އެހެން މީހެއްގެ ހައްގު ރައްކާތެރިކޮށްދެވޭނީ ތިމާގެ އަމިއްލަ ހައްގާއި އަބުރު ރައްކާތެރިކުރެވިގެން ކަމަށާއި، އަބުރު ރައްކާތެރިކުރުމުގެ ހައްގު ފަދަ މުހިއްމު ހައްގެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަންޖެހުނީ އެ ސަބަބަށްޓަކައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، ހައްގުތައް ހިމާޔަތްކޮށް، ވަކި ފަރުދުންގެ ހައްގުތަކަށް މިއަދުގެ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމުގެ މިނިވަންކަން ގާނޫނު އަސާސީން ހޯދައިދީފައިވާއިރު، ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން މުޖުތަމައުގެ ކަންކަން ރަނގަޅުކުރުމަށް ލިބިދޭންޖެހޭ ހައްގުތައްވެސް ރާއްޖޭގައި ފުރިހަމައަށް ލިބިދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ހައްގުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ހައްގަކީ އިއްޒަތާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ކަމަށެވެ. އެ ދެ ކަންތައް ރައްކާތެރި ނުކުރެވިއްޖެނަމަ އެހެން މީހެއްގެ ހައްގާއި އަބުރު ހިމާޔަތްކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމާ އެކު ނަމާ އަބުރު ރައްކާތެރިކުރުމުގެ މިނިވަންކަން ވެސް އެއްވަރަކަށް ހޯދައިދޭންޖެހޭ އިރު، މިހާތަނަށް އެކަން ވަރަށް ބޮޑަށް ހަނދާންނެތިކޮށްލާފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"ތިމާގެ އަމިއްލަ އިއްޒަތާއި އަބުރު ރައްކާތެރިކުރުމަށްވުރެ މުހިއްމު ކަމެއް ނެތް. އިއްޒަތާ އަބުރު ރައްކާތެރި ނުކުރެވިއްޖެނަމަ އެހިސާބުން އެހެން މީހެއްގެ ހައްގެއް ހޯދަދިނުމާ ބެހޭ ވާހަކަ ޖެހޭނީ ހުއްޓާލަން. އެހެން މީހެއްގެ ހައްގަށް ވަކާލާތު ކުރަން، އެމީހުންގެ ކުރިމަށްޗަށް ނިކުމެވޭނީ، އެ ހައްގު ހޯދަދޭން އިއްޒަތާއި އަބުރާއެކު މީހުންގެ ކުރިމަށްޗަށް ނިކުމެވޭނެ ހިއްވަރު ލިބިގެން، އެކަން މިއަދުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައި،" އަޒްލީން ވިދާޅުވި އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅިގެން ބޭރުގެ ފަރާތްތަކުން ދައްކާ ވާހަކަތަކަށް އިޝާރާތްކުރައްވައި އަޒްލީން ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީގެ ތެރެއިން މުޖުތަމައަކަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ރާއްޖޭގައި ފުރިހަމަ ނޫން ކަމަށް ބުނެ ދައްކާ ވާހަތަކަކީ އަސާސެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. ޑިމޮކްރަސީގެ ބައެއް ހައްގުތައް ރާއްޖޭގައި އުނިވެފައިވާ ކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ ފައްކާ ކުރަމުންދާނީ އިސްލާމީ ތަރަހައިގެ ތެރޭގައި ކަމަށް އަޒްލީން ވިދާޅުވި އެވެ.
"މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަގްސަދަކީ އެއްވެސް މީހަކު ނުހައްގުން މަރާލުމަށްވުރެ ބޮޑަށް އެންމެންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ކަމަކަށް ވާތީ ރާއްޖޭގެ ރައްޔިތުން މިކަންކަމާ ދޭތެރޭ ހޭލާ ތިބެންޖެހޭ ކަމަށެވެ. މިއަދު ކުރިމަތިވާ ގޮންޖެހުމަކީ ޑިމޮކްރަސީން ކަށަވަރުކޮށްދޭ ބައެއް ހައްގުތައް ރާއްޖޭގައި ނެތްކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ބުނަމުން ދިއުން. އެކަމަށް ޖަވާބުދާރީ ވާންޖެހޭ،" އަޒްލީން ވިދާޅުވި އެވެ.
އެހެން ގައުމުތަކުގައި އެއް ޖިންސުން ކައިވެނިކުރުމާއި އެބޯޝަން ހުއްދަކުރުމާއި އެފަދަ އެހެންވެސް އިސްލާމްދީނާ ހިލާފު ކަންކަން ޑިމޮކްރަސީގެ ނަމުގައި ހުއްދަކޮށްފައިވީ ނަމަވެސް އެކަންކަމަށް ރާއްޖޭގައި އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް އަޒްލީން ވިދާޅުވި އެވެ. އޭނާ ވަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ގޮންޖެހުމަކަށް ވެފައިވާ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ދާއިރާއިން ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައި ކަމާބެހޭ ފަރާތްތަކަށް މަރުހަބާ ދަންނަވާފަ އެވެ.