ބޭރު ކުޅިވަރު

ރާމޯސް އަނެއްކާވެސް އިތުރު ވަގުތުގައި ޖެހި ގޯލާއެކު ޒިދާން އަށް ރެކޯޑެއް

Dec 11, 2016

ޑިޕޯޓިވޯ ލަކަރުނީއާ ކޮޅަށް ފަހުވަގުތުގައި ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ޖެހި ލަނޑާ އެކު ރެއާލް މެޑްރިޑް ކޯޗް ޒައިނުއްދީން ޒިދާންގެ ޓީމުން ރެއާލްގައި އޮތް ބަލިނުވުމުގެ ރެކޯޑް މުގުރާލައިފިއެވެ.

ޒިދާން ވަނީ ބަލި ނުވެ 35 މެޗް ފުރިހަމަ ކޮށްފައެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނަނީ ރެއާލްގެ ކުރީގެ ކޯޗް ލިއޯ ބެންހެކާ އަތުގައެވެ. 1888-1989 ވަނަ އަހަރު އޭނާ ވަނީ ބަލިނުވެ 34 މެޗް ފުރިހަމަ ކޮށްފައެވެ.

"އަހަރެމެންނަށް އެނގޭ މިރޭ އަހަރެމެން ކުރި ގޮތަށް އަހަރެމެންނަށް ބޮޑެތި ކަންތައް ކުރެވޭނެ ކަން، ބަލިނުވެ 35 މެޗް ފުރިހަމަ ކުރުމަކީ ވަރަށް ބޮޑު ސްޓްރެންތެއް، މާދަމާ އަހަރެމެން ބަލިވެދާނެ، އެކަމަކު މި ޓީމު އަބަދުވެސް ގަބޫލު ކުރަނީ މި ޓީމަށް ވާނެ ކަން." މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.

ރެއާލް 3-2 ގެ ނަތީޖާ އަކުން މެޗުން މޮޅުވީ ޑިޕޯޓިވޯ އިން ކުރިގައި ވަނިކޮށެވެ. ފުރަތަމަ ލަނޑު ރެއާލް އަށް ކާމިޔާބު ކޮށްދިނީ މެޗްގެ 50 ވަނަ މިނެޓްގައި އިސްކޯ ތަނަވަސްކޮށްދިން ފުރުސަތަކުން އަލްވާރޯ މޮރާޓާއެވެ.

މެޗްގެ 63 ވަނަ މިނެޓްގައި ރެއާލްގެ ޑިފެންސިވް މިޑްފީލްޑާ ކެސެމީރޯ އަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ޑިޕޯޓީވޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކުރިން ރެއާލް ކުލުނު ހޮޒެލޫއެވެ.

އޭގެ ދެ މިނެޓް ފަހުން ޑިޕޯޓިވޯ އަށް ލީޑް ނަގައިދިނީ ވެސް ހޮޒެލޫއެވެ.

މެޗްގެ 84 ވަނަ މިނެޓްގައި ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަރިއާނޯ ޑިއަޒްއެވެ. ރާމޯސް ބޮލުން ލަނޑު ޖެހީ މެޗްގެ 92 ވަނަ ޓޯނީ ކްރޫޒް ނެގި ކޯނަރަކުން ތަނަވަސްވި ބޯޅަ އަކުންނެވެ. މިއީ މިދިޔަ ދެ ހަފުތާ ތެރޭގައި މެޗްގެ ފަހު ވަގުތު ރާމޯސް ބޮލުން ކާމިޔާބު ކުރި ދެ ވަނަ ލަނޑެވެ.

ބާސާ އަށް އިތުރު ފަރަގެއް ނުދިން

ރޭ ކުޅުނު ފުރަތަމަ މެޗްގައި އޮސަސޫނާ އާ ދެކޮޅަށް 3-0 ގެ ނަތީޖާ އަކުން މޮޅުވުމުން ބާސެލޯނާ އޮތީ ރެއާލްއާ ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފައެވެ.

ބާސާގެ ފުރަތަމަ ލަނޑު ލުއިސް ސުއަރޭޒް ކާމިޔާބު ކުރިއިރު އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ލިއޮނަލް މެސީއެވެ.

ރޭ ރެއާލްއާ ޑިޕޯޓިވޯ ކުޅުނު މެޗްގެ 80 ވަނަ މިނެޓަށް އެޅިއިރުވެސް ޑިޕޯޓިވޯ މޮޅުވެފައި އޮތުމުން ގިނަ ބަޔަކު ހީކުރީ މެޗް ނިމޭނީ އެ ނަތީޖާއިން ރެއާލް ބަލިވެ ބާސެލޯނާ އާ ދެމެދު އޮތް ހަ ޕޮއިންޓްގެ ފަރަގު ތިން ޕޮއިންޓަށް ކުޑަވެގެން ކަމަށެވެ.

ނަމަވެސް މެޗްގެ 84 ވަނަ މިނެޓްގައި މަރިއާނޯ ޑިއަޒް ރެއާލް އަށް ނަތީޖާ ހަމަހަމަ ކޯށްދިން ލަނޑާއި 92 ވަނަ މިނެޓްގައި ރާމޯސް ބޮލުން ލަނޑު ޖެހި ލަނޑުން މެޗް ނިމުނީ އަނެއްކާވެސް ބާސާއާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އޮވެގެންނެވެ. މިއީ މިދިޔަ ދެ ހަފުތާ ތެރޭގައި މެޗްގެ ފަހު ވަގުތު ރާމޯސް ބޮލުން ކާމިޔާބު ކުރި ދެ ވަނަ ލަނޑެވެ.

ރެއާލް އަށް ދެން އޮތީ ކުލަބު ވޯލްޑް ކަޕެވެ. އެ މުބާރަތުގައި ވާދަ ކުރަން މިއަދު އެ ޓީމު ޖަޕާނަށް ދާނެއެވެ. ސެމީ ފައިނަލް މެޗްގައި އެތީމު ވާދަ ކުރާނީ އަންނަ ބުރާސްފަތި ދުވަހު ޖިއޯންބަކް ހައިޔުންޑާއި މޮޓާސްއާ ދެކޮޅަށެވެ.

ކުލަބު ވޯލްޑް ކަޕް އޮތުމުން ޒިދާން ވަނީ ރެއާލްގެ މުހިންމު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާގެ އިތުރުން ލުކަ މޮޑްރިޗަށް ރެސްޓް ދީފައެވެ. މެޗުން ރެސްޓް ދިނުމުން ރޮނާލްޑޯ އިނީ އޭނާގެ އާ ލޯބިވެރިޔާ ޖޯޖިއާނާ ރޮޑްރިގޭޒްއާއެކު ރެއާލްގެ ކުޅުންތެރިންގެ ބޮކްސްގައި މެޗް ބަލާށެވެ.