ރިޕޯޓް

ސިލްކް ރޫޓުން ރާއްޖެއަށް ތަރައްގީ ގެނެވޭނެތަ؟

  • ސިލްކް ރޫޓްއާ އެކު ރާއްޖެއަށް ފައިދާ ބޮޑު
  • އުމްރާނީ ތަރައްގީތަކެއް ރާއްޖެއަށް ހޯދޭނެ
  • ގިނަ ސިނާއަތްތައް ފުޅާކުރަން ފުރުސަތެއް

"ސިލްކް ރޫޓަށް ފެތޭ ގޮތަށް ދެ ގައުމުގެ ތަރައްގީގެ ވިސްނުން ބައްޓަން ޖެހޭ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ބައްދަލުކުރައްވައި ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޝިންގް ޑިޖެންގް ރާއްޖެއަށް ދެއްވި އިރުޝާދަކީ މިއީ އެވެ. ސިލްކް ރޫޓް ނުވަތަ ވަން ބެލްޓް ރޫޓަކީ ޗައިނާގެ ބިޔަ މަޝްރޫއުއެކެވެ. އެ މަޝްރޫއުގައި ރާއްޖެ ވެސް ވަނީ ބައިވެރިވެފަ އެވެ. އެހެނަސް ރާއްޖޭގެ ތަރައްގީއާ އެ ރޫޓާއި ގުޅުނީ ކިހިނެއް ހެއްޔެވެ؟ ނޫނީ ރާއްޖޭގެ ތަރައްގީ އެ ރޫޓަށް ފެތޭ ގޮތަށް ބައްޓަން ކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟

ސިލްކް ރޫޓްގައި ރާއްޖެ ވެސް ބައިވެރިވާއިރު އެ ރޫޓްގެ ކަނޑުގެ ރާސްތާގެ އެންމެ މުހިންމު އެއް ބަނދަރަކީ ރާއްޖެ އެވެ. ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އަބަދުވެސް ރާއްޖެއަކީ އެހެން ގައުމުތަކަށް މުހިންމު ގައުމެކެވެ. އިންޑިއާ އާއި ޑިއާގޯ ގާސިއާ ދެމެދު އޮންނަ މި ކުޑަކުޑަ ގައުމު ޗައިނާގެ އެ ބިޔަ މަޝްރޫއުގެ މުހިންމު މަންޒިލަކަށް ވެސް ވަނީ އެހެންވެ އެވެ.

އެ މަގުގެ ބޭނުން ހިފައި، ރާއްޖެއަށް އިގުތިސޯދީ އަދި އުމްރާނީ ތަރައްގީތަކެއް ގެނެސްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ 2014 ވަނަ އަހަރު އެ ރޫޓާ ގުޅިފަ އެވެ. އެއާއެކު މީގެކުރިން ރާއްޖޭގައި ނުހިނގާފަދަ ބިޔަ ބޮޑު ދެ މަޝްރޫއަކަށް ޗައިނާއިން ވަނީ އެހީވެފަ އެވެ. ޗައިނާގެ ސިލްކް ރޫޓް މަޝްރޫއުގެ ދަށުން ރާއްޖޭގައި ބުރިޖަކާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އެ ދަނީ ކުރަމުންނެވެ. އަދި ވެސް އެފަދަ މަޝްރޫއުތައް އަންނާނެ ކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ. މިހެން ކަންކަން އޮތްއިރު މި މަޝްރޫއުގެ ދަށުން ރާއްޖެއަށް ފައިދާ ނުވާނެ އެއްވެސް ސަބަބެއް ނެތެވެ.

