ރިޕޯޓް

އިޖުތިމާއީ ހިދުމަތުގެ އެންމެ އުހުގައި ދިރާގު!

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އަދި ހިދުމަތުގެ ގޮތުން ކުރީ ސަފުގައި ވާދަ ކުރަމުން އަންނަ ދިރާގަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ ކުންފުންޏެވެ. އެ ކުންފުނިން އެންމެ ޒަމާނީ ހިދުމަތްތައް ދަނީ ދެމުންނެވެ. ފަހުގެ ޓެކްނޮލޮޖީތަކަށް ހުޅުވާލައި ދިވެހިން އޭގެ ތެރެއަށް ވެއްދުމުގައި ދިރާގުގެ މަސައްކަތް ވަރަށް ބޮޑެވެ.

ދިވެހިންނާ އެންމެ ގާތް ދިރާގުން ޓެލެކޮމް ދާއިރާގެ އެންމެ ފަހުގެ ހިދުމަތްތައް ދަނީ ބަންޑުން ކުރަމުންނެވެ. މިހާރު ދިރާގުން ވަނީ މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ފުޅާކުރަން ބޮޑު މަޝްރޫއެއް އިއުލާންކޮށްފަ އެވެ. އަދި މިހާރު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 3ޖީ ފޯރުކޮށްދެމުން ދެ އެވެ. އެހެން ކަމުން ދިރާގުން ވަނީ ދިވެހިން އިތުރަށް ސްމާޓްކޮށްދީ، ސްމާޓް ފޯނުގެ ދުނިޔެއަށް ދިވެހިން ގަންބުވާލާފަ އެވެ.

ނަމަވެސް ދިރާގުގެ މަސައްކަތްތައް ފޯރަނީ ހަމައެކަނި އަހަރެމެންގެ ފޯނާއި ލެޕްޓޮޕްތަކަށް ކަމަށް ހީކުރުމަކީ މުޅިން ކުށް ހީއެކެވެ. ދިރާގުގެ އަތް އެއަށްވުރެ މާ ދިގެވެ. ދިރާގުގެ ހިދުމަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ގިނަ ބަޔަކަށް އެކި ގޮތްގޮތަށް ދަނީ ލިބެމުންނެވެ. އެއީ، ދިރާގުން އެ ކުންފުނީގެ ސީއެސްއާރް ނުވަތަ އިޖްތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ ބިޔަ މަސައްކަތްތަކުގެ ސަބަބުންނެވެ. މިފަދަ ގިނަ މަސައްކަތްތަކެއް އިޖުތިމާއީ ހިދުމަތުގައި އެހެން ބަޔަކަށް އަދި ވާސިލުވެފައިނުވާހާ އުހަށް ދިރާގަށް އާދެވިފައިވަނީ އެހެންވެ އެވެ.

ނުކުޅުދޭ ފަރާތްތަކުގެ އެކުވެރިޔާ

ދިރާގުން ހިންގާ އިޖްތިމާއީ ޒިންމާގެ ގިނަ ހަރަކާތްތަކެއް އެންމެ ބޮޑަށް އަމާޒުކުރަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިންބަފައިން ނެތް، ސަރުކާރުން ބަލަހައްޓަމުންދާ ކުދިންނަށެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި ވެސް ދިރާގުން ވަނީ ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެކި ފަހަރު މަތިން ޒިޔާރަތްކޮށް ފައިސާގެ ބޮޑެތި ހަދިޔާތައް ދީފަ އެވެ. އަދި މިފަހުން ހުޅުމާލޭގެ ހިޔާއަށް ހިލޭ އިންޓަނެޓް ވެސް ދިރާގުން ފޯރުކޮށްދީފައިވެ އެވެ. ވިލިމާލެ ހިޔާގައި ކޮމްޕިއުޓަރެއް ލެބެއް ގާއިމުކޮށް ހިލޭ އިންޓަނެޓް ވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. އަދި އެ ހިޔާގެ ޓީޗަރުން ވެސް ދިރާގުން ވަނީ ސްޕޮންސާކޮށްފަ އެވެ.

އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން އޮންލައިން ޗައިލްޑް ސޭފްޓީ ޕްރޮގްރާމެއް ހިންގައި، އޯޓިޒަމް އެސޯސިއޭޝަނުގައި އިންޑޯ ޕްލޭ އޭރިޔާއެއް ގާއިމުކޮށް، ކެއާ ސޮސައިޓީއަށް ބޭނުންވާ ތަފާތު ތަކެތި ދިރާގުން މި އަހަރު ތެރޭގައި ހަދިޔާކޮށްފަ އެވެ. އޭގެ އިތުރަށް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށާއި ސޮސައިޓީ ފޯ ހެލްތުކެއާ އެޑިއުކޭޝަން (ޝީ) އަށް ވެސް ދިރާގުން ވަނީ ބޮޑެތި އެހީތަކެއްވެފަ އެވެ.

