ރާއްޖޭގައި މަޝްހޫރު ނޫނަސް ފްރީރަނިން އަކީ ދުނިޔޭގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. އެހެނަސް ރާއްޖޭގައި ވެސް މިކަމަށް ލޯބި ކުރާ އަދި ލިބެން ހުރި ވަސީލަތްތައް ބޭނޫންކޮށްގެން މިކަން އަމިއްލިޔަށް ކުރާ ކުދިން މަދެއް ނޫނެވެ. މިކަން ކުރާ ދިވެހި ކުދިންނަށް މިކަމަށް އެންމެ އެކަށީގެންވާ ސަޕޯޓެއް ނުލިބުމުގެ ސަބަބުން މި ކުދިންގެ ހުނަރު ވަނީ ގިނަބަޔަކަށް ނުފެނި އެވެ.
ނަމަވެސް މި ކުދިންގެ ހުނަރު ދައްކާލީ ވޭތުވެދިޔަ ހަފްތާގައި ޔޫޓިބްގައި އާމުވި ވީޑިއޯ ތަކެއްގެ ސަބަބުންނެވެ. ތަފާތު ހުނަރުތައް ހުންނަ އެތްލީޓުންނަށް ހިތްވަރުދޭ، ރެޑްބުލް އިން ސްޕޮންސަކޮށްފައިވާ އެތްލީޓް، ޖޭސަން ޕޯލްމިވަނީ ދިވެހިންނާއި އެއްކޮށް އޭނާގެ ސްޓައިލް ރާއްޖޭގައި ދައްކާލާފަ އެވެ.
ވޭތުވެދި ހަފްތާއިން ފަށައިގެން ރާއްޖޭގައި ކޭމްޕްކޮށް ފްރީރަނިން އެކްސްޕީރިއަންސް ކުރަމުން އަންނަ ޖޭސަން ޕޯލްއަކީ ދުނިޔޭގައި ވަރަށްވެސް ނަން ހިނގާ އަދި އެހާމެ ކުޅަދާނަ އެތުލީޓިކެވެ. ޖަރުމަނުގެ މި އެތުލީޓަކީ 2009 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފްރީރަނިން މުބާރާތްތަކުގައި ވަރަށް ރަނގަޅު ވަނަތަކެެއް ހޯދަމުންއަންނަ އެތުލީޓެކެވެ. ރެޑްބުލްއިން މީނާ ސްޕޮންސާކޮށްފައިވަނީ 2005 ވަނަ އަހަރު އެވެ.
ޖޭސަން ޕޯލްއާއި އެއްކޮށް ފްރީރަނިން ހަދަމުން އަންނަ ދިވެހި ކުދިންނަކީ ރާއްޖޭގައި ފްރީރަނިން ހަދަމުން އަންނަ ދިވެހި ކްރޫއެއް ކަމުގައިވާ އެމްވީޕީކޭ ކްރޫ އެވެ. މި ކްރޫއާއި އެއްކޮށް ޖޭސަން ވަނީ ރާއްޖޭގައި ވަރަށް ތަފާތު އަދި ރާއްޖޭގެ މާހައުލު ވަރަށް ރަނގަޅަށް ސިފަކޮށްދޭ ވީޑިއޯތަކެއް އޭނާގެ ރަސްމީ ފޭސްބުކްގައާއި ޔޫޓިއުބްގައި އާމުކޮށްފައެވެ. މި ވީޑިއޯތަށް ނަގައިފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.
އެގޮތުން އޭނާގެ ފުރަތަމަ ލޮކޭޝަނަކަށް ވީ ހެންވޭރު އާޓިފިޝަލް ބީޗުގައި އޮންނަ ސްކޭޓްއޭރިއާއެވެ. އެއަށް ފަހު ހަމަ އެވީޑިއޯގައި ޖޭސަން ވިލިމާލެއަށް ރާއްޖޭގެ ފްރީރަނާސް ކްރޫއާއި އެއްކޮށް ދެއެވެ. އަދި ވިލިމާލޭގެ މަޝްހޫރު ޓަވާއަށް ގޮސް އެނާގެ ހުނަރު ދައްކާލުމުގެ އިތުރުން ރާއްޖޭގެ ފްރީރަނާސް ކްރޫއަށް ވަނީ ހިއްވަރުދީ އެނާގެ ބައެއް ސްޓައިލްތަށް އެކުދިންނަށް ދަސްކޮށްދީފައެވެ. ޖޭސަން ވަނީ މި ވީޑިއޯގައި އޭނާއާއި އެއްކޮށް އުޅުނު ރާއްޖޭގެ ފްރީރަނާސް އަށް ވަރަށް ތައުރީފް ކޮށްފައެވެ.
