ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ޕަސަންޓެއް ޓޫރިޒަމް ހިއްސަ ކުރާއިރު ފަތުރުވެރިން ރާއްޖެ ގެނައުމަށް ގިނަ ގޮންޖެހުންތަކެއް ހުރެއެވެ. އޭގެ ތެރެއިން ސަރުކާރުން މިހާރު ޓެކުލް ކުރަން މަސައްކަތް ކުރަނީ އެއާޕޯޓް ކުޑަވުމުގެ މައްސަލައަށެވެ. އަދި 2018 ގެ ކުރިން އެ މައްސަލަ ހައްލުވެ 1.3 މިލިއަނުން ހަތް މިލިއަނަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވާނެ ކަމަށް ސަރުކާރުން ލަފާ ކުރައްވައެވެ.
ނަމަވެސް ޓޫރިސްޓުން އިތުރު ކުރުމަށް ރާއްޖެއަށް ދިމާވާ ގޮންޖެހުމަކީ ހަމައެކަނި އެއާޕޯޓު ކުޑަވުމެއް ނޫނެވެ. ސަރުކަރުގެ އަމާޒަކަށް ވަނީ އިގްތިސާދު ވަރުގަދަ ކުރުމަށް ޓޫރިޒަމް މުޅީ ރާއްޖެއަށް ފެތުރި އޭގެ މަންފާ އެކި ރާއްޖޭގެ ކަންކޮޅުގައި ދިރިއުޅެމުން އަންނަ ފަރާތްތައް ވެސް ހޯދުމެވެ. ނަމަވެސް ކުދި ރަށްތަކަށް ބެހިފައި އޮންނާތީ އެއީ ހުރަސް ކުރަން ފަސޭހަ މައްސަލައެއް ނޫނެވެ.
އެކަމަށް އޮތް ހަމައެކަނި ހައްލަކީ އެކި ކަންކޮޅުގައި އެއާޕޯޓުތައް އަޅައި ބޭރު ގައުމުތަކަށް ކުރާ ސީދާ ދަތުރުތައް ފެށުމެވެ. އެގޮތުން ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފެނިފަ އެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަވައްޓެރި ސްރީލަންކާއަށް ސީދާ ދަތުރުތައް ފެށުމެވެ.
"ކުރިން ރާއްޖޭގެ ޓޫރިޒަމް ފެށުނީ ވަކި ސަރަހައްދަކަށް ޓޫރިޒަމް ޒޯނެއް ހަދައިގެން. މިހާރު މި ފެންނަނީ އެކި ސަރަހައްދުތަކަށް ބެހިގެންދާތަން. މިއީ ފަތުރުވެރިކަމަށް ލިބިގެން ދިޔަ ބޮޑު ފައިދާއެއް. އަދި ސްރީލަންކަން އެއާލައިންސް ފެށުމަކީ އެހެން އެއާލައިންތައް ފަހަތުން އަންނާނެ. ހުރިހާ އެއާލައިންސްތައް ވެސް ބަލަހައްޓައިގެން ތިބޭނީ ކޮންބައެއްތޯ ފުރަތަމަ ފަށަނީ. ދެން ސްރީލަންކާ ވަރަށް ކެރިގެން ފުރަތަމަ ފިޔަވަޅު އެ އެޅީ. އަޅުގަނޑު ގެރެންޓީ ދޭނަން އަންނަ އަހަރު އެހެން އިންޓަނޭޝަނަލް އެއާލައިންތައް ވެސް އަންނާނެ،" މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.
ގަމާއި ލަންކާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ހަމައެކަނި ޓޫރިޒަމް އަށް ލިބުނު ކުރިއެރުމެއް ނޫނެވެ. އޭއީ އައްޑޫ ސިޓީގެ ރައްޔިތުންގެ ހުވަފެންތައް ވެސް ހަގީގަތަކަށް ވެގެން ދިޔަ ކަމެކެވެ. "އަވަސް" އިން ވާހަކަދެއްކި އައްޑޫ މީހުން ދެކޭ ގޮތުގައި މިއީ ވަރަށް ބޮޑު ތަރައްގީ އެކެވެ.