އެވޭލާ ޒަމާނުގެ ސިލްކް ރޯޑަކީ އިރުމަތީ ބިތުގެ ގައުމުތަކާއި ހުޅަނގު ބިތުގެ ގައުމުތަކާ ދެމެދު ސިލްކް ފަދަ ތަކެތި ވިޔަފާރީކުރުމަށް ބޭނުންކުރި ރޫޓެއް ނަމަވެސް ޗައިނާއިން މިހާރު އިސްނަގައިގެން ގާއިމުކުރަން މަސައްކަތް ކުރަމުންދާ ސިލްކް ރޫޓަކީ އެއަށްވުރެ މާ ފުޅާ ބިޔަ މަޝްރޫއެކެވެ. މިހާރު ވެސް އެ ރޫޓްގެ ސަބަބުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޮޑު އިންގިލާބެއް ވަނީ އައިސްފަ އެވެ. ކުރިމަގުގައި އަންނާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ސިލްކްރޫޓް ބެލްޓްގައި ހިމެނޭ ގައުމުތަކުގައި އިންފްރާސްޓްރަކްޗާ ބިނާކޮށްދިނުމަށް 10 އަހަރު ތެރޭގައި 2.5 ޓްރިލިޔަން ރުފިޔާއަށްވުރެ އިތުރަށް އިންވެސްޓްކުރާނެ ކަމަށް ޗައިނާއިން ބުނެފައިވާތީ އެވެ.

އޭޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބަދީއެއް ހިއްސާކުރާ ބައްރެވެ. ވަސީލަތްތަކާއި އުފެއްދުންތައް ވެސް އެންމެ ގިނަ ބައްރެވެ. ބިޔަ ބޮޑު ދެ އިގްތިސޯދު ވެސް އޭޝިއާގައި އެބަ އޮތެވެ. ނަމަވެސް އޭޝިއާއަކީ ކުރިއަރާފައިވާ ބައްރެކޭ ނުބުނެވޭނެ އެވެ. ވަސީލަތްތައް ގިނަ އިރު ވެސް އޭޝިއާ އެންމެ ކުރީގައި ނެތީ ކީއްވެ ހެއްޔެވެ؟ ގައުމުތަކުގެ ދެމެދު އެންމެ އެކަށީގެންވާ ގުޅުން ނެތުމުންނެވެ. އެކުގައި މަސައްކަތްތައް ނުކުރެވޭތީ އެވެ. ވިޔަފާރީގެ ފަހި މާހައުލެއް ވެސް ނެތީމަ އެވެ.

ޔޫރަޕް ވެސް ތަރައްގީވެ، އެންމެ ކުރިއަރާފައިވާ ބައްރަކަށްވެގެން ދިޔައީ އެކުގައި ކުރި މަސައްކަތުންނެވެ. އީޔޫ އުފައްދައިގެން އެއް ގައުމު އަނެއް ގައުމަށް އެހީވެގެން އެކުގައި ތަރައްގީއަށް މަސައްކަތްކުރުމުންނެވެ. ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށްގެންނެވެ. ހަމައެފަދައިން މުޅި އޭޝިއާ ވިޔަފާރީގެ ބިޔަ ވިޔުގަޔަކުން ގުޅާލުމަށް ޗައިނާއިން އިސްނަގައިގެން މިކުރާ މަސައްކަތުގެ ސަބަބުން އުފެދޭ ވަރުގަދަ ރޫޓަށް ގޮންޖަހާލެވޭނެ އެއްވެސް ބައެއް ނުތިބޭނެ އެވެ. ތުރުކީ އާއި ރަޝިއާ ވެސް ބައިވެރިވާ އެ ރޫޓް ވެގެން ދާނީ އެންމެ ބާރުގަދަ އެއް މަގަށެވެ.

