އަންހެނުން

ތަޅައި މެރިޔަސް ވަރިހަމަ!

"ވަރަށް އަނިޔާކުރާނެ. ތަޅައިގަންނަ ފަހަރެއްގަ އަހަރެން ދަންމާނުލެވެނީސް އޭނާ ހުއްޓައެއް ނުލާނެ. އަތް ވެސް އެއް ފަހަރަކު ބިންދައިގެން ދިޔަ. މިހާރު އެތައް ފަހަރަކު ކޯޓަށް ވެސް ދެވިއްޖެ. ވަރިވާން ނިންމައިގެން ދިޔަޔަސް ހަމަ އެންމެ ފަހު ވަގުތު އޭނާ ދޫކޮށްލާ ހިތް ނުވަނީ. އެކަން ނުކުރެވެނީ،" ހަރުކަށި އަނިޔާވެރި ފިރިއެއްގެ ވަކިތަކުގެ ތެރޭގައި ތާށިވެފައިވާ ޒުވާން އަންހެން ކުއްޖަކު އޭނާގެ ހާލާ މެދު ވާހަކަ ދައްކަމުން ފިނި ޕޭޖަށް ކިޔައި ދިނެވެ.

މި އަންހެން ކުއްޖާގެ މި ވާހަކަ އަކީ ހަމައެކަނި އޭނާގެ ވާހަކައެއް ނޫނެވެ. މިއީ ވަރަށް ގިނަ އަންހެން ކުދިންތަކެއްގެ ވާހަކަ އެވެ. އަނިޔާކުރާ ފިރިންނާއި ލޯބިވެރިން ދޫކޮށްލަން ނުކެރޭ ނުވަތަ ދޫކޮށްނުލެވޭ އަންހެން ކުދިންގެ ވާހަކަ އެވެ. މަސްތުވާތަކެތި ބޭނުންކޮށް ގައްޑާވެލައިގެން އުޅޭ ފިރިހެން ކުއްޖާ އާއި ގޯޅި ކަންމަތީގައި ބާރުގަދަކޮށްލައިގެން އުޅޭ ގޭންގެއްގެ މެމްބަރަކަށް ހިތްކިޔައިގެން ހަލާކުވެފައި އެކަމަކު އެމީހުން ދެކެ ފޫހިނުވެވިފައި ތިބި އަންހެން ކުދިން ވާހަކަ އެވެ.

އަނިޔާކުރާ ފިރިހެން މީހާ ދޫކޮށްލަން އޭނާގެ އަންހެން ބައިވެރިޔާ އަށް ނުކެރެނީ ކީއްވެ ހެއްޔެވެ؟ ނުވަތަ އޭނާ ދޫކޮށްލާފައި އެއަށް ވުރެ ރަނގަޅު ފިރިހެން ކުއްޖަކު ހޯދަން އަންހެން ކުއްޖާ މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ހޯދަން އަވަސް އިން، އަނިޔާ ލިބެމުން އަންނަ ޒުވާން އަންހެން ކުދިންތަކެއް ހޮވާލައިގެން ވާހަކަ ދައްކާލީމެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުމުގެ މި ހަލަބޮލިކަމުގެ ވާހަކަ ކިޔައިދޭން އެމީހުންނަކަށް ވެސް ނޭނގެ އެވެ.

އެހެންވީމަ އަނިޔާކުރާ ލޯބިވެރިޔާ ނުވަތަ ފިރިމީހާއާ ދޫކޮށްލާފައި އަންހެން ކުއްޖާ އަށް ނުކުމެގެން ނުދެވޭ ބައެއް ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.

އެންމެ ފުރަތަމަ ވެސް ފަށަން މި ޖެހެނީ އެފަދަ ފިރިހެނުންގެ ޖާދޫގެ ވާހަކަ އިންނެވެ. އަންހެން ކުދިންގެ ޝައުގު އަތުލައިގަތުމަށް އެފަދަ ފިރިހެނުން ބޭނުންކުރާ އުކުޅުތަކުގެ ވާހަކައިންނެވެ. އަދި މި ކަމުގައި އެމީހުންނަށް ލިބިފައިވާ ހުނަރުގެ ވާހަކައިންނެވެ. ލޯބިވެރިޔާ އަދި އަނބިމީހާ އަށް އަނިޔާކުރިޔަސް މި ފިރިހެނުންނަކީ ދެން ތިބި އެހެން ފިރިހެނުންގެ ސިފަތައް ވެސް ލިބިފައިވާ މީހުންނެވެ. އެމީހުން ދުވާލުދާ ހަތަރުދަމު ކުރާ ކަމަކީ އަންހެން ކުއްޖާގެ ގައިގައި ތެޅުމެއް ނޫނެވެ. އޭނާ ފުރަތަމަ ނަޒަރުން އަންހެން ކުއްޖާގެ ހިތް ފަތަހަކުރަނީކީ ވެސް ބޮޑު ލޭ އޮހޮރުވުމަކަށް ގޮސް އަންހެން ކުއްޖާއަށް ބިރު ދައްކައިގެންނެއް ނޫނެވެ.

