ރިޕޯޓް

އަލިފާންގަނޑު ބޮޑުވަނީ! ޒިންމާވާނީ ކޮންބައެއް؟

ބެލްކަނީގައި ހުރެ ސިންގިރޭޓެއް ބޮއެ ނިންމާލާފައި ދެ އިމާރާތް ދޭތެރެއަށް ނުވަތަ ކުރިމަތީ ހުރި ފުރާޅުގަނޑު މައްޗައް ބަޓްބުރި އެއްލާލަ އެވެ. ގޭގައި ކައްކަން އުޅެފައި، އަވަސް އަރުވާލައިފައި އުނދުން ރަނގަޅަށް ނުނިއްވާ ބޭރަށް ދެވިދާނެ އެވެ. ނުވަތަ ހަލާކުވެފައި ހުރި ތްރީޕިން އާއި ކަރަންޓު ވާގަނޑު ފަދަ ތަކެތި މާ ބޮޑު ކަމަކަށް ނުހަދާ ބޭނުންކޮށްފާނެ އެވެ.

މިއީ އާންމު ދިރިއުޅުމުގައި އެތަށް ފަހަރެއްގެ މަތިން ކޮށްފައި ހުރެދާނެ އާދައިގެ ކަންކަމެވެ. ގިނަ ފަހަރަށް އެފަދަ ކަމެއް ކުރެވޭ އޭގެ ސަބަބުން ނުރައްކަލެއް ދިމާވެދާނެހެން ހީވެސް ނުވެއެވެ. ނަމަވެސް އެފަދަ ކުޑަ ކަމަކުންވެސް ކުށެއް ނެތް އެތަށް ބައެއްގެ މުދަލާއި ގެދޮރި އަންދާ ހުލިވެ ބިމާ ހަމަވެގެން ގޮސްފާނެ ކަމަށާއި ނުވަތަ ބައެއްގެ ފުރާނަ ގެއްލި ދާނެ ބޮޑެތި އަނިޔާތަކެ ވެދާނެ ކަމާމެދު ވިސްނާލަން ޖެހޭ ނޫންތޯ އެވެ. އެ ސިންގިރޭޓުގެ ބަޓް އެއްލާލާ ތަނުގައި ކުނިބުނި އުފެދިފައި ހުރެދާނެ ކަމާށާއި އުންދުން ނުނިއްވާ ދިޔުމުން ގޭސް ލީކުވުން ނުވަތަ ހަލާކުވެފައި ހުރި ކަރަންޓުގެ ސާމާނު ބޭނުން ކުރުމުގެ ސަބަބުން ޝޯޓެއްވެގެން ދިމާވެދާނެ އަލިފާނުގެ ނުރައްކާތެރި ހާދިސާއަކާ މެދު ވެސް ވިސްނާލާ ކިހާ ބަޔަކު އުޅޭތޯ އެވެ؟

"ފަރުވާ ކުޑަ ކުރުމަކީ ބޮޑެތި އަލިފާން ރޯވުމަށް މެދުވެރިވާ އެއް މައްސަލަ. އެކަށީގެންވާ ވަރަށް އަޅާނުލާ ހޫނު އުފައްދާ ތަކެތިން ކަރަންޓު ކަނޑާ ބޭރަށް ދެވޭ ފަހަރުވެސް ގިނަ. ވަރަށް ފަރުވާ ބަހައްޓައިގެން އެފަދަ ތަކެތި ނިއްވާލަން ޖެހޭނެ. އެއަށް އަޅާނުލާ ގޮއްސިއްޔާ ރޯވާނެ. ބައެއް ފަހަރަށް ކައްކައް އުދާފައި ހަންދާން ނެތިގެން ދެވިދާނެ. އަދި އިސްތިރި ކުރަން އިސްތިރި ބަހައްޓާފައި ހަންދާން ނައްތާލާފައި ދެވިދާނެ. ދެން އެންމެ ބޮޑަށް ދިމާވާނީ ސިގިރޭޓު ރަނގަޅަށް ނިއްވާ ނުލާ އެއްލާލާ މައްސަލަ. ސައިކަލުގަ ދަމުންވެސް ބަލާ ނުލާ އެއްލާލަ ފާނެ. ހުރިހާ ފަހަރެއްގައި ރޯނުވިޔަސް އަލިފާން ރޯވާ ފަހަރަކު ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ސަމާލުވާން ޖެހޭ،" ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ އެންމެ އިސްކޮށް އުޅުއްވާ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވި އެވެ.

މި ފަހަކަށް އައިސް މާލޭގައި އަލިފާނުގެ ހާދިސާތައް ވަނީ ވަރަށް އާންމުވެފައެވެ. އަދި މާލޭގައި ގެތަށް އިމާރާތްކޮށްފައި ހުންނަ ގޮތުން ރޯވާ ކޮންމެ ބޮޑު އަލިފާންގަނޑަކުން ކައިރި ދެތިން ގެއެއްވެސް އަނދާ ހުލިނުވާ ފަހަރެއް އެއްގޮތަކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަދި އޭގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން އެއްކޮށް ބަދަލުވާ ވަރަށް ބޮޑެތި ގެއްލުންތައް ދިމާވެއެވެ. "އަވަސް"އާ ވާހަކަދައްކަވަމުން ކާނަލް ޒުހުރީ ވިދާޅުވީ ގޮތުގައި ފަހަކަށް އައި ކައިރި ކައިރީ ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގައި ދިޔަ ނަމަވެސް، ނޫސްތަކުގެ ފަލަ ސުރުހީއަށް ނާރާ ކުދި ކުދި އަލިފާނުގެ ހާދިސާތައް ހިނގާ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ފަޔާ އެންޑް ރެސްކިއުއިން ދުވާލަކު މަދުވެގެން އެއް އަލިފާނާ ގުޅުން ހުރި ހާދިސާއަކަށް އެޓެންޑު ވާން ޖެހޭ ކަމަށް ޒުހުރީ ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް ވެސް މިއަހަރު ތެރޭގައި ގާތްގަނޑަކަށް 366 ހާދިސާތަކަށް އެޓެންޑުކޮށްފައިވާނެ ކަމަށް ޒުހުރީ ވިދާޅުވި އެވެ.

"މިފަހަކަށް އައިސް ބިދޭސީންނަށް އަލިފާނަށް އެކަށީގެންވާ ވަރަށް ހޭލުންތެރިވެފައި ނެތުމުގެ ސަބަބުން ދިމާވާ ހާދިސާތައް ގިނަ. ސްކޫޕްގައި އަލިފާން ރޯވާންވެސް ދިމާވީ އެތަނުގައި މަސައްކަތް ކުރަން ހުރި ބިދޭސީ މީހުން އަލިފާން ރޯވާ ވަގުތު އަމަލު ކުރަން ޖެހޭ ރަނގަޅު ގޮތް ނޭންގުނީ. ބަދިގޭގައި އަލިފާންރޯވެއްޖެ ނަމަ ތެލަށް ފެން ޖެހުމަކީ ކުރަން ވާނެ ކަމެއް ނޫން. އޭރުން އަލިފާންތައް އެކި ދިމާލަށް ބުރައިގެން ދާނީ. އެކަހަލަ ގޮތަކަށް ސްކޫޕްގައިވެސް ބޮޑަށް ރޯވެ ބަދިގެ އެއްކޮށް އެންދީ،" ޒުހޫރީ ވިދާޅުވި އެވެ.

މާލޭގައި މިހާތަނަށް ހިންގާފައި ހުރި ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ ލިސްޓަށް ބަލައިލި ނަމަވެސް ގިނަ ވާނީ މުދާ ރައްކާ ކުރާ ގުދަންތަކާއި ފިހާރަތަކުގައި ހިންގާފައި ހުރި ހާދިސާތަކެވެ. އެގޮތުން ލިލީ ގުދަނުގައި ރޯވުމާއި ކޯސްޓްލައިން ހާޑްވެއާ އަދި ކަފިދޫ ގުދަނުގައި ހިންގި ހާދިސާތަކަކީ މިއަހަރު ތެރޭގައިވެސް ފާހަގަކޮށްލެވޭ ބޮޑެތި އަލިފާނުގެ ހާދިސާތަކެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ދުވަހުން ދުވަހަށް އެފަދަ ތަންތަނުގައި ހިންގައި އަލިފާނުގެ ހާދިސާތައް ގިނަވާއިރުވެސް ގުދަނާއި މުދާރައްކާކުރާ ތަންތަނުގައި ހުންނަން ޖެހޭ ގަވައިދާ އުސޫލުތަކާ ހިލާފަށް އެތަށް ބަޔަކު އަމަލު ކުރަމުން ދާ ކަމެވެ.