އޭނާ ބުނާގޮތުގައި އެއްވެސް ބަޔެއްގެ އެހީއަކާ ނުލާވެސް މިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އެކުދިން ކުރާ ހިތްވަރަކީ އޭނާ ވަރަށް ވެސް އުފާކުރާ ކަމެއްކެވެ. ހަމަ އެއާއެކު ދިވެހިންގެ އެންމެ ރަނގަޅު ކޮލިޓީއަކީ ދިވެހިން މޫނުމަތިން އަބަދުވެސް ފެންނަ ހިނިތުންވުންކަމަށް ޖޭސަން ބުނެ އެވެ.
ދެވަނަ ވީޑިއޯއަކަށް ޖޭސަން އާމުކުރި ވީޑިއޯއަކީ މާލޭގެ ލޯކަލް މާރުކޭޓް ހާބަރުގައި އަޅާފައިވާ ބޯޓުތަށްމަތިން އޭނާގެ ކުޅަދާނަ ފްރީރަނިންގް ސްޓައިލްތަށް ދައްކާލި ވީޑިއޯ ތަކެކެވެ. މި ވީޑިއޯ ވެގެން ގޮސްފައިމިވަނީ ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމައިގަތް ވީޑިއޯއަކަށެވެ. ދޯންޏަށް އަރަން ފިލާގަނޑެއްގެ މަތިން ހިނގާފާއި ދާން އަހަރުމެން ޖެހިލުންވެ ބިރުގަންނަ އިރު ޖޭސަން މިވަނީ އެ ފިލާގަނޑު މަތީގައި ދުވެފައި ނުވަތަ އެއް ބޯޓުގައި ހުރެ އެ ފިލާގަނޑުގެ މައްޗަށް ބިރަކާއި ނުލާ ފުއްމާލާފަ އެވެ. އޭނާއާ އެއްކޮށް މި ވީޑިއޯގައިވެސް ރާއްޖޭގެ ފްރީރަނާސްގެ ދެ ކުއްޖަކު ވަނީ އެކުދިންގެ ހުނަރު މުޅި ދުނިޔެއަށް ޖޭސަންގެ އެހީގައި ދައްކާލާފަ އެވެ.
ޖޭސަންގެ ތިންވަނަ ވީޑިއޯގައި ފީޗާކޮށްފައިވަނީވެސް ވިލިމާލޭގައެވެ. މި ވީޑިއޯ ހާއްސަވަނީ އެމްވީކޭ ކްރޫގެ ހުނަރުން ފުރިފައިވާ ދިވެހި ފްރީރަނާއެއް ކަމުގައިވާ ޒުމޯ އަށެވެ. މި ވީޑިއޯގައި ފުރަތަމަ ފެނިގެންދަނީ އެމްވީކޭ ކްރޫގެ ވިލިމާލެ ސްޕޮޓުގައި ޖޭސަން އާއި އެމްވީކޭ ކްރޫގެ އާދަޔާހިލާފު މޮޅު ހުނަރުތަކެވެ. ދެން އޭގެ ފަހުން ފެނިގެންދަނީ ޒުމޯގެ އުފަންދުވަސް ފާހަގަކުރުމަށް އޭނާގަޔަށް ބިސްޖަހާތަނެވެ. މިކަމުގައި ޖޭސަން ވެސް ބައިވެރިވެ އެވެ. ޖޭސަން އަށް މިކަން ވެގެން ދިޔައީ ވަރަށް އާދަޔާހިލާފު އަދި އެހާމެ ފޯރިގަދަ ކަމަކަށެވެ. ޖޭސަންގެ ހުނަރު ހުޅުމާލޭގައި ވެސް ވަނީ ދައްކާލައިފަ އެވެ.
