ލިވަޕޫލް ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ފަހަތުން އަރައި 4-3 ން މެޗް ކާމިޔާބުކޮށް ބޯންމައުތުން ލިވަޕޫލްގެ "ސައިޒު" ކޮށް އަޑިއަށް ދުއްވާލައިފި އެވެ.
އެއް ވަނައިގައި އޮތް ޗެލްސީގެ ފަހަތުގައި ވިއްދުމުގެ އަމާޒުގައި ނިކުތް ލިވަޕޫލް މެޗުން ބަލިވުމުން އެޓީމު އޮންނަން ޖެހުނީ ޗެލްސީ އަށް ވުރެ ހަތަރު ޕޮއިންޓްގެ ފަހަތުގައި ތާވަލުގެ ތިން ވަނައިގަ އެވެ. އަދި އެ ޓީމު ބަލިވުމުން އާސެނަލް އަށް ވަނީ މި ހަފުތާގެ މެޗުތަކުން ތާވަލުގެ ދެ ވަނަ ޔަގީން ވެފައެވެ.
ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗް ފެށިގެން 20 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާނޭ އެވެ. އޭގެ ދެ މިނެޓް ފަހުން ޑިވިކް އޮރިގީ ވަނީ ލިވަޕޫލަށް ނަތީޖާ ފުޅާ ކޮށްދީފަ އެވެ.
ނަމަވެސް ދެ ވަނަ ހާފުގައި ބޯންމަތުގެ ކުޅުން ރަނގަޅުކޮށް ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ނަތީޖާ އަކަށްވީ ލިވަޕޫލަށް ލީޑްގައި ނުހިފހެއްޓުމެވެ.
ބޯންމައުތުގެ ފުރަތަމަ ލަނޑަކީ އެޓީމުގެ ފްރޭޒާއަށް ލިވަޕޫލްގެ ޕެނަލްޓީ އޭރިއާއިން ޖޭމްސް މިލްނާ ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.
މެޗްގެ 56 ވަނަ މިނެޓްގައި ލިބުނު އެ ޕެނަލްޓީ ކާމިޔާބު ކުރީ ވިލްސޮންއެވެ.
އޭގެ އަށް މިނެޓް ފަހުން އެމްރީ ކޭން ވަނީ މާނޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ އެއް ފަހަރުން ގޯލްގެ މަތީ ކަނަށް ފޮނުވާލައި ލިވަޕޫލަށް އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ހޯދައި ދީފައެވެ.
ނަމަވެސް ލިވަޕޫލަށް ލީޑް ހަމަޖެހިލައިގެން އޮވެވުނީ އެންމެ 12 މިނެޓެއް ހާއިރުއެވެ. މެޗްގެ 76 ވަނަ މިނެޓްގައި ރަޔަން ފްރޭޒާ ވަނީ ބޯންމައުތުގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަ ކޮށްފަ އެވެ. އޭގެ ދެ މިނެޓް ފަހުން ސްޓީވް ކުކް ވަނީ ބޯން މައުތަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ނަތީޖާއިން މެޗް އެއް ވަރުވެގެން ނިމޭނެ ކަމަށް ބެލެވުނެވެ.
ނަމަވެސް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ކުޅުމުގެ ތެރެއިން ދެ ވަނަ މިނެޓްގައި ބޯން މައުތުގެ ނަތަން އަކޭ ވަނީ ލިވަޕޫލްގެ ކީޕަރަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ބޯން މައުތު މެޗުން މޮޅު ކޮށްދީފައެވެ.