ޝަރުއީ ދާއިރާ

ކޯޓްތަކުގެ ރަޖިސްޓްރާއިން ގާނޫނުލް އުގޫބާތަށް އަހުލުވެރިކުރުވަނީ

Dec 10, 2016

މާލޭގެ ކޯޓްތަކުގައި މަސައްކަތް ކުރާ ރަޖިސްޓްރާއިންނާއި ލީގަލް މުވައްޒަފުން ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުވުމުގެ ސެމިނާރެއް ފަށައިފި އެވެ.

ޖުޑީޝަލް އެކަޑަމީ އިން އިންތިޒާމުކުރި މި ސެމިނާ އިއްޔެ ފެށި އިރު، ހަތަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާނެ އެވެ. އެ އެކަޑަމީން ބުނީ މި ސެމިނާގައި ގާނޫނުލް އުގޫބާތަށް ހޭލުންތެރި ކުރުވުމާއެކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ގާނޫނުލް އުގޫބާތް ތަންފީޒުވަމުންދާ ގޮތާއި އެ ގާނޫނުގެ މުސްތަލަހުތަކާއި މަފުހޫމްތަކާއި އުސޫލުތަކުގެ މައުލޫމާތުދީ މުއްސަނދިކޮށްދޭނެ އެވެ.

މި ސެމިނާގައި ހައިކޯޓާއި ސުޕީރިއާ ކޯޓްތަކުގެ ރަޖިސްޓްރާއިންނާއި ލީގަލް މުވައްޒަފުންގެ ތެރެއިން 27 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ސެމިނާގައި ޖުޑީޝަލް އެކަޑަމީގެ އެކްޓިން ޗާންސެލާ އަހުމަދު މާޖިދާއި ހައިކޯޓްގެ ފަނޑިޔާރު އަބްދުއް ރައޫފު އިބްރާހީމާއި ކްރިމިނަލް ކޯޓްގެ ގާޒީ އާދަމް އާރިފް މައުލޫމާތު ދެއްވަ އެވެ.

ޖުޑީޝަލް އެކަޑަމީން ވަނީ މިދިއަ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ހަތް އަތޮޅެއްގެ މެޖިސްޓްރޭޓުންނަށް އަމާޒުކޮށް ވެސް ގާނޫނުލް އުގޫބާތާބެހޭ ތަމްރީނު ޕްރޮގްރާމެއް ހިންގާފަ އެވެ.