ޖެސަން ޕޯލް ރާއްޖެއިން ފުރުމުގެ ކުރިން އެއާޕޯޓުގައި އަވަސް އަށް ދިން ހާއްސަ އިންޓަވިއުގައި ބުނީ ރާއްޖެއަކީ އޭނާ އަބަދުވެސް އަންނަށް ބޭނުންވި ތަނެއްކަމަށާއި މި ގައުމަކީ ވަރަށް ވެސް ރީތި ގައުމެއް ކަމަށެވެ. އޭގެއިތުރުން އޭނާ ބުނިގޮތުގައި ރާއްޖޭގެ އެންމެ ސަޅި ކޮލެޓީއަކީ ދިވެހިންނާއި ކަނޑާއި އޮންނަ ގާތް ގުޅުންކަމަށެވެ. ޖަރުމަނުގެ މި އެތްލީޓް ބުނަނީ ޖަރުމަނުގެ މޫސުމަށްވުރެ ރާއްޖޭގެ މޫސުން އޭނާއަށް މާ ހިތްފަސޭހަ ކަމަށެވެ. މާލެއާއި މާލެ ކައިރި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ފްރީރަނިން އެކްސްޕީރިއަންސް ކުރި ނަމަވެސް ޖޭސަން އަށް އެންމެ ކަމުދަނީ ވިލާމާލެ އާއި ވިލިމާލޭގެ ހިތްފަސޭހަ ކަމެވެ. ޖޭސަން ބުނާގޮތުގައި ރާއްޖޭގައި ވެސް މި ކުޅިވަރަށް މުސްތަގުބަލެއް އެބައޮތެވެ. އަދި މިކަން ކުރާ ކުދިންއަކީ ވެސް ވަރަށް ވެސް ހުނަރުވެރި އަދި ކުރިއަށް އޮތް މުސްތަގްބަލުގައި މަސައްކަތް ކޮށްފިނަމަ ނަންވިދާނެ ކުދިންތަކެކެވެ.
އެމްވީޕީކޭގެ ބޯޑް މެންބަރެއް "އަވަސް" އާ ވާހަކަ ދައްކަމުން ބުނީ ޖޭސަން ގެ މި ދަތުރުގެ ސަބަބުން އެމީހުންނަށް ވަރަށް ގިނަ އެއްޗިހި ދަސްވިކަމަށާއި އޭނަގެ ޑިސިޕްލިންއާއި އޭނަގެ ޓެލެންޓް އެއީ އެމީހުންއަށް އެއީ އިންސްޕިރޭޝަނެއް ކަމަށެވެ.
އެމްވީޕީކޭ އިން ވަނި ޖޭސަންގެ އިތުރަށް ރާއްޖޭގެ ރެޑްބުލް ކްރޫއަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާ ކޮށްފަ އެވެ. އެމީހުން ބުނާގޮތުގައި ރާއްޖޭގައި މިކަން ކުރުމަށް އެންމެ ބޮޑު ސަޕޯޓެއް ދޭ ފަރާތަކީ ރެޑްބުލްއެވެ. އަދި މިކުދިންގެ އުންމީދަކީ ރާއްޖޭގައި ވެސް މިކަން ކުރާ ބޮޑު ކޮމިއުނިޓީއެއް އުފެދި މިކަމަށް ހުރިހާ ދިވެހިންގެ ސަޕޯޓް ލިބުމެވެ.
ޖޭސަން ވީޑިއޯތަކަކީ ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދައުރުވާ ވީޑިއޯތަކެކެވެ. ރާއްޖޭގައި ވެސް މީނާއަށް ވަރަށް ބޮޑު ސަޕޯޓެއް އޮންނަކަން ސޯޝަލް މީޑިއާއަށް ބަލާލުމުން އެގެއެވެ. ޖޭސަން ޕޯލް ރާއްޖެއައީ މިމަހުގެ ހަވަނަ ދުުވަހުގެ ވަގުތެއްގައެވެ. ރާއްޖޭގެ ރެޑްބުލްގެ ދައުވަތަކަށް ރާއްޖެއައި މި އެތުލީތް ފުރީ މިމަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ރެޑްބުލްއިން ދަނީ އަބަދުވެސް މިކަހަލަ އެތްލީޓުން ރާއްޖެ ގެނެއުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ކުރީ ކޮޅު ރެޑްބުލްއިން ވަނީ ބައިކް ސްޓަންޓްމަން އެއްކަމުގައިވާ ޑޯޖީލެމްޕްކިން ވެސް ރާއްޖެ ގެނެސް ރާއްޖޭގެ ތަފާތު ސަރަހައްދު ތަކުގައި އޭނާގެ ސްޓަންޓް ޝޯތަކެއް ބާއްވާފަ އެވެ. މީގެ އިތުރުން ރެޑްބުލްއިން ދަނި ރާއްޖޭގައި ކޮންމެ އަހަރަކުވެސް ތަފާތު މުބާރާތްކެއް ބާއްވަމުންނެވެ. އޭގެ ތެރޭގައި ރެޑްބުލް ކެޗް ދި ފެރީ އަދި ރެޑްބުލް ގަލަން ކޮށްޓާވެސް ހިމެނެ އެވެ.