އެލްކްލެސިކޯގައި ބާސެލޯނާ 1-0 ން މޮޅުވާން ދަނިކޮށް ފަހު ވަގުތު ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ކާމިޔާބު ކުރި ލަނޑުން ބަލި ނުވެ ރެއާލް ސަލާމަތް ވެއްޖެ އެވެ.
އަމިއްލަ ދަނޑު ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ބާސާ ލީޑް ނެގީ ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ނޭމާ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރުމުން ލުއިސް ސުއަރޭޒް ބޮލުން ފޮނުވާލައިގެންނެވެ.
ދެ ވަނަ ހާފުގައި އީވާން ރެކިޓިޗްގެ ބަދަލުގައި ކެޕްޓަން އަންދުރޭ އިނިއެސްޓާ ކުޅެން ނިކުތުމާއެކު ބާސާގެ އެޓޭކްތައް ވަރުގަދަ ވިއެވެ. އިނިއެސްޓާ ތަނަވަސް ކޮށްދިން ފުރުސަތަކުން މެސީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އަދި ނޭމާ އަށާއި ސުއަރޭޒްއަށް ވެސް އިތުރު ފުރުސަތު ލިބިގެން ދިޔައެވެ.
މުހިންމު މެޗްތަކުގެ ފަހު ވަގުތުގައި ބޮލުން ކާމިޔަބު ކުރާ ލަނޑުތަކުން ރެއާލް ސަލާމަތް ކޮށްދީފައިވާ ރާމޯސް މިފަހަރު ވެސް ރެއާލް ސަލާމަތް ކޮށްދިނީ މެޗްގެ 91 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ލުކާ މޮޑްރިޒް ތަނަ ވަސް ކޮށްދިން ފުރުސަތަކުންނެވެ.
ދެހާސް ސާދަ ވަނަ އަހަރު ޗެމްޕިއަންސް ލީގް ފައިނަލުން ރެއާލް ބަލިވާން ދަނިކޮށް ސަލަމަތްކޮށްދިނީ މޮޑްރިޗް ނެގި ކޯނަރަކުން ރާމޯސްގެ ބޮލުން ކަމިޔާބު ކުރި ލަނޑުންނެވެ. މިއަހަރުގެ ޔޫއެފްއާ ސްޕާ ކަޕް ވެސް ރެއާލް އަށް ހޯދައިދިނީ މެޗްގެ ފަހު ވަގުތުގައި ރާމޯސް ބޮލުން ކާމިޔަބު ކުރި ލަނޑުންނެވެ.
އެ ލަނޑަށް ފަހު ބާސާ އަށް ވަނީ ލީޑް ނަގަން އަނެއް ކާވެސް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ހިލޭ ޖެހުމަކުން ތަނަވަސްވި ބޯޅަ އަކުން ސާޖީ ރޮބާޓޯ ފޮނުވާލި ބޯޅަ ރާމޯސް ބޮލުން ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.
މެޗު އެއްވަރުވުމުން ރެއާލްއާ ބާސައާ ދެމެދު އަދިވެސް ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ރެއާލްއަށް 34 ޕޮއިންޓް ލިބިފައިވާއިރު ބާސާ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.