ބޭރު ކުޅިވަރު

ޗެލްސީން ސިޓީ ރޫޅައި ހަލާކުކޮށް ރުޅި އަރުވާލައިފި

Dec 3, 2016
3

އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑު އިމްތިހާނުގެ ގޮތުގައި ސިފަ ކުރަމުން އައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ވާދަކުރި ފޯރި ގަދަ މެޗުގައި މިރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ފަހަތުން އަރައި ސިޓީ "ހަކާލުކޮށްލައި" ތިން ޕޮއިންޓް ހޯދައިގެން ޗެލްސީ ރިކޯޑް ދަމަހައްޓައިފި އެވެ.

މިރޭ ޗެލްސީ މޮޅުވީ ފުރަތަމަ ހާފުގައި ކެޕްޓަން ގެރީ ކޭހިލްގެ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ފުރަތަމަ ހާފު ނިންމާލުމަށްފަހު، ދެވަނަ ހާފުގައި ނުކުމެ ސިޓީ ކޮޅަށް ތިން ލަނޑު ވައްދާލާއި ގާޑިއޯލާގެ ހިތް ފޮތިތޮކޮށްލުމަށްފަހު އެވެ.

ޗެލްސީން ލަނޑުތައް ޖަހާފައި ވަނީ ލީގުގައި 11 ގޯލު ހަމަ ކުރި ޑިއެގޯ ކޯސްޓާއި މަންމަ މަރުވުމުގެ ސަބަބުން "ގަނޑުވެފައި" ވަނިކޮށް އަނިޔާވެސްވެ އަރާމު ކުރަން ބަހައްޓާފައި ހުރި ބްރެޒިލްގެ ވިލިއަން އާއި މި ސީޒަންގައި މޮޅަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އެޑެން ހަޒާޑެވެ. ހަޒާޑް ހުއްޓުވުމުގައި ސިޓީގެ އެއްވެސް ކުޅުންތެރިއަކަށް މިރޭ އެއްވެސް ކަމެއް ނުކުރެވުނު އިރު ޗެލްސީން ވަނީ އެ ޓީމުގެ އިތުބާރު ފޯވަޑް ސާޖިއޯ އަގްއޭރޯ ދަނޑުމަތީގައި މައިތިރިކޮށް ރުޅި އަރުވާލާފަ އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ޓީމް ދަތުރުކުރި ބޯޓް ވެއްޓުނު ހާދިސާގައި މަރުވި ކުޅުންތެރިންގެ ހަނދާން އާކުރަމުން ސިޓީން ފަށައިދިން މެޗުގައި ގޯލް ފޫ ދުއްވާލެވިދާނެ ދެ ފުރުސަތެއް ފުރަތަމަ ތަނަވަސް ކުރީ ޗެލްސީގެ ހަޒާޑެވެ. އޭނާގެ ހުނަރު ބޭނުން ކޮށްގެން ހޯދި ދެ ފުރުސަތު ނާކާމިޔާބުވީ ސިޓީގެ ޑިފެންޑަރުން ވިއްދާފައި ތިބިލެއް ވަރުގަދަ ކަމުންނެވެ. ހާއްސަކޮށް ޖޯން ސްޓޯން ފާހަގަ ކުރެވުނެވެ.

އޭގެ ފަހުން ސިޓީގެ ޑެބްރާނޭ އާއީ ޑޭވިޑް ސިލްވާ ވަނީ ޓީމް ހަމައަކަށް އަޅުވައި ޗެލްސީ ފަހަތައް ޖައްސާފަ އެވެ. ނަތީޖާއެއްގެ ގޮތުން އަގްއޭރޯގެ ބާރު ހަަމަލާތަކަކާ ކުރިމަތިލާން ޗެލްސީއަށް ޖެހުނެވެ.

ފުރަތަމަ ހަމަލާ އައީ 20 ވަނަ މިނެޓްގައި ފަބްރިގާސް އާއި އެޒްޕްލެކްއިޓާ އަށް ހެދުނު ގޯހަކުން އަގްއޭރޯއަށް ތަނަވަސްވި ފުރުސަތެއްގަ އެވެ. އޭގެ ފަހުން 33 ވަނަ މިނެޓާއި 39 ވަނަ މިނެޓްގައި ވެސް އަގްއޭރޯ ނުރައްކާ ކުރި އެވެ. އެ ދެ ފުރުސަތު ބޭކާރު ކޮށްލީ ޑޭވިޑް ލުއިޒް އާއި ކޭހިލް އެވެ.