"ދިވެހިންނަކީ ވަރަށް ކުޅަދާނަ ޖެހިލުން ކުޑަބައެއް. އެހެންވެ ރިސްކު ނަގަން ކެރޭ ބޭފުޅުންވެސް ވަރަށް ގިނަ ވާނެ. އޭގެ ނަތީޖާއަށް މިވަނީ ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރެވިގެންދާއިރު ކޮންމެ ގުދަނެއްގައި އަލިފާނުގެ ހާދިސާ ނުހިނގާތީ އެކަމަށް ވާންޖެހޭ ވަރަށް ތައްޔާރު ނުވެވެނީ އަދި ގުދަނެއްގައި އަލިފާނުގެ ހާދިސާ ހިނގާއިރު އެތަނަކާއި އެތަނެއްގައި އުޅޭ މުޅި ހިސާބުގެ މީހުންގެ ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބިގެންދޭ. ސަރުކާރުން ކަނޑައަޅާފައި ހުންނަ އުސޫލުތަކާ ގަވައިދުތަކަށް އަޅާނުލާ އެއާ ހިލާފަށް އަމަލުތައް ބަހައްޓާތީ މިފަދަ ގިނަ ހާދިސާތައް ދިމާވެފައި އެބަހުރި،" އަވަސް އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ސިފައިން މިހާރު އަންނަނީ މާލޭގެ ހުރިހާ ގުދަންތަކެއް ބަލާ ފާސް ކުރުމަށް ތައްޔާރު ވަމުންނެވެ. އެނގިފައިވާ ގޮތުގައި ސިފައިންގެ އެ އޮޕަރޭޝަން މިއަދު ފަށާ މާލޭގެ އެކި ގުދަންތަކުގައި ހަރަކާތްތެރިވާނެ އެވެ. އާދަމް ޝަރީފް ވިދާޅުވީ ގޮތުގައި ގުދަންތައް ބަލާ ފާސް ކުރަން ހުރަސް އަޅާނަމަ ކޯޓު އަމުރެއް ހިފައިގެން ގޮއްސަވެސް އެތަންތަން ބަލާ ފާސްކުރާނެ އެވެ. އަދި ސަލާމަތީކަންކަން ހުންނަން ޖެހޭ މިންގަނޑަށް ނުބެހެއްޓެނީ ނަމަ އެތަންތަން ބަންދު ކުރަން އަންގާނެ ކަމަށްވެސް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

އަލިފާނުން ރައްކާތެރިވާން ކުރަންވީ ކޮންކަމެއް؟

އަލިފާނުގެ ބޮޑު ހާދިސާއަކަށް ދިމާވެދާނެ ހާލަތަކަށް އަބަދުވެސް ތައްޔާރަށް ސަމާލުވެގެން ހުރުން މުހިންމެވެ. ނުވަތަ ހާދިސާއެއް ދިމާވުމުގެ ކުރިން އަޅާ ކުޑަ ފިޔަވަޅަކުންވެސް ބޮޑު ގެއްލުމަކުން ބަޔަކު ސަލާމަތްކޮށްދެވިދާނެ އެވެ.

އެގޮތުން އަލިފާން ރޯވެދާނެ ކަމުގެ ރިސްކު ކުޑަ ކުރުމަށް ގުދަންފަދަ ތަންތަން ހުރީ ރަނގަޅަށް ވެންޓިލޭޓުކޮށްފައިތޯ ބަލަން ޖެހެއެވެ. އަދި ކަރަންޓު ވަޔަރިން ހުރީ ރައްކާތެރިކޮށްތޯ ބަލާ ކަރަންޓު ބޭނުން ނުކުރާ ގަޑީގައި ނިއްވާލާފައި ބެހެއްޓުން ރަނގަޅެވެ. އޭގެ އިތުރުން ގޭގައި ވިޔަސް އަދި މަސައްކަތް ކުރާ ތަނުގައިވިޔަސް އަލިފާން ނިއްވާފަދަ އެއްޗެއް ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އޭގެ އިތުރުން އިންޝޫރަންސްކޮށްފައި ހުރުންވެސް މުހިންމެވެ.

"އަލިފާނުގެ ހާދިސާތަށް އާންމުން ހޭލުންތެރި ކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރަން. މި އަހަރު އަމާޒް ހިފީ 10،000 މީހުންނަށް އެވެއާނަސް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުން. މިހާރުވެސް އެ އަދަދު ހަމަވެއްޖެ. އަދި ސްކޫލު ކުދިންނަށާއި ކުންފުނިތަކަށް ވެސް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގާ އަދި ރާއްޖެ ތެރޭގައި އަލިފާން ނިއްވާ ސްޓޭޝަން ނެތް ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ހިންގަން،" ޒުހުރީ ވިދަޅުވި އެވެ.

ކޮންމެއަކަސް ފަރުވާ ނުބަހައްޓާކޮށްލެވޭ ކުޑަ ކަމަކުން ރޯވާ އަލިފާންގަނޑު ނިއްވުމަށް ފުރާނަ އަތަށް ލައިގެން ނިކުމެ އެ އަލިފާންގަނޑާ ހަންގުރާމަ ކުރާ ބަޔަކު ތިބެއެވެ. އެފަދަ ހާދިސާއެއްގައި ލިބޭ ގެއްލުންތަކުގެ ސަބަބުން އެ މީހުންނަށް އިނގިލި ދިއްކުމުގެ ބަދަލުގައި ފަރުދީ ޒިންމާތައް ވެސް ހަންދާންކޮށްލުން މުހިންމެއް ނޫންތޯ އެވެ.