ހޮލީވުޑް

ސިންޑްރެލާގެ ބިއްލޫރި ބޫޓް ފިލްމުގެ ބަތަލާއަށް ހެޔޮވަރެއްނުވި

ޑްރާމާ ސިލްސިލާ ޑައުންޓައުން އެބީ" އިން ވިދާލި އިނގިރޭސި ބަތަލާ ލިލީ ޖޭމްސް އަކީ ސިންޑްރެލާ އެވެ.

މަޝްހޫރު ފެއަރީ ޓޭލް "ސިންޑްރެލާ" ގެ އަސްލަށް ޑިޒްނީ އިން އުފައްދާފައިވާ ލައިވް އެކްޝަން ފިލްމުގެ ޓައިޓްލް ރޯލާ އެކު އަންނަ ހުކުރު ދުވަހު ލިލީ ޖޭމްސް ބެލުންތެރިންނާ ބައްދަލުކުރާއިރު އޭނާ ބުނަނީ ސިންޑްރެލާގެ ބިއްލޫރި ބޫޓް އޭނާގެ ފަޔަށް ވެސް ހެޔޮވަރެއް ނުވި ކަމަށެވެ.

ފިލްމަށް ތައްޔާރުކުރި ބިއްލޫރި ބޫޓު އޭނާގެ ފިޔަވަޅަށް މާ ބޮޑުވީ އެވެ. ފަހަރެއްގައި ސިންޑްރެލާގެ ސްޓެފް ދައްތައެއް ކަމުގައިވާ އެނެސްތޭޝިއާގެ ރޯލު ކުޅެން އޭނާ ފިލްމުގެ އޮޑިޝަނުގައި ބައިވެރިވީމަ އެވެ.

"ޓައިމް" އަށް ދިން އިންޓަވިއުއެއްގައި ލިލީ ޖޭމްސް ބުނެފައި ވަނީ އޭނާ ފިލްމުގެ އޮޑިޝަނުގައި ބައިވެރިވީ އެއްގޮތަކަށް ވެސް ސިންޑްރެލާގެ ރޯލު ކުޅުމަކަށް ނޫނެވެ.

"އަހަރެން އަސްލު ދިޔައީ އެނެސްތޭޝިއާގެ ރޯލު ކުޅެން. އަހަރެން ބޭނުންވީ ކޮންމެ ހެން މާ ރީތި މީހަކަށް ވާން ނުޖެހޭ ކަހަލަ ރޯލެއް ނަގަން. އެކަމަކު އޮޑިޝަނަށް ގޮސް އުޅެނިކޮށް ފިލްމުގެ ކާސްޓިން ޑައިރެކްޓަރު އެދުނީ ސިންޑްރެލާގެ ރޯލަށް ވެސް އޮޑިޝަން ޖައްސަން،" ފިލްމުގެ ލީޑް ރޯލު ލިބުނު ގޮތް ކިޔައިދެމުން ލިލީ ޖޭމްސް ބުންޏެވެ.

 

އެންމެފަހުން އެތައް ސަތޭކަ ކުދިންނެއްގެ ތެރެއިން ސިންޑްރެލާގެ ރޯލު އޭނާ އަށް ލިބުނަސް ސިންޑްރެލާގެ ބިއްލޫރި ބޫޓް އޭނާ އަކަށް ހެޔޮވަރެއް ނުވި އެވެ. ލިލީ ޖޭމްސް އަދި ބުނީ އެ ބޫޓް ހެޔޮވަރުނުވިއިރު ފިލްމުގެ ޝޫޓިންގައި އެންމެން ވެސް އުޅުނީ އެ ބޫޓް ވެއްޓި ތަޅައިގެން ހިނގައިދާނެ ކަމުގެ ބިރަށް ކަމަށެވެ.

މި ފިލްމުގައި ސިންޑްރެލާގެ ޕްރިންސް ޗާމިންގެ ރޯލު ކުޅެފައި ވަނީ "ގޭމް އޮފް ތްރޯންސް" ގައި ރޮބް ސްޓާކްގެ ރޯލު ކުޅުނު ރިޗަޑް މެޑެން އެވެ.

ނުލަފާ ދޮންމަންމަގެ ރޯލުން ކުޅެފައި ވަނީ ކޭޓް ބްލެންޗެޓް އެވެ. ހެލީނާ ބޯނަމް ކާޓާ އަކީ ދަ ފެއަރީ ގޯޑްމަދާ އެވެ.

ބުނެވޭ ގޮތުގައި މި ފިލްމުގެ ވާހަކަ އޮރިޖިނަލް ސިންޑްރެލާގެ ވާހަކައާ ވަރަށް ބޮޑަށް ތަފާތުވާނެ އެވެ. އެގޮތުން އަނިޔާ ލިބިފައިވާ އަންހެން ކުއްޖެއްގެ ރޯލުން އަސްލު ސިންޑްރެލާ ފެނުނަސް މި ފިލްމުގައި ސިންޑްރެލާ ފެންނަ ގޮތް ވެސް ތަފާތުވާނެ ކަމަށްވެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކެނެތު ބްރޭނެހް އެވެ.