ސިޓީން ޗެލްސީގެ ފަހަތަށް ބާރު ބޮޑު ކުރަމުން ދިއުމުގެ ނަތީޖާއަކަށްވީ 40 ވަނަ މިނެޓްގައި ޗެލްސީގެ ދިފާއީ ބާރު އެކަށް ކޮށި އަރުވާލުމަށްފަހު ވަދެގަންނާނެ ފުރުސަތެއް ޒުވާން ސާނޭ ހޯދުމެވެ. އޭނާގެ ފުރުސަތު ގެއްލުނީ ހިނދުކޮޅެއް ލަސް ކުރުމުންނެވެ. ސިޓީގެ ލަނޑު އައީ އޭގެ ހަތަރު މިނެޓް ފަހުން 45 ވަނަ މިނެޓްގަ އެވެ. ނަވާސް ހުރަސްކޮށްލި ސްޕިން ކްރޮސް އެއްގައި ކޭހިލް އަތުން ބައިކޮޅަށް ވަން ލަނޑަކީ އަރިމަތިން ޖެހި ކްރޮސް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ވަނީ ކީޕަރު ކޯޓްއާ އާއި ކޭހިލްގެ ގުޅުން ކުޑަވެގެނެވެ.

ފުރަތަމަ ހާފުގައި ޗެލްސީ އަށް ވެސް ފުރުސަތަކެއް ތަނަވަސްވި އެވެ. އޭގެ ތެރޭގައި ކޯސްޓާ ހަޒާޑަށް ތަނަވަސްކޮށްދިން ރީތި ބޯޅަ އާއި ކޯސްޓާ އަށް ހާޒާޑް ހޯދައިދިން ބޯޅަ އާއި މޯސެސް ތަނަވަސްކޮށްދިން ފުރުސަތު ހިމެނެ އެވެ. އޮލަންސޯ ހޯދައިދިން ފުރުސަތުތައް ހިމެނެ އެވެ. މި ހުރިހާ ޗާންސެއް ގެއްލުނީ ސިޓީ ޑިފެންޑަރުންގެ ހުޝިޔާރު ކަމުންނެވެ.

ފުރަތަމަ ހާފު ހުސް އަތާ ޗެލްސީން ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ނުކުމެ ޗެލްސީން ވަނީ ކުޅުންގަނޑު ބަދަލުކޮށްލާފަ އެވެ. ހާއްސަކޮށް 50 ވަނަ މިނެޓްގައި ޕެޑްރޯގެ ބަދަލުގައި ނުކުތް ވިލިއަން ކުޅެ ގަތުމާއެކު ސިޓީއަށް ކޮންޓްރޯލް ގެއްލުނެވެ. ނަތީޖާއެއްގެ ގޮތުން ޑިއެގޯ ކޯސްޓާ ވަނީ ފަބްރިގާސްގެ ޕާހަކުން 59 ވަނަ މިނެޓްގައި ސިޓީގެ ގޯލް ފޫދުއްވާލާފަ އެވެ.

އެހިސާބުން ޗެލްސީގެ ހަމަލާތަކާ ސިޓީއަށް ކުރިމަތިލާން ޖެހުނު އިރު ދެވަނަ ލަނޑު ޗެލްސީން ޖެހީ ސިޓީން ފޯމޭޝަނަށް ބަދަލު ގެނެސް ކުރި އަރައިގެން އުޅެނިކޮށް 70 ވަނަ މިނެޓްގައި އުފެއްދި ކައުންޓާ އެޓޭކުގައި ވިލިއަން ހުހަށް އަރައި ކީޕަރު ބްރާވޯ އަށް ފުރުސަތެއް ނުދީ ގޯލަށް ޖަހައިގެނެވެ. މި ލަނޑާއި އޭގެ ކުރިން ކޯސްޓާ ޖެހި ލަނޑަށްފަހު ކޯސްޓާ އާއި ވިލިއަން ވެސް ވަނީ ބޯޓު ވެއްޓިގެން މަރުވި ކުޅުންތެރިންނަށް އެ ލަނޑުތައް ހަދިޔާކޮށްފައެވެ. ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ހަޒާޑެވެ. އޭނާ ވެސް އަމަލު ކުރީ އެގޮތަށެވެ. އޭނާ ލަނޑު ޖަހާފައި ވަނީ ވެސް ކައުންޓާ އެޓޭކްގައި ދެމިގަނެގެން ހުހަހަށް އަރަ އެވެ. ހިތްގައިމު ލަނޑު ޖަހާފައި ވަނީ 90 ވަނަ މިނެޓްގަ އެވެ.

ފަހު ހާފުގައި ސިޓީއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްވި އެވެ. ނަމަވެސް ނަމަވެސް ޗެލްސީގެ ދިފާއީ ފާރުގެ ރޫޅާލެވޭ ގޮތެއް ނުވި އެވެ. އެކަން ފުރިހަމަ ކުރުމަށް ސިޓީން ޔާޔާ ޓޫރޭ އާއި ކްލިޗީ ނެރެ މުޅި ޓީމް ކުރިއަށް ޖައްސައިގެން ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެންމެ ދެރަކޮށް ދިމާވީ ބްރާނޭއަށް ލިބުނު ފުރުސަތު ބޭކާރުވުމެވެ.

ވާދަވެރި މި މެޗު ހޫނުވީ ޗެލްސީން ތިން ލަނޑު ޖަހާފައި ވަނިކޮށް ފަހުހާފުގެ އިތުރު ވަގުތުގެ ކުޅުން ވެސް ނިމެން ދަނިކޮށް އަގްއޭރޯ ބޯޅަ ހޯދަން ކުރިއަށް އަރައި ބޯޅައިގެ ބަދަލުގައި ޑޭވިޑް ލުއިޒްގެ ކަށިމައްޗަށް ހަމަލާ ދިނުމުންނެވެ. ރެފްރީ އެންތޮނީ ޓޭލާ އަގްއޭރޯއަށް ރަތް ކާޑު ދެއްކުމާއި އޭނާގެ ހަމަލައިން އުފެދުނު ހޫނުގަނޑުގެ ތެރޭގައި ދެޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަ ނުޖެހުން ތައް ވަނީ ހިންގާފައެވެ. މިރޭ ލަނޑެއް ނުޖެހުމުގެ އިތުރުން މޮޅަށް ކުޅެވޭ ގޮތްވެސް ނުވެ ފްރަސްޓްރޭވެފައި ހުރި އަގްއޭރޯ ދަނޑުން ފޮނުވާލުމުން ވެސް ހިނގީ ހަމަނުޖެހުމެވެ. އެ ހަމަ ނުޖެހުމުގެ ތެރޭގައި ފަބްރިގާސްގެ ކަރުގައި ހިފައި ހަމަލާދީ އަދި ހުތުރު ބަސްތައް މެޗް އޮފިޝަލުންނަށް ރައްދު ކުރުމުގެ ސަބަބުން ފެނާންޑީނިއޯއަށް ވެސް ޖެހުނީ ރަތަކާއެކު ދަނޑުން ފައިބާށެވެ. މެޗު ނިމިގެން ދިޔައިރު ފެނާންޑީނިއޯގެ ރުޅި ކޮންޓްރޯލެއް ނުވެއެވެ.

ސިޓީއަށް ދެ ރަތްކާޑް ދެއްކި އިރު އޮޓަމެންޑީ އާއި ނަވާސް އަށް ރީނދޫ ކާޑް ދެއްކި އެވެ. ޗެލްސީން ކާންޓޭ އާއި ފަބްރިގާސް އަށް ވެސް ރީނދޫ ކާޑު ދެއްކި އެވެ.

އިޓަލީގެ ކޮންޓޭ ޗެލްސީއާ ހަވާލުވި ފަހުން ޓީމުން ޖާގަ ގެއްލިފައިވާ ފަބްރިގާސް މިރޭ ވަނީ ނަމަންޔާ މަޓިޗް ގެ ބަދަލުގައި ނުކުމެ އޭނާގެ ރިދަމިކް ކުޅުން ދައްކާފަ އެވެ. އަދި އޭނާ މިރޭ ވަނީ ޗެލްސީއަށް މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް ވެސް އަދާކޮށްދީފަ އެވެ.

މިމެޗުން މޮޅުވުމާއެކު ޗެލްސީ 14 މެޗް ކުޅެގެން 34 ޕޮއިންޓާއެކު ޓޭބަލްގެ ކުރީގައި އޮންނާނެ އެވެ. މި މެޗަކީ ކޮންޓޭ އާއި ސިޓީގެ ކޯޗް ގާޑިއޯލާގެ ހަނގުރާމައަކާ އެއްވަރަށް ގޯލް ޖެހުމުގައި ވާދަވެރިވެފައިވާ ކޯސްޓާ އާއި އަގްއޭރޯގެ ވެސް ހަނގުރާމައެކެވެ. މިރޭ ކޮންޓޭ ވިދާލި އިރު ގާޑިއޯލާގެ ހިތް މުޅިން ހަލާކުވި އެވެ. މިރޭ ލަނޑެއް ނުޖެހުމުގެ އިތުރުން ރަތެއް ހޯދައިގެން އަގްއޭރޯއަށް ލަނޑު ޖަހައިލެވޭނެ މެޗެއް ގެއްލުވާލި އިރު ކޯސްޓާ ވަނީ ލަނޑުގެ އަދަދު 11 އަށް އަރުވައި ކާޑަކާއި ނުލައި ހަމަޖެހިގެން ފައިބައިގެން ގޮސްފައެވެ.

މިރެއަކީ ޗެލްސީގެ ފޯމޭޝަން ޓެސްޓްކޮށްލެވޭނެ ރޭ ކަމަށް އިނގިރޭސީ މީޑިއާ އާއި ފުޓްބޯޅަ އެނަލިސްޓުން ބުނެފައިވާއިރު މިރޭ ފެނިގެން ދިޔައީ ކޮންޓޭގެ ރޭވުންތެރިކަން ވޯކޮށް، ސިޓީގެ ދަނޑުގައި ސިޓީ ހަލާލުކޮށް ބަލިކޮށް ރުޅި އަރުވާލި ތަނެވެ. ކޮންޓޭގެ މި ކާމިޔާބީއާއެކު ޕްރިމިއާލީގުގައި މިވަގުތު އެންމެ ފޭވަރިޓް ކޯޗަކަށް އޭނާ ވަނީ ވެފައެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަޒާޑެވެ.