ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަން ކޮމިޓީއެއް އުފައްދަނީ

Dec 5, 2016
1

ގައުމީ ޓީމުތަކުގެ މަސައްކަތްތަކާއި ޕްލޭންތައް އެކުލަވާލައި ބެލެހެއްޓުމަށް "ނެޝަނަލް ޓީމު ކޮމިޓީ" އެއް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުގައި ބައްސާމް ވިދާޅުވީ ގައުމީ ޓީމުތަކުގެ ޕްލޭންތަކާއި ގައުމީ ޓީމުތަކުގެ ޓްރެއިނިން ކޭމްތައް އިންތިޒާމު ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

"މި ކޮމިޓީގައި ހިމެނޭނީ ކޯޗުންނާއި ޓެކްނިކަލް ބޭފުޅުންވެސް އެ ކޮމިޓީ އާއި ގައުމީ ހެޑްކޯޗަށް ގައުމީ ޓީމުގެ ހުރިހާ ކަމެއްގައި ބާރު އޮންނާނީ އެފްއޭގެ މައި އިދަރާއިން ނުވަތަ އެކްސްކޯ އަކުން އެކަމަށް ބާރެއް ނުފޯރުވާނެ."

"ގައުމީ ޓީމަށް ކޯޗަކު ހަމަޖެއްސުމުގެ ކަންކަންވެސް ކުރިއަށް ގެންދާނީ އެ ކޮމިޓީން،" ބައްސާމް ވިދާޅުވިއެވެ. "ގައުމީ ޓީމުގެ ކޯޗަކަށް ޑަރެން ސްޓްވާޓް އައުމުގެ 95 ޕަސަންޓް ޔަގީންކަން އެބައޮތް އެ ނިންމުން ނިންމާނީ ކުރިން މި ދެންނެވި ނެޝަނަލް ޓީމުގެ ކޮމިޓީން ކޮމިޓީގެ ބޭފުޅުންގެ ވިސްނުމަށް ބަލާއިރު އަޅުގަނޑަށް 95 ޕަސަންޓް ޔަގީން ކަން އެބައޮތް ކޮމިޓީގެ މެންބަރުންވެސް ނިންމަވާނީ ކޯޗް ގެނައުމަށް.

އެފްއޭއެމްގެ ޖެނަރަލްސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ ކުރިއަށް އޮތް ހަފުތަތެރޭގައި އެކޮމީޓީ ފައިނަލު ކޮށް ނިމޭނެ ކަމަށެވެ. ސީނިއާ ޓީމުގެ އިތުރަށް އުމުރު ފުރާ ތަކުގެ ގައުމީ ޓީމުތަކުގެ ކަންކަން ބަލަހައްޓާނީ މި ކޮމިޓީންނެވެ.

މިއީ ގައުމީ ޓީމަށް ހާއްސަ ކޮމީޓީއެއް އެކުލަވާލާ ފުރަތަމަ ފަހަރެވެ. މިގެ ކުރިން ގައުމީ ޓީމަށް ކޯޗަކު ހަމަޖެއްސުމުގެ ކަންކަން ކުރަމުން ގެންދަނީ އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީންނެވެ.