މި މަހު 17 ވަނަ ދުވަހު ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރަން ކުރިމަތިލެއްވުމަށްފަހު ކުރީގެ ޖެނަރަލް ސެކެޓްރީ އާރިފް ރިޒާ ނަން އަނބުރައި ގެންދަވައިފިއެވެ.
އޭނާ ނަން އަނބުރާ ގެންދަވަން ނިންމެވީ މިއަދު އެވެ. މިއަދު ހެދުނު އަވަސްއިން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ މިހާރުގެ ޖެނަރަލް ސެކެޓްރީ ވިޝާމް ރަޝީދަށް ގުޅުމުން އޭނާ ވިދާޅުވި ލިސްޓްގައި އާރިފްގެ ނަންވެސް ހިމެނެ އެވެ.
ނަމަވެސް މިއަދު މެންދުރު އެމްބީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ އާރިފް މިއަދު ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
ނަން އަނބުރާ ގެންދެވި ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން އާރިފް ވިދާޅުވީ "އެއީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް" ކަމަށެވެ.
އާރިފް އަކީ އޮކްޓޫބަރު މަހު ބޭއްވި އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ސިނާންގެ ޓީމުގައި ހިމެނި ވަޑައިގެން ނައިބުރައީސް ކަމަށް ވާދަ ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ނައިބުރައީސް ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ބާސްކެޓް ކޯޗް ހަސަން އިސްމާއީލްއެވެ.
މިހާރު އިންތިހާބުގައި ވާދަ ކުރައްވަނީ އެންމެ ފުރަތަމަ އިންތިހާބުގައި ސިނާންއާ ވާދަ ކުރެއްވި އަހްމަދު މަމްދޫހް (މަންޑޭ) އާއި އޭރު ބޭއްވި އިންތިހާބުގައި އެކްސްކޯގެ ފުރިހަމަ މެންބަރު ކަމަށް ވާދަ ކުރެއްވި މިހާރުގެ ޖެނަރަލް ސެކެޓްރީ ވިޝާމް ރަޝީދެވެ. ވިޝާމް އަކީ އެ އިންތިހާބުގައި މަންޑޭގެ ޓީމުގައި ހިމެނެިގެން ވާދަ ކުރެއްވި ބޭފުޅެކެވެ.