ސިލްކް ރޫޓް މަޝްރޫއުގެ ދަށުން އެއްގަމާއި ކަނޑުގެ މަގުތަކާއި ބަނދަރުތައް ބިނާކޮށް ދަތުރުފަތުރަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެ އެވެ. ކަނޑު މަގުން ގާއިމުކުރާ ސިލްކް ރޫޓުން ރާއްޖެ އާއި ޕާކިސްތާނު ސީދާ ގޮތުން ގުޅާލަ އެވެ. އެ ރޫޓް ފެށިފައިވަނީ ސޫދާނުންނެވެ. ސޫދަނުން ޕާކިސްތާނަށެވެ. ޕާކިސްތާނު ރާއްޖެއަށް އަދި ދެން ލަންކާއަށެވެ. އެއަށްފަހު ބަންގްލަދޭޝް، މިޔަންމާ އަދި މެލޭޝިއާ ގުޅުވާލުމަށްފަހު އެ ރޫޓްގެ ނިމުން އަންނަނީ ޗައިނާއަށެވެ. މި ރޫޓްގެ އިންޑިއާ ކަނޑުގެ މެދުގައި އޮތް ގައުމަކީ ރާއްޖެ އެވެ. އެ ރޫޓުން ދަތުކުރާ ބިޔަ އުޅަނދުފަހަރު އިންޑިއާ ކަނޑުން އަރަބި ކަނޑަށް ނިކުންނާނީ ރާއްޖެ ފަހަނައަޅާފަ އެވެ. މި ރޫޓުން ޗައިނާއިން އޭޝިއާގެ ދެކުނަށާއި ހުޅަނގަށް، އެފްރިކާ އަދި ޔޫރަޕަށް މުދާ އުފުލާނެ އެވެ. އެ ގައުމުތަކުން ޗައިނާއަށް މުދާ އުފުލާނީ ވެސް އެ ރޫޓުންނެވެ. މި މަގުން ކުރެވޭ ވިޔަފާރީގެ އަގު ޓްރިލިއަން ޑޮލަރަށް އަރައިގެން ދާނެ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.

އެހެންކަމުން އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ އަގު ހުރި މުދާ އުފުލާ ބޯޓުފަހަރުތަކަށް ރާއްޖޭގެ ބަނދަރުތަކުން ހިދުމަތް ފޯރުކޮށްދޭންޖެހޭނެ އެވެ. އެ ފެންވަރުގެ ބަނދަރުތައް ރާއްޖޭގައި ގާއިމުކުރުމަށް މަޖުބޫރުވެގެންދާނެ އެވެ. އެތައް ބަނދަރުތައް އެޅުމަށް ޗައިނާއިން އެހީވެސްވާނެ އެވެ. އެކަން އެނގެނީ އެ ރޫޓްގެ މައި ބަނދަރެއް ގާއިމުކުރަން ޖެހޭ މެލޭޝިއާއަށް ވެސް ޗައިނާއިން ވަނީ ޒަމާނީ ބަނދަރުތައް ބިނާ ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެވެ. އަވަށްޓެރި ލަންކާގައި ގާއިމުކުރާ "ކޮލޮމްބޯ ޕޯޓް ސިޓީ"އަށް ވެސް ޗައިނާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ އެހީއެއްވެފަ އެވެ.

ރާއްޖެއަށް އަމިއްލައަށް ނޭޅޭ ފެންވަރުގެ ބަނދަރުތަކެއް މި މަޝްރޫއުގެ ދަށުން ގާއިމުކުރެވިއްޖެނަމަ އެތައް ގިނަ ފަހި ފުރުސަތުތަކެއް ރާއްޖެއަށް ހުޅުވިގެންދާނެއިރު ވިޔަފާރީކުރުމުގެ ފަހި ފުރުސަތުތަކެއް ވެސް ރާއްޖެއަށް ހުޅުވިގެންދާނެ އެވެ. ބޮޑެތި ބޯޓުފަހަރުތައް ރާއްޖެއަށް ބަނދަރުކުރާނެ އެވެ. ރާއްޖޭއާ އެހެން ގައުމުތަކާ ސީދާ ގޮތުން ކަނޑުމަގުން ގުޅާލެވުމާއެކު ރާއްޖޭގެ އުފެއްދުންތައް ވެސް އެ ގައުމުތަކަށް ފޮނުވުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިގްތިސޯދީ މާހިރުން ދެކެ އެވެ.