"ހަރަދުގެ ގޮތުން ވަރަށް ބޮޑުތަން ކުޑަވެއްޖެ. ކުރިން މާލެ ގޮސްފައި އަދި މާލޭ އެއާޕޯޓުން ލަންކާއަށް ދާން މި ޖެހެނީ. މިހާރު މި އޮތީ ޑަބަލް ފަސޭހަ ވެފަ. އެހެން ފްލައިޓުގައި ދަތުރު ކުރާއިރު އަގު ހެޔޮކޮަށް ޓިކެޓެއް ލިބޭނީކީ ނޫން. ޓްރާންސީޓުކޮށްފަ ދާއިރު އެންމެ ބޮޑު އަގުގައި ޓިކެޓުތައް ހުންނާނީ. އެހެންވީމަ މިހާރު މާ ހަރަދު ކުޑަ. މިކަން ދެމެހެއްޓެނި ގޮތުގައި ހުރެއްޖެއާ ވަރަށް ފަހުރުވެރިވާނަން،" ސްރީލަންކަން އެއާލައިންސްއިން ޗެކިން ކުރަން ހުރި އައްޑޫގެ މީހަކު ބުންޏެވެ. "މިއީ ވަރަށް ބޮޑު ފަސޭހައެއް އަދި ވަރަށް ބޮޑަށް ޝުކުރުވެރިވަން ސްރީލަންކަން އެއާލައިންސްއަށް. އަޅުގަނޑުމެންގެ އުންމީދަކީ މިކަން ދެމެހއްޓެނިވި ގޮތުގައި ކުރުން. މިތަނުން އިނގިރޭސިން ފޭބި ފަހުން އުންމީދު ކުރަނީ އައްޑޫ އިން ސީދާ އެހެން ގައުމުތަކަށް ދިޔުން. އެހެންވެ އުންމީދު ކުރަން ރަނގަޅުވާނެ ކަމަށް،"
ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑޫއަށް ފެށުން ވެގެން ދިޔައީ އައްޑޫ ރައްޔިތުންނަށް ލިބުނު ބޮޑު ކުރިއެރުމަކަށެވެ. ހުރިހާ އެންމެންވެސް އެކަން ބަލައިގަނެ އެވެ. ނަމަވެސް ގަމުން ލަންކާއަށް ފެށި ސީދާ ދަތުރުތައް ދެމި އޮންނާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދައުރުގައި ވެސް އެ ހިދުމަތެއް ފަށާ ވަކި ހިސާބަކުން ހުއްޓުމުންނެވެ.
"އަޅުގަނޑުމެން ވަރަށް އުންމީދު ކުރަން މިކަން ދެމި އޮވޭތޯ. އެއީ މީގެ ކުރިންވެސް މިކަން ކުރެވޭތޯ ބެލި. ހަމަ މާފަތި އަޅުވާފަ މިފަދަ ހިދުމަތެއް ފެށި. ނަމަވެސް ދެ މަހަށް ވެސް އެކަމެއް ނުހިފެހެއްޓުނު. އެހެންވެ އަޅުގަނޑުމެން އުންމީދު ކުރަނީ ދެމެހެއްޓެނެވި ގޮތުގައި މި ކަން ކުރެވޭތޯ،" ލަންކާއަށް ފުރަން ހުރި މީހަކު ބުންޏެވެ. "މިއީ ލިބުން ވަރަށް ބޮޑު އުފަލެއް. އައްޑުއަށް ލިބުން ކުރިއެރުމެއް. ނަމަވެސް މިކަން ދެމި އޮންނާނެތޯ؟ އުންމީދު ކުރަން މި ހިދުމަތް އަބަދަށް އޮންނާނެ ކަމަށް. މިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެވިއްޖެއާ އެއީ ލިބޭ އިތުރު އުފަލެއް،"
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވި ގޮތުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ފެށުން އިރު ވެސް އެފަދަ ދަތިތަކަކާ ދިމާވި އެވެ. ނަމަވެސް ކުރިޔަށް ދާވަރަކަށް އެކަންތައް ހުރަސްކޮށް ރަނގަޅުވެގެން ދާނެ އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މިފަހަރު މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް މިކަމަށްކޮށްފައި މިކަން ދެމެހެއްޓެނިވި ގޮތުގައި ނޫން ގޮތަކަށް ކުރިއަކަށް ނުދާނެ. އަޅުގަނޑުމެންނަށް މާލޭގެ އިންޓަނޭޝަނަލް އެއާޕޯޓު ވެސް މިފަދަ ގޮތަކަށް ފެށިގެން ދިޔައީ. އެ އެއާޕޯޓުވެސް ފުރަތަމަ ފެށީކީ 1.3 މިލިއަން މީހުންނަށް ކޭޓާ ކުރާކަށް ނޫން. ނަމަވެސް ފެށުން އޮންނާނީ މިފަދަ ގޮތަކަށް އުންމީދަކީ ނިމުން ރަނގަޅު ކުރުން. އަދި ފާހަގަކޮށްލަން ޖެހެނީ ގަން އެއާޕޯޓު ފެށިގެން މިދިޔައީ މާލެ އިންޓަނޭޝަނަލް އެއާޕޯޓު ފެށުނު އިރާބަލާފަ އެތައް ގުނައެއް ރަނގަޅަށް. މިހާރުވެސް ގަން އެއާޕޯޓުގެ ރަންވާ ހުޅުލޭ އެއާޕޯޓުގެ ރަންވޭއަށްވުރެ ދިގު. އެހެންވީމަ އަޅުގަނޑ ޔަގީން ކުރަން މި އެއާޕޯޓު ވެގެންދާނެ ކަމަށް ރާއްޖޭގެ ނިސްބަތުން އެންމެ ވަރުގަދަ އެއް އެއާޕޯޓަށް. ސަރުކާރުން ވަސީލަތްތައް ވެސް ފޯރުކޮށްދޭނެ. އަދި ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށް އިތުރު އާމްދަނީތައް ވެސް ލިބޭނެ،" އައިބީ ވިދާޅުވި އެވެ.