މިވަރުން ނިމުނީއެއް ނޫނެވެ. އައްޑޫ ސިޓީގެ ހިތަދޫ އަލް-ނޫރު ސެންޓަރާއި ލ. ގަމުގެ ތުނޑި އާއި މަތިމަރަދޫ އަވަށުގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސްތަކުގެ ތެރެއިން ކޮންމެ ކްލާހަކަށް 100،000 ރުފިޔާގެ ތަކެތި ވެސް ވަނީ ހަދިޔާކޮށްފަ އެވެ. ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކޮންމެ އަހަރަކު ބޮޑު ފެސްޓިވަލެއް ބާއްވަ އެވެ. މީގެ އިތުރުން ރާއްޖޭގެ ލޯފަން ކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާ (ބީވީއައިއެސް) ގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލް ކުރުމުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ.

ކުޑަކުދިން ހިމާޔަތްކުރުމާއި އެ ކުދިންނަށް އަޅާލާ އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމެވެ. އެގޮތުން ދިރާގުން ބާއްވާ އެންމެ ބޮޑު، އިވެންޓް ކަމަށްވާ ރޯޑް ރޭހަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު ވެސް ބާއްވާ މިހާރު ބައިނަލްއަގުވާމީ ރޭހެކެވެ. އެ ރޭހުގައި ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާއެއް ވެސް ދިރާގުން ގާއިމުކޮށްދީފައިވެ އެވެ.

ތިމާވެށީގެ ވެސް ރަހުމަތްތެރިއެއް

ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއަރައިގެން ގޮސް، ތިމާވެއްޓަށްދޭ ސަމާލުކަން މިވަނީ ކުޑަވެފަ އެވެ. ނުވަތަ ޓެކްނޮލޮޖީގެ ސަބަބުން ތިމާވެއްޓަށް މިދަނީ ގެއްލުންވަމުންނެވެ. އެހެންވެ، ޓެކްނޮލޮޖީގެ ގޮތުން ގައުމު އުސް މިންތަކަކަށް ގެންގޮސްދިނުމާއެކު ދިރާގުން ދަނީ ތިމާވެއްޓަށް ވެސް އިސްކަމެއް ދެމުންނެވެ.

މި އަހަރު ތެރޭގައި ދިރާގުން ވަނީ ވަރަށް ބޮޑު ކެމްޕެއިންނެއް ވެސް ފަށާފަ އެވެ. އެއީ ޕްލާސްޓިކް ކޮތަޅާ ދެކޮޅަށް ދިރާގުން ފެށި ހަނގުރާމައިގެ ޕްރޮމޯޝަނެކެވެ. ޕްލާސްޓިކް ކޮތަޅުގެ ސަބަބުން ކަނޑުގެ ދިރިންތައް މަރުވަމުންދާތީ ދިރާގު ވަނީ ކަންބޮޑުވެފަ އެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ދިރާގުގެ ލޯގޯ ޖަހާފައިވާ ހާއްސަ ކޮތަޅެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ކޮތަޅަކީ ބާޒާރަށް ދާއިރު ބޭނުން ކުރުމަށް ދިރާގުން ތައާރަފު ކުރި ކޮތަޅެކެވެ. ގިނަ ދުވަހު ބޭނުން ކުރެވޭ އެކޮތަޅު ހަދާފައި ވަނީ ފަސޭހައިން ގެންގުޅެވޭ ގޮތަށެވެ.

މި ކެމްޕެއިންގެ ދަށުން ޕްލާސްޓިކް ކޮތަޅުން ލިބޭ ގެއްލުމާ ގުޅޭ ގޮތުން ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ރަށްރަށުގެ ގޮނޑޮދޮށްތައް ސާފުކުރުމާއި ތިމާވެއްޓަށް ހިދުމަތް ކުރުމަށް ވެސް ދިރާގުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ ވަރަށް ބޮޑު ފިޔަވަޅެއް ވެސް ތިމާވެއްޓަކަށް އަޅާފަ އެވެ. އެތައް ބައިވަރު މުވައްޒަފުންނެއް މަސައްކަތްކުރަމުންދާ ދިރާގުގައި މިހާރު އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް ފެންފުޅި ބޭނުމެއް ނުކުރެ އެވެ. ދިރާގުގައި ފެން ކޫލަރުތައް ބަހައްޓާ ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ފެންފުޅިއެއް ދިރާގުގެ ކޮންމެ މުއައްޒަފަކަށް ވަނީ ހަދިޔާކޮށްފަ އެވެ. އަދި، ކޮންމެ ޑިޕާޓްމެންޓެއްގައި ވެސް އުކާލާ ޕްލާސްޓިކްތައް އެއްކުރުމަށް ހާއްސަ ޑަސްބިންތަކެއް ބަހައްޓައި ޕްލާސްޓިކް ރީ ޔޫސްކުރުމަށް ވެސް ދިރާގުން ވަނީ ނިންމާފަ އެވެ.

