ލައިފްސްޓައިލް

ގުދުރަތީ އެއްޗެއް ބޭނުން ކޮށްގެން ބްލީޗް ކޮށްލެވިދާނެ

Dec 9, 2016

ގައިގަ ހަން އުޖާލާކޮށް އަލި ކުރުމަށް ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. ލޯގަނޑު ކުރިމައްޗަށް އަރާ މީހާގެ މޫނު ބަލާލާއިރު، ދިރުމެއް ނެތް މޫނެއް ދެކޭކަށް އެކަކުވެސް ބޭނުންމެއް ނުވާނެ އެވެ. އެންމެވެސް ބޭނުންވާނީ އުޖާލާ ރީތި މޫނެކެެވެ. ނަމަވެސް ސުވާލަކީ އެއްވެސް ކެމިކަލް އެއް ބޭނުން ނުކޮށް، ސައިޑް އިފެކްޓެއްނެތް އެއްޗެއް ބޭނުންކޮށްގެން ހަން އަލި ކުރުމަށް ނުވަތަ ބްލީޗް ކުރެވޭނީ ކިހިނެތްތޯ އެވެ. އެކަން ވާނެބާ އެވެ. ޖަވާބަކީ އާއެނކެވެ. އެކަން ވެދާނެ އެވެ. މާބޮޑު ހަރަދެއް ޖީބުން ދުއްވާނުލައި ގެއިން ލިބެންހުރި އެއްޗެހި ބޭނުންކޮށްގެން ވެސް ހަން އުޖާލާކޮށް ރީތިކޮށްލެވިދާނެ އެވެ. މިއީ އެއްވެސް ކަހަލަ ކެމިކަލް އެއް ނެތް ގުދުރަތީ ތާސީރުން ފުރިފައި ހުރި އެއްޗިއްސެވެ.

އަލުވި ޕެކް

އަލުއްވަކީ ގުދުރަތީ ގޮތުން ބްލީޗް ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އަވިން ގައިގަ ހަން އަނދާ ނުވަތަ ޓޭން ވުމުން ވެސް ހަން އުޖާލާކޮށް ޓޭން ވެފައި ހުންނަ ބައި ފިލުވާލުމަށް އަލުވި ބޭނުން ކުރެވިދާނެ އެވެ. މިގޮތުން އަލުވީގެ ތޮށި މަށާލުމަށްފަހު ތޮށިތައް ރަނގަޅަށް ޕޭސްޓަކަށް ވަންދެން ހިމުން ކޮށްލާށެވެ. އަދި ހިމުން ކުރާއިރު، އޭގެތެރެއަށް ކުޑަ ރޯސްވޯޓާ ފެންފޮދެއް އަޅާލާށެވެ. މޫނު ނުވަތަ ގައިގެ ހަން ކުރަކިވެފައި ހުންނަނަމަ މިޕޭސްޓު ތައްޔާރު ކުރާއިރު، މާމުއި ކޮޅެއް އަޅާލާށެވެ. ނުވަތަ މާބޮޑަށް ތެޔޮ ހަމެއް ނަމަ މާމުއި އަދި ލުނބޯ އަޅާށެވެ. އަދި މޫނާ ކަރުގެ އިތުރުން އަތާއި ފައިގަ ވެސް ޓޭން ވެފައި ހުރި ބައިގައި ޕޭސްޓު އުނގުޅާލާށެވެ. އަދި ޕޭސްޓު ހިކުމުން ރީތި ފެންފޮދަކުން ދޮވެލާށެވެ. މިގޮތަށް ހަފްތާ އަކު ދެފަހަރު ވެސް މި ޕޭސްޓް ބޭނުންކުރެވިދާނެ އެވެ. އަދި މިއީ މޫނުމަތީގައި ހުންނަ ލައްތައް ފިލުވާލުމަށް ވެސް ވަރަށް ރަނގަޅު ފޭސް ޕެކެކެވެ.