އަނިޔާކުރާ މީހާ ދޫކޮށްލަން އަންހެން ކުއްޖާ އަށް އެންމެ އުނދަގޫވާ އެއް ސަބަބަކީ އޭނާ ދޭ އަނިޔާތަކާ އެކު އަންހެން ކުއްޖާގެ ބޮލުގައި އުފެދޭ ޓްރޯމާ އެވެ. މި އަނިޔާއާ އެކު އެ ފިރިހެން މީހާ އާއި އަންހެން ކުއްޖާއާ ދެމެދު އާ ގުޅުމެއް ފައްކާވަނީ އެވެ. އެމީހުން އެންމެ ކުރިން ފައްކާކުރި ލޯބީގެ ހިތްގައިމު ގުޅުމުގެ މައްޗަށް ދެން އަރަނީ ޓްރޯމެޓިކް ބޮންޑިން އެކެވެ. މި ގުޅުން ދެ މީހުންގެ ދެމެދުގައި ފައްކާވާ ހިސާބުން އަންހެން ކުއްޖާ އަށް ހުރިހާ ކަމެއް ވަރިހަމަވަނީ އެވެ.

މިއީ މީހަކު ރަހީނުކޮށްގެން އުޅޭ މީހަކާއި އޭނާގެ ގައިދީއާ ދެމެދު އުފެދޭ ކަހަލަ ގުޅުމެކެވެ. ނަފުސާނީ ބަލީގެ މާހިރުން އެއަށް ކިޔަނީ ސްޓޮކްހޯމް ސިންޑްރޯމް އެވެ. މި ބަލީގައި، ރަހީނުކޮށްގެން ގައިދީ އަށް އަނިޔާކުރާ މީހާ ދެކެ ގައިދީ މީހާ ފާޑަކަށް ލޯބިވަނީ އެވެ. އަންހެން ކުއްޖާ އަށް އަނިޔާކުރާ އޭނާގެ ލޯބިވެރިޔާ ނުވަތަ ފިރިމީހާ ކަމުގައިވިޔަސް، ދެ މީހުންގެ ދެމެދުގައި އޮންނަ މި ގުޅުން އޭގެ އެންމެ ގޯސް ހާލަތަށް ވެއްޓޭ ހިސާބަކީ އޭގައި ސްޓޮކްހޯމް ސިންޑްރޯމްގެ ކުލަ ޖެހޭ ހިސާބެވެ.

އޭރުން ލޯބިވެރިޔާ އޭނާގެ ގައިގައި ތަޅައި ކިތަންމެ ވަރަކަށް އަނިޔާކުރިޔަސް އޭނާ ދެކެ ފޫއްސެއް ނުވާނެ އެވެ. ރުޅިއެއް ނާދެވޭނެ އެވެ. އަނެއްކޮޅުން އަނިޔާކުރުމަށް ފަހު ފިރިހެން މީހާގެ އަމަލުތައް އެނބުރިގެންދާ ގޮތުން ވެސް އަންހެން ކުއްޖާ މީގައި އިތުރަށް ތާށިވެ އެވެ. އާންމުކޮށް އަންހެން ކުދިންނަށް އަނިޔާކުރާ ފިރިހެނުންނަކީ ހަގީގަތުގައި ވަރަށް ވެސް "ސްވީޓް" ބައެކެވެ. އެމީހުންގެ އެ ލޯބި ފަޅި ދައްކާލުމާ އެކު އަންހެން ކުއްޖާ ވަގުތުން ހުރިހާ ކަމަކަށް އަނެއްކާ ވެސް އޯކޭ ވާނެ އެވެ.