ހަމައެހެންމެ ރާއްޖޭގެ ޖީޑީޕީ އިތުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ، އެފަދަ ބަނދަރުތަކެއް ގާއިމުކުރެވިއްޖެނަމަ އެ ސަރަހައްދުތަކުގައި ފެކްޓްރީތައް ގާއިމުކޮށް އެ ފެކްޓްރީތަކުން ނަފާ ހޯދުމަށް ފަސޭހަވެ، ބަނދަރުންދޭ ހިދުމަތްތަކުން ނެގޭ ޓެކްސްތަކުން ރާއްޖެއަށް އާމްދަނީ ހޯދޭނެތީ އެވެ.

ރާއްޖެއަށް ފައިދާ ވަނީ ހަމައެކަނި ކަނޑު މަގުގެ ރޫޓަކުން ނޫނެވެ. ސިލްކް ރޫޓް މަޝްރޫއުގެ ދަށުން "ޗައިނާ ޕާކިސްތާނު އެކޮނިމިކް ކޮރިޑޯ"ގެ ނަމުގައި ރެއިލްވޭއަކުން ޗައިނާ އަދި ޕާކިސްތާނު ގުޅާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެއީ ވެސް ރާއްޖެއަށް ފަސޭހަތަކެއް ވެގެންދާނެ ރާސްތާއަކަށްވުން ވަރަށް ގާތެވެ. އެއީ ކަނޑު މަގުން ރާއްޖެ އާއި ޕާކިސްތާނު ގުޅިފައިވާއިރު އެ ރެއިލްވޭއާ ވެސް ރާއްޖެ ގުޅިފައިވުމުންނެވެ. ރާއްޖެއިންދާ ބޯޓުފަހަރުތަކަށް ޕާކިސްތާނު ބަނދަރުގައި މަޑުކުރެވޭނެ އެވެ. އެ ބަނދަރާއި ޗައިނާގެ ކާށިއާ ގުޅާލާފައިވަނީ އެ ރެއިލްވޭ މަގުންނެވެ.

އޭގެއިތުރަށް އިންޑިއާ، ބަންގަލަދޭޝް، މިޔަންމާ އަދި ޗައިނާ ވެސް އެއްގަމު މަގުން ރެއިލް އަދި ޓްރަކްތަކުގެ ރާސްތާއަކުން ގުޅާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންވެއްޖަނަމަ ވެސް މިޔަންމާ، ބަންގަލަދޭޝް ފަދަ ގައުމުތަކުން އިންޑިއާއަށް މުދާ ގެނެސް އެ މުދާތައް އިންޑިއާއިން ރާއްޖެއަށް ގެނައުމަށް ފަސޭހަވާނެ އެވެ. އަދި ރާއްޖޭގެ އުފެއްދުންތައް އެ ގައުމުތަކަށް ވިއްކުމުގެ މަގު ވެސް ތަނަވަސްވެގެންދާނެ އެވެ.

