މި ރާއްޖޭގައި ސިޔާސީ ފޯރި އޮތް ހިސާބަކީ، މާތް ރަސްކަލާނގެ ދޮންކޭލަށް ދެއްވި ރަން ރީނދޫ ކުލައާ މެދު ވެސް ބަޔަކު މީހުން ހިތާނުވުމެވެ. ދޮންކޭލުގައި ނޫ ކުލަ ޖެއްސި ސިޔާސީ ބަލިމަޑުކަމެއް ވެސް ދެކެފީމު އެވެ. މަރުވެފައި އޮތް މީހާގެ މަހާނަ ގަލުގައި ނޫ ކުލަ ޖެއްސި ފޯރިގަނޑަކާއި އޭގައި ރީނދޫ ކުލަ ޖެއްސި ރޯގާއެއް ވެސް ދިވެހިން ދެކެފި އެވެ.
އެހެންވީމަ ސިޔާސީ މައިދާނުގައި ކުލަ ބުރުވައިލުމުގެ ފޯރިއަކީ އާ އެއްޗެއް ނޫނެވެ. މިއީ ރަން ރީނދޫ ކުލައިން މަޝްހޫރު އިދިކޮޅު އެމްޑީޕީ އާއި ނޫ ކުލައިން މަޝްހޫރުކަން ހޯދި ދިވެހި ރައްޔިތުންގެ ޕާޓީގެ ވާދަވެރިކަމުގައި ވެސް ފެނިގެން ދިޔަ ފޯރިއެކެވެ. އެ ފޯރި މި އޮތީ އަނެއްކާވެސް އެނބުރި އައިސްފަ އެވެ.
ހަމަ އެއްބަޔަކާ އެކުގަ އެވެ.
ވެރިކަމުގައި މިއަދު އޮތީ، ނޫކުލަ ދޫކޮށް ވަޑައިގެންނެވި ސިޔާސީ ބޭފުޅުން އުފެއްދެވި ޕީޕީއެމެވެ. އެމީހުންގެ ކުލަ އަކީ މެޖެންޓާ އެވެ. ނުވަތަ އާންމުންގެ މެދުގައި މަޝްހޫރުވެފައި ވަނީ އަސުރުމަލުގެ ކުލައިންނެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ގެންގުޅޭ މަޝްހޫރު ޓެގްލައިން، "ސަނީ ސައިޑް އޮފް ލައިފް" އާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ސްވެނިއާ ބޭގުގެ ކުލަ، އަސުރު މަލުގެ ކުލަ އަށް ނުވަތަ ސަރުކާރު ހިންގާ ޕީޕީއެމުގެ ރަސްމީ ކުލަ އަށް ބަދަލުވުމަކީ، އެކަން ސިޔާސީ ނުކޮށް ދޫކޮށްލާ ވަރަށް ވުރެ ހާމަކަން ބޮޑު ކަމެކެވެ.
މިއީ އެ ދުވަސްވަރު ނަމަ، "އެ ލޯގޯ" އޭ ކިޔުނު ފިލްމެއް ވެސް ބަޔަކު މީހުން އިއުލާނުކުރީހެވެ.
"ސަނީ ސައިޑް އޮފް ލައިފް" ކަމުނުދާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ރާއްޖޭގޭ ޓޫރިޒަމްގެ ދާއިރާ، ދެން މާ ތިމާވެއްޓާ ރައްޓެހި މާހައުލެއްގެ ގޮތުގައި ވިއްކަން ފެށީ އެވެ. އެ ހިސާބުން "ސަނީ ސައިޑް އޮފް ލައިފް" ގެ ނަން ރަސްމީކޮށް ބޭނުންކުރުން ހުއްޓާލައި "މޯލްޑިވްސް އޯލްވޭސް ނެޗްރަލް" ގެ ޝިއާރެއް ގެނައީ އެވެ.
ދެން އަމާޒުވީ ފާޑުކިޔުމެވެ. އެ ޓެގްލައިން ރާއްޖެއާ އެއްވެސް ގޮތަކަށް ނުގުޅޭ ކަމަށާއި އޭގެ ލޯގޯ ވެސް ބަޔަކަށް ބޮޑު އަގު ދީގެން ހެއްދިއިރު އެއީ ކޮޕީކޮށްފައިވާ ލޯގޯއެއް ކަމަށް ބުނެ ނަޝީދުގެ ސަރުކާރުގެ އެ ނިންމެވުމުގައި ހަމަ ރަނގަޅަށް ވެސް ސިޔާސީ ލިބާސް ލައްވައި އެ ލިބާސް ވީދާލީ އެވެ.
ޢާހިރުގައި އެ ލޯގޯއާ އެކު "ސަނީ ސައިޑް އޮފް ލައިފް" ގެ ޒަމާންވީ މަޝްހޫރު ލޯގޯ ވެސް ވީ އެންމެފަހުން، އެހެން ގައުމެއްގެ ޓޫރިޒަމް ލޯގޯއެއް ކޮޕީކޮށްގެން ހަދާފައިވާ ލޯގޯ އަކަށެވެ.