އުފަލާއި ހިތާމައިގައި ވެސް ބައިވެރިއެއް

އުފާވެރި މުނާސަބަތުގައި ގުޅުވައިގެން މި އަހަރު ތެރޭގައި ވެސް ދިރާގުން ވަނީ ތަފާތު ހަރަކާތްތައް ހިންގާފަ އެވެ. އެގޮތުން އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާގުން ވަނީ އީދު ހަދިޔާ ބަހާފަ އެވެ. އެކި މުނާސަބަތަކާ ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތަކުގައި ވެސް ދިރާގުގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެ އެވެ.

ހާއްސަ ދުވަސްތަކާ ގުޅިގެން ހާއްސަ ޕްރޮމޯޝަންތަކާއި ޕެކޭޖްތައް ވެސް ދިރާގުން ތައާރަފްކޮށްފަ އެވެ. އެގޮތުން ޓީޗަރުންގެ ދުވަހު ޓީޗަރުންނަށް ހަދިޔާއެއް ގޮތުން ހިލޭ ޑޭޓާ ދީފައިވެ އެވެ. ހަމައެހެންވެ، ރޯދަ މަހާ ގުޅިގެން ގިނަ ޕްރޮމޯޝަންތަކެއް ވެސް ހިންގި އެވެ. އެ މަހުގެ ހުކުރު ދުވަސްތަކުގައި މުޅިން ހިލޭ ގުޅާލެވޭ ގޮތް ވެސް ހެދި އެވެ. ހައްޖާ ދިމާކޮށް ވެސް ހާއްސަ ކޯލް ރޭޓެއް ތައާރަފްކުރި އެވެ.

މިއާއެކު ހިތާމައިގެ ނުވަތަ ހާލުގައި ޖެހޭ ވަގުތުތަކުގައި ވެސް ދިރާގުގެ ފަރާތުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. އެގޮތުން މި އަހަރު ރާއްޖެއަށް ދިމާވި އެންމެ ބޮޑު އެއް ހާދިސާ ކަމަށްވާ މުޅި ގދ. ތިނަދޫން ކަރަންޓު ކަނޑައިގެން ދިޔުމުގެ ހާދިސާގައި ވެސް ދިރާގުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދީފަ އެވެ. ތިނަދޫ ރައްޔިތުންގެ ފޯނުތައް ޗާޖްކޮށްދީ، ފެން ބަހަން ވެސް ދިރާގުން ނިކުތެވެ. އެ ރަށަށް ހިލޭ ގުޅޭނެ ޕެކޭޖެއް ވެސް ތައާރަފްކުރި އެވެ.

އޭގެއިތުރަށް ބައެއް ގައުމުތަކަށް ދިމާވި ކާރިސާތަކާ ގުޅިގެން އެ ގައުމަށް ގުޅުމަށް ހާއްސަ ރޭތްތަކެއް ވެސް ދިރާގުން ހަމަޖައްސައިދީފައިވެ އެވެ.

ދިރާގުން މި އަހަރު ތެރޭގައި ވެސް އެ ކުންފުނިން ހިންގަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު 25 ޒުވާނަކަށް ދީފައިވެ އެވެ. އޮންލައިން ގިނަ ކޯސްތަކެއް ހިންގާ "ޝޯ އެކަޑަމީ" ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދިރާގުން މި އަހަރުގެ ތެރޭގައި ފަހިކޮށްދީފައިވެ އެވެ.

އެ ކޯސްތަކަކީ ބައިނަލްއަގުވާމީ ސެޓްފިކެޓް ލިބޭ މި ކޯސްތަކުގެ ސަބަބުން އަމިއްލަ ނަފުސު ތަރައްގީ ކުރުމަށް ބޭނުންވާ ގިނަ މައުލޫމާތާއި ހުނަރު ލިބިގެންދާ ކޯސްތަކެކެވެ. ދިރާގުން ވަނީ ފުރަތަމަ ކޯސް ހިލޭ ހެދޭނެ ގޮތަށް ހަމަޖައްސާފަ އެވެ. އަދި އޭގެ ފަހުން ކޯހަކަށް ދައްކަން ޖެހެނީ ގާތްގަނޑަކަށް މަހަކު 240ރ. ވަރެވެ. މި ކޯސްތައް ފަރުމާކޮށްފައިވަނީ ގޭގެ މަސައްކަތުގައި ބުރަކޮށް އުޅޭ މީހުންނާއި ވަޒީފާގައި އުޅޭ މީހުންނަށް ފުރިހަމަ ކުރެވޭ ގޮތަށެވެ.

އެއް އަހަރު ތެރޭގައި ދިރާގުން މިހާ ގިނަ އިޖްތިމާއީ ހިދުމަތްތަކެއް ކޮށްދީފައިވާއިރު ކުރިއަށް އޮތްތާ މީގެ ދެގުނަށް މިފަދަ ހިދުމަތްތައް ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެވެ. އިޖުތިމާއީގެ ހިދުމަތުގައި އެހެން ކުންފުނިތަކަށް ދިރާގު އަތުނުޖެހިގެން އުޅެނީ މިކަމަށް އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުން ދޭ ހާއްސަ އިސްކަމުގެ ސަބަބުންނެވެ.