ރިޕޯޓް

ނިޒާމްބެ ޓީސީގައި ފައްކާ ކުރީ ކޮންކަމެއް؟

ދެ އަހަރެއްގެ ކުރިން ފުރަތަމަ ޑިވިޝަނަށް އަލަށް އަންނަ ޓީމުތަކަށް މާބޮޑު އިތުބާރެއް ނޯވެއެވެ. އަލަށް އަންނަ ޓީމު ސޮއްސާލައިގެން ދިއުން އަވަސް ކަމުންނެވެ. ދެ ވަނަ ޑިވިޝަނުން އެއް ވަނަ ޑިވިޝަނަށް އަންނަ ޓީމުތަކާ މެދު ސަޕޯޓަރުން ވިސްނުން ބަދަލު ކޮށްލީ މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނަށް އައިސް ދެއްކި ޖާދޫއިންނެވެ. ގަދަ ހައެއްގެ ތެރޭގައި ހިމެނުމަށް ނިކުތް ޓީމު ސީޒަން ނިންމާލީ ދެ ވަނައިގަ އެވެ.

ދެ ވަނަ ޑިވިޝަނުން އަންނަ ޓީމާ މެދު، މީހުންގެ އިތުބާރު ޓީސީއާ މެދު ބޮޑުވި އެއް ސަބަބަކީ އެޓީމުގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) ޓީސީގައި ފައްކާ ކޮށްފައި ޕްލޭނަށް އިތުބާރު އޮތުމުންނެވެ. އެއީ އަލަށް އަންނަ ޓީމެއް ގޮވައިގެން އެންމެ މައްޗާ ހަމަޔަށް ދިއުމުގެ ތަޖުރިބާ ރާއްޖޭގެ އެންމެ ބޮޑު އެއް ކޯޗަކީ ނިޒާމް ކަމަށް ވުމުންނެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބާރުގަދަ ތިން ކުލަބު ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓްރީގެ ވެސް އޭގެ އެންމެ ރަންޒަމާނުގަ އެވެ. ދެހާސް ހަތް ވަނަ އަހަރު ވިޔަންސާއާ އެކު އެ އަހަރުގެ ސީޒަންގެ އެއް ވަނަ ކުލަބު މަގާމު އޭނާ ހޯދި އެވެ.

ޓީސީ ގޮވައިގެން އަރައި އެންމެ އުހުގައި އިށީނީ އެއަށްވުރެ ވެސް ފުރިހަމަ އަށެވެ. މިސީޒަން ފެށުމުގެ ކުރިން ނިޒާންބެ ބުނީ މިފަހަރު އަމާޒަކީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމެވެ. ތައްޓެއްގެ ވާހަކަ ދެއްކީ ދިވެހި ލީގަށް ފަހުއެވެ. ތަށީގައި އަތް ނުލެވުނަސް މުޅި ސީޒަންގައި ސައްތައިން ސައްތަ ރެކޯޑެއް ދެމެހެއްޓި ޓީމެއް ޓީސީ ނޫނީ ނެތެވެ. ހުރިހާ މުބާރާތެއްގެ ރަނަރަފު މަގާމު ގެންދިއުމުން އަނެއްކާވެސް ނިޒާމްގެ އަތް މައްޗަށް ރޭންކިންގެ އެއް ވަނަ ކުލަބުގެ އެވޯޑް އައުމުގެ ފުރުސަތު އެބައޮތެވެ. އޭގެ އިތުރަށް އެންމެ މޮޅު ކޯޗްގެ އެވޯޑްގައި ވެސް އެންމެ ގިނަ މާކްސް އޮހޭނެ އެކަކަށް ވާނީވެސް އޭނާ އެވެ.

ޓީސީ އެއްވަރެއްގައި މިދިޔަ ދެ އަހަރު ޑޮމިނޭޓް ކުރުމުގެ ފަހަތުގައި އޮންނާނީ ނިޒާންބެ އެކުލަވާލި ޕްލޭން ކާމިޔާބު ވުމެވެ. ނަމަވެސް އަމިއްލަ ޕްލޭނާއި ޓެކްޓިކްސްތަކުގެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ.

"އެއްވަރެއްގައި ޑޮމިނޭޓް ކުރުމުގެ އެންމެ ބޮޑު ސިއްރަކީ ޓީސީގެ ކުޅުންތެރިންނާ މެނޭޖްމެންޓްގެ ސަޕޯޓް." އޭނާ ބުންޏެވެ.

ޓީސީގެ ތިބި ކީ ކުޅުންތެރިން މިއަހަރު ދެއްކި ޕާފޯމަންސްކީ އެ ކުޅުންތެރިންގެ މުޅި ކެރިއަރުގައި ވެސް ދެއްކި އެންމެ މޮޅު ކުޅުމެވެ. އަލީ ފާސިރު (ސެންޓޭ) އެވެ. ކީޕަރު މުހައްމަދު އިމްރާން އާއި ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އެވެ. މި ކުޅުންތެރިންގެ ފަރާތުން ކެރިއަރުގައި ވެސް ފެނުނު އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައިވަނީ މި އަހަރު ކަމަށް ބުނަނީ ހަމައެކަނި މީޑިއާ އަކުންވެސް ނޫނެވެ. ދިވެހި ފުޓްބޯޅައިގެ ފަންނީ މާހިރުން ވެސް މެއެވެ.

