޮތުގައިވެސް މިކަމާމެދު ކީކޭތޯ ބުނާނީ؟
މިއަދު އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގިގަތަކީ ދިވެހިރާއްޖޭގެ ކުޅިވަރުގަޔާއި އަދި ދިވެހި ފުޓްބޯޅައިގެވެސް އެންމެ ނުފޫޒުގަދަ ފަރާތަކީ ޝަވިދު، އެކަމާ ދެބަސް ވެވޭނެ ވަރަށް މަދުބައެއް ކަންނޭންގެ އުޅޭނީ
ޝަވިދުގެ ނުފޫޒު ގަދަ ވަނި ކިހިނެއްވެގެންތޯ. އަޅުގަނޑު ދަންނަވާނީ ކުޅިވަރަށް ކޮށްދޭ ހިދުމަތުންނޭ ކުޅިވަރު ކުރިއަރުވަން އެކުރާ މަސައްކަތް އޮލިމްޕިކް ކޮމިޓީގެ ޗެއާގެ ހައިސިއްޔަތުން ހުރިހާ އެސޯސިއެޝަނެއްގެ ރައީސުންނާ މެދު ރަނގަޅު ގުޅުންތަކެއް ބާއްވަވާ އެސޯސިއޭޝަންތަކުގެ ޑިވްލަޕްެމެންޓަށް މަސައްކަތް ކޮށް ހަރަދު ކުރަންޖެހެންޏާ ހަރަދުވެސް ކުރައްވާ
އަޅުގަނޑުމެން މި މަގަމުތަކަށް އިންތިހަބުވެގެން ޝަވިދަށް އިތުރު ބާރެއް ހޯދައި ނުޖެހޭ ޝަވިދަކީ މިހާރުވެސް ކުޅިވަރާއި ފުޓްބޯޅައިގެ ހުރި އެންމެ ނުފޫޒު ގަދަ ފަރާތް.
އޭއެފްސީ ކަޕްގައި ވާދަ ކުރާ ރައްޖޭގެ ދެ ކުލަބުންވެސް ކުރަމުންދާ ޝަކުވައެއް އޭއެފްސީ ކަޕްގައި މިހާރު ރަނގަޅު ކާމިޔަބެއް ނުލިބިގެން މިއުޅެނީ ރާއްޖޭގެ ސީޒަން ލަހުން ފަށާތީ އޭއެފްސީ ކަޕަށް ދާއިރު ވާދަވެރި މެޗެއް ކުޅެން ފުރުސަތު ނުލިބުމުންނޭ އޭއެފްސީ ވާދަވެރި މެޗްތަކެއް ހޯދައިދިނުމަށް ސީޒަން ފެށުން އަވަސް ކުރުމުގެ ވިސްނުންތަކެއް ނުގެންގުޅެންތޯ؟
އަޅުގަނޑަށް ހީވަނީ އަންނަ އަހަރުގެ ސީޒަން އެންމެ އަވަހަށްވެސް ފެށޭނީ ފެބްރުއަރީ މަހު، މިއަހަރުގެ ސީޒަން މިނިމުނު ގޮތުން ކުލަބުތަކަށް ތައްޔާރުވަން މި ލިބޭނީ ގާތްގަނޑަކަށް ދެ މެސް އޭގެ ތެރެއިން ޑިސެމްބަރު މަސް ދާނީ ޓްރަންސްފާ މާކެޓްގައި ޖަނަވަރީ މަހު ޓްރެއިން ފެށޭނީ ވަރަށް މަދު ބަޔަކަށް އެހެންވެއްޖެއްޔާ ވަރަށް އުނދަގުވާނެ ޖަނަވަރީ މަހުގެ މެދުތެރެ ނުވަތަ ފަހު ކޮޅު ސީޒަން ފަށައިގަންނަން
ޖެހިގެން އަންނަ ސީޒަނަށް ކުލަބު ވަރުގަދަ ކުރުމުގެ ފުރުސަތުވެސް ދޭން އެބަޖެހޭ އެހެންވެ އެންމެ އަވަހަށްވެސް ފެށޭނީ ފެބްރުއަރި މަހު އެއީ މިއަހަރު ސީޒަން މި ނިމުނު ގޮތުން
ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އޭއެފްސީ ކަޕަށް ދާ ދެޓީމަށް ރަނގަޅު މެޗްތަކެއް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ސީޒަން އެކުލަވާލާނަން
ބައްސާމްގެ ދައުރު ނިމޭއިރު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮންނާނެ ގޮތުގެ ތަސައްވަރަކީ ކޮބައިތޯ؟
އަޅުގަނޑަށް ފެންނަނީ އަތޮޅުތެރޭގައި ގްރާސް ނުވަތަ ޓާފް ދަނޑުތަކެއް އެޅިފައިވާތަން އަޅުގަނޑުމެންގެ އެކްސްކޯގެ ޓާގެޓަކީ އަތޮޅުތެރޭގައި ގަތްގާތްގަނޑަކަށް އަށްވަރަކަށް ދަނޑު ހެދޭތޯ ބެލުން ނުވަތަ އެ އަދަދާ ގާތް ކުރާ ވަރަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން
ގިނަ ރަށްރަށުގައި ގްރާސްރޫޓް ލެވަލްގެ މަސައްކަތް ފެށި އެކަމުގެ ފައިދާ އެ ރަށްތަކަށް ލިބިގެންދާތަން ދެކެން އަޅުގަނޑު ވަރަށް ބޭނުން ހަމައެޔާއެކު އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލިގްގައި ކުޅޭތަން ފެނުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް
އެފްއޭއެމް އިތުރު ބަޔަކަށް ބަރޯސާ ނުވެ ހިންގ ތަން އިރަދަ ކުރެއްވިއްޔާ ފެނިގެންދާނެ އަދި ކުލަބު ތައްވެސް އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ކުލަބުތަކުގެ ގޮތުގައި ފެނިގެން ދިއުމަކީ އަޅުގަނޑުގެ ޓާގެޓެއް ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން ވަރަށް ވާދަވެރިވގެން ދާނެ މި ހަތަރު އހަރު ނިމޭއިރު ރާއްޖޭގެ ފުޓްބޯޅަ އިންނާނީ ވަރަށް އުންމިދީ ހިސާބެއްގައި ކަން އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް އެބަފެނޭ ފުޓްބޯޅަ އިންނަޏީ ދެގުނަ ނުވަތަ ތިން ގުނަ މަތީގައި