ޓޫރިޒަމް ދާއިރާގެ ޕްރޮމޯޝަން މިފަދަ ގޮތަކަށް ސިޔާސީވެގެން ދިއުމަށް ފަހު ނަޝީދުގެ ވެރިކަން ވެއްޓި "ސަނީ ސައިޑް އޮފް ލައިފް" އަނެއްކާވެސް އެނބުރި އައީ އެވެ. އެހެންވީމަ ނަޝީދުގެ ވެރިކަމަކީ "ސަނީ ސައިޑް އޮފް ލައިފެއް" ނޫންތާ އެވެ؟ އާދޭހެވެ. އެ ބޭފުޅާގެ ވެރިކަމަކީ "އަނެއް ދިވެހި ރާއްޖެ" އެވެ.
ކޮންމެއަކަސް އެ ވާހަކައެއް ނޫނެވެ. "ސަނީ ސައިޑް އޮފް ލައިފް" އެނބުރި އައިސް އޭގެ ރަން ރީނދޫ ކުލައިގެ ސްވެނިއާ އާލާތްތަކުގެ މައި ދަބަހުގެ ކުލަ އަސުރު މަލެއްހެން މި އޮތީ ފޮޅިފަ އެވެ. އަނެއްކާ، އަސުރު މަލެއްހާ އަވަހަށް މިލައި މޯޅިވެ ވެސް ވެދާނެ ހެއްޔެވެ؟
މިހެން މި ދެންނެވީ، އެހާ ވެސް އަވަހަށް "ސަނީ ސައިޑް އޮފް ލައިފް" ގެ ކުލަޔާއި ލޯގޯ ބަދަލުވާތީ އެވެ. ކުރިން އުޅުނީ ލޯގޯގެ ތަޅާފޮޅުމެކެވެ. މިހާރު ރަން ރީނދޫ ކުލައިގެ ސްވެނިއާ ދަބަސް، އަސުރުމަލުގެ ކުލަ އަށް ބަދަލުވީ އެވެ.
މިފަދަ ބައެއް ފަރާތްތަކުން މިގޮތަށް ވާހަކަ ދައްކާއިރު ފާހަގަކޮށްލަން ޖެހެނީ "ސަނީ ސައިޑް އޮފް ލައިފް" ގެ މި ކޮތަޅު، ހަމަ އަސްލަށް ވެސް ވަރަށް "އެމްޑީޕީކޮށްފައި" އޮތް ކަމެވެ. އެގޮތުން ދަބަހުގެ ބޭރުގައި އަޅާފައިވާ ޑިޒައިންގެ ތެރެއިން ގުލްސަންޕާ މާ ވެސް ފޮޅިގެން ނުކުމެފައި ހުއްޓެވެ.
އެ މަލަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީ ސިފަކޮށްދޭ މަލެކެވެ.
އެހެންވީމަ އަސުރު މަލުގެ ކޮތަޅަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދޭ މީހުން ބުނަނީ އެމްޑީޕީގެ ވެރިކަމުގައި ވެސް މި ދަބަސް އޮތީ ސިޔާސީކޮށް ރަން ރީނދޫ ކުލައިން ކަތިލައިފައި ކަމަށެވެ.
އެކަމަކު ރީނދޫ ކުލަ ނުޖައްސައި "ސަނީ ސައިޑް" ގެ މަންޒަރެއް ފުރިހަމައެއް ވެސް ނުވާނެ ނޫން ހެއްޔެވެ؟ އަނެއް ވާހަކަ އަކީ، އެމްޑީޕީގެ ވެރިކަމެއް އައުމުގެ މާ ކުރިން ވެސް މި ދަބަހެއްގަ އާއި ވިޒިޓް މޯލްޑިވްސްގެ އެހެން ޕްރޮމޯޝަންތަކުގައި ވެސް ރަން ރީނދޫ ކުލަ ބޭނުން ކުރެވެމުން އައި ކަމަށް ބުނާ ބުނުމެވެ.
ދެން ބައެއް މީހުން ހިތަށް އަރާފާނެ އެވެ. މި ޕްރޮމޯޝަނެއްގެ ފަހަތުގައި ތިއްބެވި ބޭފުޅުން ވިދާޅުވަނީ ކީކޭތޯ އެވެ. އަޅުގަނޑަކަށް ވެސް ނޭނގެ އެވެ.
"މި ދެން ހަމަ ކުލަ ބަދަލުކޮށްލީ" އޭ ވިދާޅުވެ އިތުރު މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެފައި ވަޑައިގެންނެވި އޮފިޝަލްގެ ޚަބަރެއް ވެސް ފަހަކުން ނުވީމަ އެވެ.