އަންނަ އަހަރު ފުޓްބޯޅަ ސީޒަން ފެބްރުއަރީ މަހު ފަށާ ގޮތަށް ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
މިއަހަރު ސީޒަން ފަށާފައި ވަނީ އޭޕްރީލް ފަސް ވަނަ ދުވަހުއެވެ.
އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުގައި ބައްސާމް ވިދާޅުވީ މިއަހަރު ސީޒަން ލަހުން ނިމުމުން އަންނަ އަހަރު ސީޒަން އެންމެ އަވަހަށް ފެށޭނީވެސް ފެބްރުއަރީ މަހު ކަމަށެވެ.
"މިއަހަރުގެ ސީޒަން މިނިމުނު ގޮތުން ކުލަބުތަކަށް ތައްޔާރުވަން މި ލިބޭނީ ގާތްގަނޑަކަށް ދެ މަސް. އޭގެ ތެރެއިން ޑިސެމްބަރު މަސް ދާނީ ޓްރަންސްފާ މާކެޓްގައި. ޖެނުއަރީ މަހު ޓްރެއިނިންގް ފެށޭނީ ވަރަށް މަދު ބަޔަކަށް. އެހެންވެއްޖެއްޔާ ވަރަށް އުނދަގުވާނެ ޖެނުއަރީ މަހުގެ މެދުތެރެ ނުވަތަ ފަހު ކޮޅު ސީޒަން ފަށައިގަންނަން،" އޭނާ ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރާ ދެ ކުލަބުންވެސް ސީޒަންގައި އެންމެ ފުރަތަމަ ކުޅޭ މެޗަކީ އޭއެފްސީ ކަޕެވެ. ނަމަވެސް ރާއްޖޭގެ ކުލަބުތަކާ ދެކޮޅަށް ކުޅެން އަންނަ އެހެން ގައުމުތަކުގެ ކުލަބު ތަކުން އަންނަނީ އެ ގައުމުތަކުގެ ސީޒަންގައި އަށް ވަރަކަށް މެޗް ކުޅުމަށްފަހު އެވެ.
މިއަހަރު އޭއެފްސީ ކަޕްގައި ވާދަ ކުރި ނިއުރޭޑިއަންޓާއި މާޒިޔާގެ ކޯޗުން ސްޓާފުންވެސް ބުނެފައިވަނީ އޭއެފްސީ ކަޕްގައި ރާއްޖޭގެ ކުލަބުތަކަށް ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދާން ބޭނުން ނަމަ، ދެ ކުލަބަށް ގިނަ މެޗް ތަކެއް ލިބޭނެ ގޮތަކަށް އިންތިޒާމު ކުރަން ޖެހޭ ކަމަށެވެ.
"ކުރިއަށް އޮތް އަހަރުތަކުގައި އޭއެފްސީ ކަޕަށް ދާ ދެޓީމަށް ރަނގަޅު މެޗްތަކެއް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ސީޒަން އެކުލަވާލާނަން."
ބައްސާމް އިތުރަށް ވިދާޅުވީ އަންނަ އަހަރު ފުޓްބޯޅަ ކަލަންޑަރުގައި ފީފާގެ ހުރިހާ ބްރޭކެއް ގައުމީ ޓީމަށް ހުސް ކުރެވިފައިވާނެ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ފީފާގެ ހުރިހާ ބްރޭކްތަކެއް ވަނީ ގައުމީ ޓީމަށް ހުސް ކުރެވިފަ. އެ ދުވަސްކޮޅު ގައުމީ ޓީމުގެ މެޗެއް އޮތް ކަމުގައި ވާނަމަ ގާތްގަނޑަކަށް މަދުވެގެން ހަފުތާއެއް އެބައޮތް ގައުމީ ޓީމުތަކުގެ ޓްރެއިނިން އަށް ހަމަޖައްސާފަ،" އޭނާ ވިދާޅުވިއެވެ.