ދަތުރުތަކުގެ ފައިދާ މިހާރުވެސް ނަގަން ފަށައިފި!
ގަމަށް ލަންކާ ދަތުރުތައް ފެށުމާއި އެކު ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ. ނަމަވެސް މިއީ ހަމައެކަނި އެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ ފައިދާއެއް ނޫނެވެ. އައްޑޫ ސިޓީގެ ރައްޔިތުންނާއި އެ ދެކުނުގެ ރަށްތަކުގައި ދިރިއޫޅޭ މީހުންނަށްވެސް ފައިދާ ލިބިގަނެވޭނެ އެވ.
އެގޮތުން ލަންކާއިން އެންމެ ފުރަތަމަ ގަމަށް ޖެއްސި ފްލައިޓުންވެސް އައްޑޫގެ ވިޔަފާރިވެރިއަކު ވަނީ ގިނަ އަދަދެއްގެ ތަރުކާރިއާ މޭވާ ގެންގޮސް އައްޑޫ ސިޓީ، ފޭދޫގައި "ފްރެޝް ސިޓީ" ނަމަކަށް ކިޔާ ފިހާރައެއް ހުޅުވައިފަ އެވެ.
އެ ފިހާރާގެ ވެރިމީހާ، އައިޝަތު ނާއިމާ "އަވަސް" އަށް ވިދާޅުވީ ގޮތުގައި ލަންކާއިން އައި އެންމެ ފުރަތަމަ ފްލައިޓުގައި 581 ފޮށި ފުރާ މޭވާ އާ ތަރުކާރީ ގެންދިޔަ އެވެ. އެކަން ކުރީ ތާޒާކޮށް އައްޑޫގައި ނުލިބޭ ފަދަ މޭވާއާއި ތަރުކާރި ވިއްކާށެވެ.
"އަޅުގަނޑުމެން އެ ވިޔަފާރި ކުރަން ތައްޔާރުވެ ތިބީ ލަންކާ ސީދާ ދަތުރުތައް ފަށަންދެން. އޭރުން އެންމެ ތާޒާކޮށް މޭވާއާ ތަރުކާރި ލިބޭނީ. ކުރިން ނަމަ ލަންކާއިން ގެނެސް މާލެއިން ކާގޯކޮށް އަދި ދޯނީގައި އެތަށް ދުވަހަކު ހުރުމަށް ފަހު މި ގެންނަން ޖެހެނީ. އޭރުން ހުންނާނީ ތާޒާކަން ގެއްލިފައި އެހެންވެ މިއީ އެންމެ ތާޒާކޮށް މޭވާއާއި ތަރުކާރި ލިބޭނެ ތަން،" ނާއިމާ ވިދާޅުވި އެވެ.
ފޭދޫ ސްކޫލާ ޖެހިގެން ހުންނަ މި ފިހާރަ ހުޅުވުމުން އައްޑޫގައި ހުރި ރެސްޓޯރަންޓުތަކުންނާއި އެހެން ފިހާރަތަކުންވެސް ވިޔަފާރި ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި ކުރިޔަށް އޮތްތާ ރިސޯޓުތަކުން ވެސް ފްރެޝް ސިޓީއިން ތަރުކާރިއާ މޭވާ ގަންނާނެ އެވެ. އެހެންކަމުން ލަންކާއިން ގަމަށް ހަފްތާއަކު ހަތަރު ފްލައިޓު ދާއިރު ކޮންމެ ދެ ފްލައިޓަކުން އެ ފިހާރައަށް ޝިޕްމަންޓުތައް ގެންނާނެ އެވެ.
ކޮންމެއަކަސް ލަންކާއިން ގަމަށް ދަތުރުތައް ފެށުން ވެގެން ދާނީ މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާ ކުރުމަށް އެޅިގެންދިޔަ ފުރަތަމަ އަދި ބޮޑު ފިޔަވަޅަކަށެވެ.