ސިލްކް ރޫޓް މަޝްރޫއުގެ ދަށުން ސަރަހައްދުގައި ވިޔަފާރިއަށް ހުރި އެކިއެކި ހުރަސްތައް ނައްތައިލައި، ވިޔަފާރިއާއި އިންވެސްޓްމަންޓަށް ހުރި ގޮންޖެހުންތައް މަދު ކޮށް ހަރަދު ކުޑަ ކުރުމަކީ ވެސް ޗައިނާގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ސަރަހައްދަށް ހާއްސަ އެއްޗެހި އެތެރެކުރުމުގައި ބަލާ ސްޓޭންޑާޑެއް ހެދުމަށް ޗައިނާގެ ވިސްނުން އެބަ ހުއްޓެވެ. މި މަޝްރޫއުގެ ދަށުން ހުރިހާ ގައުމުތަކަށް ވެސް އެއް ސްޓޭންޑާޑެއް ހެދުމަށް މަޝްވަރާކުރެވިގެން ދާނެ ކަމަށްވެ އެވެ. އެއީ އެ ސްޓޭންޑާޑް ވެގެން ދާނީ އީޔޫ ސްޓޭންޑާޑެއް އޮންނަ ފަދައިން އޭޝިއާ ސްޓޭންޑާޑަށެވެ. އަދި ގައުމުތަކުގެ ދެމެދުގައި ފްރީ ޓްރޭޑް އެގްރިމެންޓްތައް ގާއިމުކުރެވިގެން ވެސް ދާނެ އެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ވެސް އެ އެއްބަސްވުމުގައި ސޮއިކުރުމަށް މަސައްކަތްތައް ކުރަމުންދާއިރު، އޭގެ ސަބަބުން ދެ ގައުމަށް ވިޔަފާރީކުރުމުގެ ބޮޑެތި ފަސޭހަތަކަކާއި ލުއިތަކެއް ލިބިގެންދާނެ އެވެ.

ގައުމުތަކުގެ މާލީ އެއްބާރުލުން އިތުރުކުރުމަށް ވެސް ޗައިނާއިން ވަނީ ވިސްނާފަ އެވެ. އެގޮތުން ގައުމުތަކުގެ ފައިސާ ތަފާތުވުމުން ދިމާވާ އެކިއެކި ގާނޫނީ އަދި އިދާރީ މައްސަލަތައް ހައްލު ކުރުމަށާއި ފައިސާ ތަފާތުވުމުން ދިމާވާ ދަތިތަކާއި ހުރަސްތައް ކުޑަކުރުމަށް ސިލްކް ރޫޓް މަޝްރޫއުގެ ދަށުން މަސައްކަތްތައް ކުރާނެ އެވެ. އަދި ވާދަވެރި ވިޔަފާރިއަކަށް މާލީގޮތުން މަގު ތަނަވަސް ކުރުމަށް ވެސް ޗައިނާއިން މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ސިލްކް ރޫޓްގެ އެއް މަގުސަދަކީ އޭޝިޔާގެ ގައުމުތަކުގެ އެކުވެރިކަމާއި އެއްބާރުލުން ވަރުގަދަކޮށް ހުރިހާ ގައުމަކަށް ވެސް އިގުތިސޯދީ ގޮތުން ފައިދާތައް ހޯދުން،" ޗައިނާގެ ރައީސް ޝީޖިން ޕިން ވިދާޅުވެފައިވެ އެވެ. އެހެންކަމުން ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުންގެ އެއް ބަޔަކު އަނެއް ބަޔަކާ އޮންނަ ސަގާފީ ގުޅުންތައް ވަރުގަދަ ކުރުމަކީ ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމެކެވެ. މީގެ ސަބަބުން މީހުން ބިނާކުރުން ފަދަ މަސައްކަތްތައް ވެސް ކުރުމަށް ނިންމާފައިވެ އެވެ.

މިހާ ބިޔަ މަޝްރޫއުތަކާއި ގިނަގުނަ ފައިދާތައް ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު އޭގެ ބޭނުންނުހިފާ ތިބުން ވާނީ މޮޔަ ކަމަކަށެވެ. އޭގެ ބަދަލުގައި ރޫޓްގައި ރާއްޖެއަކީ މުހިންމު މަންޒިލަކަށްވާއިރު އޭގެ ފުރިހަމަ ބޭނުން ހިފައި، ގެނެވެން އޮތް ތަރައްގީއެއްވިޔާ ގެންނަން ޖެހެ އެވެ. ސިލްކް ރޫޓަށް ފެތޭ ގޮތަށް ރާއްޖޭގެ ތަރައްގީގެ ވިސްނުންތައް ބަހައްޓެން ޖެހެނީ އެހެންވެ އެވެ.