ރިޕޯޓް

ތެލުގެ އަގު ބޮޑުވީ ކޮން ބާޒާރެއްގައި؟

ތިޔަ ބުނާ ތެލެއް، މި ރާއްޖެ އިން ފެންނާނެ ނަމަ ކިހާ ރަނގަޅުވީސް ތޯ އެވެ؟ އެކަމަކު އެ ނަސީބެއް އަދި ނެތެވެ. އޮތް ގޮތަކީ މިއީ އެވެ. ދިރިއުޅުމަކީ މިއީ އެވެ.

އަގުހެޔޮ ޕެޓްރޯލް ލީޓަރަށް "ޓާޓާ" އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އޭގެ ރަސްމީ މަގާމަށް އެނބުރި ދިއުމުގެ ދަތުރު ފަށައިފި އެވެ.

އޭގެ ޚަބަރެއް ވެލުމާ އެކު އެސްޓީއޯ އިން މި ވަނީ ތެޔޮ ލީޓަރަކުން ރުފިޔާއެއް ބޮޑުކޮށްފައެއް ނޫން ހެއްޔެވެ؟ އެހެންވީމަ ލަފާކުރެވޭ ގޮތުން ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވެސް، މާލޭގެ އާންމު އަގު ކަމުގައިވާ 14-15ރ. އަށް ޖެހިލާނެ އެވެ.

"އަގުހެޔޮކުރާއިރު ލީޓަރަކުން ދެ ތިން ލާރި ކަނޑަމުން ގެންދާނީ. އަގުބޮޑުކޮށްލާއިރު މިހިރީ ހަދާ ގޮތް،" ދިހަ ރުފިޔާ އަށް ޕެޓްރޯލް ލީޓަރެއް ގަންނަން އަލުން ނުލިބޭނެތީ މޫނުކުނިކޮށްލައިގެން ރަތްދަކަ އަވީގައި ޕެޓްރޯލް ޝެޑްގެ ކިޔޫ ލައިނުގައި ޖެހިގެން ހުރި މެދު އުމުރުގެ ފިރިހެނަކު ބުނީ މިހެންނެވެ.

ރިކޯޑް މިންވަރަކަށް ވެއްޓިފައިވާ ތެލުގެ އަގު ކުޑަކޮށް މައްޗަށް ޖެހިލާފައި ވަނީ ލީބިއާގެ ދާޚިލީ ހަނގުރާމަ އާއި އިރާގަށް މި ދުވަސްކޮޅު އަރައިގެން އުޅޭ ވެލީގެ ތޫފާންތަކެއްގެ ބާރު ބޮޑުކޮށްލާފައި އޮތުމާ ގުޅިގެންނެވެ. މި ދެ ސަބަބާ ހެދި އެ ސަރަހައްދުތަކުން އުފައްދާ ތެލުގެ ނިސްބަތް ވަނީ މަދުވެފަ އެވެ.

މީގެ އިތުރުން އެމެރިކާ އަށް މި ފަހުން ކުރިމަތިވި ސްނޯގެ ތޫފާނާއި ބްރެޒިލް އަށް ކުރިމަތިވި ހަނަފަސްކަމުގައި ތެލުގެ ޑިމާންޑް އެ ސަރަހައްދުގައި ބޮޑުވެގެން ދިއުމަކީ ވެސް، ތެލުގެ އަގު މި ދުވަސްކޮޅު މައްޗަށް ޖެހިލާފައި އޮތުމުގެ ސަބަބެކެވެ.

މި ސަބަބުތައް ނެތިގޮސް ތެލުގެ އަގު އަނެއްކާވެސް ވެއްޓިގެން ދާނެ ކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ލަފާކުރިޔަސް މި އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނަނީ ތެލުގެ އަގު ދެން ދާނީ އޭގެ ރަސްމީ މަގާމަށް ކަމަށެވެ. މި އަހަރު ނިމެންވާ އިރަށް ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރާއި 80 ޑޮލަރާ ދެމެދުގައި ހަމަޖެހިލާނެ ކަމަށް ތެޔޮ އިންޑަސްޓްރީގެ ބޮޑެތި ބާރުތަކުން އޮތީ ކުރިން ވެސް އިންޒާރު ދީފަ އެވެ.

ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ބާޒާރުގައި އުޅުނީ 115 ޑޮލަރުގަ އެވެ. މި އަގު ވެއްޓެމުން ގޮސް މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ފީފާއެއްގެ އަގު 49 ޑޮލަރަށް ވެއްޓިފަ އެވެ.

ތެޔޮ ފީފާއެއްގެ އަގު 2010 ވަނަ އަހަރުން ފެށިގެން މި ވެއްޓުމެއް ލައިގަތުމާ ހަމަ އަށް ހުރީ 100 ޑޮލަރުގައި ހިފެހެއްޓިފަ އެވެ. އޭރު ތެލުގެ އަގު އާދަޔާހިލާފަށް މައްޗަށް އަރައިގެން ދިޔައީ ޗައިނާގައި އޮތް ބޮޑު ޑިމާންޑާއި އިރާގުގައި އޮތް ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މި ފޯރީގައި ތެޔޮ އުފެއްދުން ވެސް އިތުރުކޮށްފައި ވަނިކޮށް އިގްތިސާދީ ގޮތުން ހަމަޖެހިލުމަށް ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން އަޅަން ފެށި ފިޔަވަޅުތަކާ އެކު ތެލަށް އޮތް އެ ޑިމާންޑް ދަށްވާން ފެށީ އެވެ.

އެގޮތުން 2014 ފެށިގެން އައިއިރު ތެލަށް އޮތް ޑިމާންޑަށް ވުރެ އޭގެ ސަޕްލައި އޮތީ ބޮޑުވެފަ އެވެ. މި ސަޕްލައި ކޮންޓްރޯލްކޮށް ތެލުގެ އަގު ކޮންޓްރޯލްކުރުމުގެ ބާރު އޮތީ އޯޕެކަށެވެ.

ނަމަވެސް ތެލުގެ ޑިމާންޑް ދަށްވެފައި އޮތް ނަމަވެސް ތެޔޮ އުފައްދާ މިންވަރު ދަށްކުރާ ކަމަށް އޯޕެކުން ބޭނުމެއް ނުވި އެވެ. ސައޫދީ އަރަބިއްޔާ އާއި އީރާން ފަދަ ގައުމުތަކުން އެކަމަށް އެއްބަސްނުވީ ތެލުގެ ބާޒާރުގައި އެމީހުންގެ މަގާމު ގެއްލިދާނެ ކަމަށް ވިސްނައިގެންނެވެ.

އެމެރިކާ އިން ތެލުގެ ވިޔަފާރީގެ ކޮންޓްރޯލް އަތުލަފާނެ ކަމުގެ ބިރަށް ސަޕްލައި މަދުކުރުމަށް ސައޫދީ އާއި އީރާން ފަދަ ބޮޑެތި ގައުމުތަކުން ދެކޮޅު ހެދުމުން ތެލުގެ އަގު، އޭގައި އެއްވެސް ބާރެއް ނެތި، ވެއްޓުނީ އެވެ.

ތެލުގެ އަގު ވައްޓާލީ ސައޫދީ އާއި އީރާން ފަދަ ގައުމުތަކުން އެމީހުންގެ މާކެޓް ޝެއާގައި ހިފަހައްޓައިގެން ތިބުމަށް، ގަސްދުގަ އެވެ.