"އަސްލު. މިއީ ކޯޗުގެ ހިތްވަރު، ޕްރެކްޓިސްތަކުގައި ކޯޗު ވަރަށް ރަނގަޅަށް ކިޔައިދޭ މެޗްތަކުގައި ފޯކަސް ކުރަންވީ ކޮންކަމަކަށް ކަން. ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރަކީ ކޮބައިކަން ކޯޗަށް ވަރަށް ރަނގަޅަށް އެނގޭ، އެހެންވެ ކޯޗަށް އެނގޭނެ ކުޅުންތެރިންގެ ކިބައިގައި ހުރި ކޮލިޓީ ނެރެދެން،" ނިޒާންބެ އާ ބެހޭގޮތުން ސީޒަންގެ އެންމެ މޮޅު ކުޅުމެއް ދެއްކި ސެންޓޭ ބުންޏެވެ.

ސީޒަންގައި އެންމެ ވަރުގަދަ ކޮށް ފެނުނު މާޒިޔާ ބަލި ކުރުމުގެ އެންމެ ފަސޭހަ ގޮތް އެނގެނީ ވެސް ނިޒާމް އަށެވެ. ސީޒަންގައި މާޒިޔާ ދެ ފަހަރު ބަލި ކުރި އެހެން ކޯޗެއް އޭނާ ނޫނިއްޔާ ނެތެވެ. ސީޒަންގައި އެންމެ ފުރަތަމަ މާޒިޔާ ބަލި ކުރީވެސް އޭނާވެ. އެންމެ ފަހުން ވެސް މާޒިޔާ ބަލިކުރީ އޭނާ އެވެ. އެ ފޯމިލުލާ ތަކުރާކޮށް ބޭނުން ކުރަން އެނގުނު ކޯޗަކީ އެއީއެވެ. އެއީ އޭނާގެ ނެރެފައިވާ ފޯމިއުލާއެކެވެ. އެ ދެ މެޗްގައިވެސް ބޭނުން ކުރީ ތަފާތު ދެ ވިސްނުމެކެވެ.

"އެއީ ހަމަ ޓީމު ގެ ކުޅުންތެރިންގެ ހިތްވަރު، ވަކި ހާއްސަ ރޭވުމެއް ނެތް ނަމަވެސް ތި އިޝާރާތް ކުރި ގޮތަށް މެޗް ޓީސީ ކޮޅަށް އަނބުރާ ލުމަށްޓަަކައި ބަލަން އެ ޓީމުން ނިކުންނަ ފުރަތަމަ އެގާރައަށް އެ ނިކުންނަ ކުޅުންތެރިންނަށް ބަލާފަ ޓީސީގެ ޓެކްޓިކްސް ބަދަލު ކުރަނީ."

ޓީސީ އޭގެ އެންމެ އުހުގައި ދަނީ ޒުވާން ކުޅުންތެރިންވެސް އުފައްދަމުންނެވެ. ދެ ވަނަ ޑިވިޝަނުން ފެށިގެންް ވެސް އެ ޓީމުން ފާހަގަ ކުރެވުނު ފަސް ކުޅުންތެރިޔަކު ފުރަތަމަ އެގާރައިގައި މިހާރުވެސް ކުޅެމުން ދެއެވެ.

ކުޅުންތެރިން ޕްރޮފިޝަނަލްޓީ ހަނދާން ކޮށްދޭން ޖެހޭ އެންމު މުހިންމު މީހަކީ ކޯޗެވެ. ނިޒާމުގެ އެންމެ ހާއްސަ ކެރެކްޓާއަކީ އެއީއެވެ. ޕްރޮފިޝަނަލް ކޯޗެއްގެ ސިފަތައް ހިފެހެއްޓުމަށް އޭނާ ދޭ އަހަމިއްޔަތެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް ބަލައިފިނަމަ އަތް ދިގު ގަމީހާއިއެކު ބެގީކޮށް ޓައީ އަޅައިގެންދިޔަ ފުރަތަމަ ކޯޗަކީ އޭނާ އެވެ. އެއީ ހަގީގަތުގައިވެސް ފުޓްބޯޅަ އަށް އޭނާ ދެއްކި ނަމޫނާއެކެވެ. ރާއްޖެއަށް އާ ނަމަވެސް އެއީ ބޭރުގެ އެހެން މުބާރާތްތަކުގައި ލާޒިމު ކޮށްފައި އޮންނަ ކަމެކެވެ. ކޯޓު ފަޓުލޫނުގައި ކޯޗް ބެންޗުންގައި ހުރުމެވެ. އޭރު ބޭގީކޮށް ޓައީ އަޅައިގެން ދިއުމުން ބައެއް އެހެން ކޯޗުންނަށް އެކަންވީ ބަލައިގަންނަން އުނދަގޫ ކަމަކަށެވެ.

"އޭރު ބެގީކޮށް ޓައީ އަޅައިގެން ބެންޗަށް ދިޔައީމަ ބައެއް އެހެން ކޯޗުން ފާޑުވެސް ކީ ނަމަވެސް މިއަދު އެހެން ކޯޗުން ވެސް ބެގީ ކުރާތަން ފެނޭ އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަން އެމީހެއް ވަޒީފާއަށް އެންމެ ބޮޑަށް އިހްތިރާމު ކުރަން ޖެހޭނީ އެ މީހަކު، މިއަދު ބެގީކޮށް ޓައީ އަޅައިގެން ބެންޗަށް ދިޔައީމަ އެންމެންނަށްވެސް ކަމުދޭ."

އެ ހިފެހެއްޓި އުސޫލުތަކާއެކު އޭނާ ދަނީ ރާއްޖޭގައި ބްރޭންޑަކަށް ވަމުންނެވެ. ރާއްޖޭގެ އެންމެ އިސް ކޯޗުންގެ އިތުބާރާއި ތައުރީފު އޭނާ އަށް އެބަޮތެވެ. ނިޒާންބެގެ ޓީސީ އަށް ވެއްދި ވިސްނުމަކީ އެއީ އެވެ.