ބޭރު ކުޅިވަރު

ޓޮޓެންހަމްއަށް އާ ދިރުމެއް

Dec 4, 2016

ސްވަންސީ ސިޓީ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކު މޮޅުވުމުން ޓޮޓަންހަމް ހޮސްޕާއަށް އަލުން ބޮޑު ދިރުމެއް އަތުވެއްޖެ ކަމަށް ޓޮޓަންހަމްގެ ކޯޗް މަރީޝޯ ޕޮޝެޓިނޯ ބުނެފިއެވެ.

މޮނާކޯ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓުމާއި މިދިޔަ ހަފުތާގައި ޗެލްސީ އަތުން ބަލިވުމަށްފަހު ރޭ ގެ މެޗުން ލިބުނު ތަފާތު ބޮޑުން މޮޅަކީ ވޭތުވެދިޔަ 11 މެޗްގައި އެޓީމަށް ލިބުނު ދެ ވަނަ މޮޅެވެ.

ޓޮޓެންހަމްގެ ލަނޑުތައް ކާމިޔަބު ކުރީ ހެރީ ކޭން އާއި ކްރިސްޓިއަން އެރިކްސަންގެ އިތުރުން ހިއުންގް މިން ސޮންގެ އެވެ.

"އަހަރެން ގަބޫލު ކުރަނީ އަހަރެމެންނަށް މި ނަތީޖާ ފުރިހަމައަށް ހައްގުވާ ކަމަށް،" ޕޮޝެޓިނޯ ބުންޏެވެ.

"މެޗް ޑޮމިނޭޓް ކުރީ އަހަރެމެން، ޗާންސްތައް އުފެއްދީ އަހަރެެމެން، އެމީހުން (ސްވަންސީ) ޝޫޓެއް ނުކުރޭ، އެމީހުން ފުރުސަތުތަކެއް ވެސް ނުއުފެއްދޭ އަދި އަހަރެމެން ވަނީ ވަރަށް ރަނގަޅަށް މެޗް ކުޅެފަ އަހަރެން މިހުރީ ވަރަށް އުފަލުން ޗެލްސީ އާއި މޮނާކޯ އަށް ފަހު ރަނގަޅު ނަތީޖާއެއް ލިބުމުން.

"މިއީ އަހަރެމެންގެ އެންމެ ރަނގަޅު ޕާފޯމަންސެއް ނޫން އެކަމަކު އަހަންނަށް ހީވަނީ ރަނގަޅު ހެން އެއީ މޮޅުވެ ތިން ޕޮއިންޓް ލިބި ތާވަލުގެ ކުރީގެ އޮތް ޓީމުތަކާ ގަތް ކުރެވިއްޖެ."

"އަހަރެމެންނަށް ކުރިއަށް އޮތީ ވަރަށް ވަރުގަދަ މެޗުތަކެއް އެމެޗްތަކަށް ވަރަށް ބޮޑު ހިތްވަރެއް މި ލިބުނީ." އޭނާ ބުންޏެވެ.

މެޗްގެ 38 ވަނަ މިނެޓްގައި ޑެލް އަލޭ އަށް ސްވަންސީގެ ކޭލް ނޯޓަން ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީއާ ބެހޭގޮތުން ސުވާލު ކުރުމުން ޕޮޝެޓީނޯ ބުނީ އޭނާ އަށް އެހާ ރަނގަޅަށް އެ މަންޒަރު ނުފެންނަ ކަމަށެވެ.

ނަމަވެސް ސްވަންސީގެ ކޯޗް ބޮބް ބްރެޑްލީ ބުނީ "އެއީ ގޯސް ނިންމުމެއް" ކަމަށާއި "މެޗް އެނބުރިގެން ދިޔައީ ރެފްރީގެ އެ ނިންމުގެ ސަބަބުން" ކަމަށެވެ.