ޓޮމާޓޯ ޕެކް

މިއީ ހަމަށް އެންމެ ބޭނުންވާ ވިޓަމިން ސީ އިން ފުރިފައިވާ އެސިޑިކް މޭވާ އެކެވެ. އަދި މިއީ ހަން ޓޯންކޮށް ދޮންކޮށްދޭ މޭވާ އެކެވެ. ޓޮމާޓޯ ތޮށި ނޮޅާމުށްފަހު ރަނގަޅަށް ޗަސްކޮށްލާށެވެ. އަދި ޗަސްކޮށްލުމަށްފަހު ޓޮމާޓޯގެ އޮށްތައް ނަގާލާށެެވެ. ޗަސްކޮށްފައި ހުރި ޓޮމާޓޯގެ ތެރެއަށް އެއް ސަމްސާ ކާޑް އަޅާލުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި ތައްޔާރު ކުރި ޕޭސްޓް މޫނުގައި އުނގުޅާލުމަށްފަހު ރީތިކޮށް ހިކުމުން ފެންފޮދަކުން ދޮވެލާށެވެ. އާންމުކޮށް މި މާސްކް ބޭނުންކުރާނަމަ މޫނުގެ ހަން އަލިކޮށް އުޖާލާކޮށް މޫނުމަތީގައި ހުންނަ ލަކުނުތައް ފިލުވާލަދޭނެ އެވެ.

ކިއުކަމްބާ ބްލީޗް

މިއީ ހަމައެކަނި ލޯކައިރި ކަޅުވުމުން ބޭނުންކުރަންވީ އެއްޗެއް ނޫނެވެ. މޫނު ނުވަތަ ގައިގެ ކޮންމެ ތަނެއް ވެސް އަލިކޮށްލަން ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ކިއުކަމްބާގެ ތޮށި ނޮޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އަދި ކިއުކަމްބާ ޖޫސްގެ ތެރެއަށް އެލޮވެރާ ކޮޅެއް އަޅާލުމަށްފަހު މޫނާއި ކަރާއި އަތާއި ފައިގަ އުނގުޅާލާށެވެ. މިއީ ހަން އަލިކޮށް އުޖާލާކޮށް އޮމާން ކުރުމަށް އެއްވަނައިގެ އެއްޗެކެވެ.

އޮރެންޖް ޕީލް ފޭސް ޕެކް

މިއީ ވެސް ވިޓަމިން ސީ އިން ފުރިފައި ހުރި މޭވާ އެކެވެ. އޮރެންޖްގެ ތޮށި ނޮޅާލުމަށްފަހު އެއްލާލުމުގެ ބަދަލުގައި ބްލީޗްކޮށްލުމަށް ބޭނުން ކުރެވިދާނެ އެވެ. އަދި އޮރެންޖް ތޮށީގައި ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނެ އެވެ. އަކީ ބްލީޗްކޮށް ހަން އަލިކޮށްދިނުމުގައި މުހިންމު ރޯލެއް ކުޅޭ ވިޓަމިން އެކެވެ. އެގޮތުން އޮރެންޖްގެ ތޮށި ރަނގަޅަށް ހިމުން ވަންދެން ބްލެންޑް ކޮށްލާށެވެ. އަދި މާމުޔާއި ރޯސް ވޯޓާ އަޅާލުމަށްފަހު ޕޭސްޓަކަށް ވަންދެން ރަނގަޅަށް މިކްސް ކޮށްލާށެވެ. މި ޕޭސްޓް މޫނުގައި އުނގުޅުމަށްފަހު ހިކެންދެން ބަހައްޓާލާށެވެ. ގަވައިދުން މި މާސްކް ބޭނުން ކުރާނަމަ މޫނުގެ ހަން އުޖާލާކޮށް ރީތިކޮށްދޭނެ އެވެ.

ލުނބޯ

މިއީ ބްލީޗް ކުރުމަށް އެންމެ ގިނައިން ބޭނުންކުރާ އެކައްޗެކެވެ. ވިޓަމިން ސީ އިން ފުރިފައިވާ ލުނބޮޔަކީ ބްލީޗް ކުރުމަށް ލިސްޓުގައި އެއްވަނައިގައި ހިމެނޭ އެއްޗެކެވެ. އަދި މިއީ އެ އެއްޗެއް ބޭނުން ކުރުމުން އެންމެ އަވަހަށް އޭގެ ފައިދާ ފެންނަ އެކައްޗެވެ. ލުނބޮޔަކީ އެއްވެސް އެއްޗެއް ނާޅާ ހަމައެކަނި ލުނބޯ ދިޔަ އެކަނި ބޭނުންކޮށްގެން ވެސް ބްލީޗް ކޮށްލެވިދާނެ އެވެ. ނަމަވެސް ލުނބޯ ހުތުގެ ތެރެއަށް މާމުޔާއި ކާޑް އެޅުމުން ލުނބޯގައި ހިމެނޭ އެސިޑިކް ބައި ކުޑަކޮށް ގުދުރަތީ ތާސީރުގެ އަސަރު އިތުރަށް ރަނގަޅު ވެގެންދާނެ އެވެ. މި ފޭސްޕެކްއަކީ ހަފްތާއަކު އެއްފަހަރު ބޭނުންކޮށްލުމަށް ވަރަށް ރަނގަޅު މާސްކެކެވެ. އަދި ލުނބޯ ފޭސްޕެކް އެއް ބޭނުންކުރާނަމަ ރަނގަޅު މޮއިސްޗަރައިޒާ އެއް ބޭނުން ކުރަން އާދަކުރަންވާނެ އެވެ. އަދި އަބަދުވެސް އަތްވަތް ނުކުތުމުގެ ކުރިން ސަން ސްކްރީން ބޭނުން ކުރަންވާނެ އެވެ.

އޯޓްމީލް ބްލީޗިން

މިއީ ހަމުގައި ހުންނަ ވިހަ މާއްދާތަކާއި ހަޑިތައް ސާފުކޮށްލުމަށް އެންމެ ރަނގަޅު އެކައްޗެކެވެ. އޯޓްމީލް ބްލީޗިން ހާއްސަވަނީ ތަންކޮޅެއް ހަމުން ކަޅު މީހުންނަށް ރަނގަޅު ބްލީޗެކެވެ. އޯޓްމީލް ބްލީޗްގެ އަސަރު ވަރުގަދަ ކުރުމަށްޓަކައި ޔޯގަޓް އަދި ލުނބޯ ބޭނުންކުރެވިދާނެ އެވެ. އަދި މޮއިސްޗަރައިޒް ކުރުމަށް އޮލިވް އޮއިލް ބޭނުން ކުރެވިދާނެ އެވެ. މި މާސްކް ތައްޔާރު ކުރުމަށް ބޭނުންވާނީ ދެ ސަމްސާ އޯޓްމީލް، އެއްސަމްސާ ޔޯގަޓް އަދި ދެ ސަމްސާ ލުނބޯ ހުތުގެ ތެރެއަށް އެއް ސަމްސާ ޒައިތޫނި ތެޔޮ އަޅާލުމަށްފަހު ޕޭސްޓެއް ގޮތަށް ތައްޔާރުކޮށްލާށެވެ. މި މާސްކް މޫނުގައު އުނގުޅާލުމަށްފަހު ހިކެންދެން މަޑުކޮށްލާށެވެ. އަދި ފެންފޮދަކުން މޫނު ދޮވެލުމަށްފަހު މޮއިސްޗަރައިޒާއެއް ބޭނުން ކުރާށެވެ. މި މާސްކް ހަފްތާއަކު ދެ ފަހަރު ބޭނުންކުރާނަމަ މޫނުގެ ހަން އަލިކޮށްދޭނެ އެވެ. އަދި ލަކުނު ފިލުވާލުމަށް ވެސް މި މާސްކް ބޭނުން ކުރެވިދާނެ އެވެ.